ޔޫއެން

އިސްލާމްދީނާމެދު ނަފުރަތު އުފެއްދުމާ ދެކޮޅަށް މަސައްކަތްކުރާ ދުވަހެއް ކަނޑައަޅައިފި

ދިވެހިރާއްޖޭގެ ބައިވެރިވުމާއެކު، އިސްލާމް ދީނާމެދު ނަފްރަތު އުފެއްދުމާ ދެކޮޅަށް މަސައްކަތް ކުރާ ބައިނަލްއަގްވާމީ ދުވަހުގެ (އިންޓަނޭޝަނަލް ޑޭ ޓު ކޮމްބެޓް އިސްލާމޮފޯބިއާ) ގޮތުގައި ކޮންމެ އަހަރެއްގެ މާޗް މަހުގެ 15 ދުވަސް ފާހަގަކުރުމަށް އދ ގެ އާއްމު މަޖިލީހުން މިއަދު ފާސްކޮށް ފިއެވެ.

އިސްލާމީ ގައުމުތަކުގެ ޖަމްއިއްޔާ (އޯއައިސީ)ގެ ގައުމުތަކުން ހުށަހެޅި މި ގަރާރު ފާސްކުރުމަށް އަދި ގަރާރުގައި ހިމެނޭ ކަންކަމުގައި ގައުމުތަކުން އެއްބަސްވުމަކަށް ގެނައުމަށް އދގެ އާއްމު މަޖިލީހުގެ ރައީސް އަދި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު މުހިއްމު ދައުރެއް އަދާކުރެއްވިއެވެ. 

މި ދުވަސް ބައިނަލްއަގްވާމީ ދުވަހެއްގެ ގޮތުގައި ކަނޑައެޅުމަށް އިސްލާމީ ގައުމުތަކުގެ ޖަމްއިއްޔާގެ ހާރިޖީ ވަޒީރުންގެ ކައުންސިލުން 2020 ވަނަ އަހަރު ނޮވެމްބަރު މަހު ނީޖާގެ ނިއާމޭގައި ނިންމި ބައްދަލުވުމުގައިވެސް ފޮރިން މިނިސްޓަރު ޝާހިދު ބައިވެރިވެވަޑައިގަތެވެ. އަދި މި ގަރާރު އދގެ އާއްމު މަޖިލީހަށް ހުށަހެޅުމަށް މެމްބަރު ގައުމުތަކުން ކުރި މަސައްކަތުގައި ރާއްޖެއިން ވަނީ މުހިއްމު މަސައްކަތްތަކެއް ކޮށްފައެވެ.

އިސްލާމް ދީނާމެދު ނަފްރަތު އުފެއްދުމާ ދެކޮޅަށް މަސައްކަތް ކުރާ ބައިނަލްއަގްވާމީ ދުވަހުގެ މަގްސަދުތަކުގެ ތެރޭގައި އިސްލާމް ދީން ހިމެނޭހެން އެކި ދީންތަކަށް ނިސްބަތްވީތީ ކުރިމަތިވާ ތަފާތުކުރުންތަކާ ފުރައްސާރައާ ދެކޮޅަށް މަސައްކަތް ކުރުން ހިމެނެއެވެ. އަދި އަޅުކަންކުރާ ތަންތަނަށް އެކި ގޮތްގޮތުން ދެވޭ ހަމަލާތައް ކުށްވެރިކުރުންވެސް ހިމެނެއެވެ.