އދގެ ސެކްރެޓަރީ ޖެނެރަލްކަން މިހާތަނަށް އެއްވެސް އަންހެނަކު ނުކުރާކަމަށާއި އެހެންކަމުން ދެން އަންނަ ދައުރަކަށް އެމަގާމަށް އަންހެނަކު އައްޔަންކުރުމަށް އދގެ އާންމު މަޖިލީހުގެ ރައީސް އަދި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ގޮވާލައްވައިފި އެވެ.
އާއްމު މަޖިލީހުގެ ރައީސް ޝާހިދު މިކަމަށް ގޮވާލެއްވީ އދގެ ކޮމިޝަން އޮން ދަ ސްޓޭޓަސް އޮފް ވިމެންގެ 66 ވަނަ ބައްދަލުވުން ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ. މިނިސްޓަރު ޝާހިދު ވިދާޅުވީ އދގެ 76 އަހަރުވީ ތާރީޚުގައި ޢާއްމު މަޖިލީހުގެ ރައީސްކަން ކުރެއްވީ 4 އަންހެނުން ކަމަށާއި، ސެކްރެޓަރީ ޖެނެރަލްކަން އެއްވެސް އަންހެނަކު ކޮށްފައި ނުވާކަމަށެވެ. އަދި މިކަމަކީ ބަދަލުކުރަން ޖެހޭކަމެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
މިންތީގެ ހަމަހަމަކަން ގާއިމްކުރުމާއި އަންހެނުން ބާރުވެރިކުރުމުގެ "ގޯލްޑް ސްޓޭންޑާޑް" ކަނޑައެޅުމުގެ ވާހަކަ އދ އިން ދައްކާއިރު އެކަމުގެ މިސާލު އދ ގައި ނުދައްކާ ނުތިބެވޭނެ ކަމަށް މިނިސްޓަރު ޝާހިދު ވިދާޅުވިއެވެ. އަދި މިކަމުގައި އިސް ނަންގަވައި، ދެން އަންނަ ދައުރަކަށް އދގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމަށް އަންހެނަކު ހޮވުމަށް ބާރު އަޅުއްވާނެ ކަމަށް ވިދާޅުވިއެވެ.
އެކަމުގައި އދގެ މެމްބަރު ގައުމުތަކުން އެމަނިކުފާނާ ބައިވެރިވުމަށް މިނިސްޓަރު ޝާހިދު ގޮވާލެއްވިއެވެ. މިނިސްޓަރު ޝާހިދުގެ މި ގޮވާލެއްވުމަށް މެމްބަރުން ގައުމުތަކުން ވަނީ ހޫނު ތަރުހީބެއް ދީފައެވެ.