ދިވެހިންގެ ތެރޭގައި ކެންސަރު ބަލި ގިނަވާން މެދުވެރިވާ ސަބަބުތައް ދެނެގަތުމާ ގުޅޭ ހާއްސަ ދިރާސާއެއް ކުރަން ފަށައިފި އެވެ.
ސަރުކާރުގެ ފަރާތުން މިކަން ހާމަކުރެއްވީ ދުނިޔޭގެ ސިއްހަތު ދުވަސް ފާހަގަކުރުމުގެ ގޮތުން މިރޭ ޣިޔާސުއްދީން ސްކޫލުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ހެލްތު މިނިސްޓަރު އަހްމަދު ނަސީމް އެވެ.
މިނިސްޓަރު ވިދާޅުވީ ކެންސަރު ބައްޔާ ގުޅޭ ދިރާސާ ކުރަނީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާ -- ޑަބްލިއުއެޗްއޯއާ ގުޅިގެން ކަމަށެވެ. މިދިރާސާގައި ދިވެހިންގެ ކެއިންބުއިމުގެ އާދަތަކާއި ސިއްހީ މައްސަލަތަކާ ކެންސަރާ ހުރި ގުޅުން ބަލާނެ ކަމަށެވެ.
"ކެއިން ބުއިމާ މާހައުލުގެ ޒަރީއާއިން ކުރިމަތިވާ ސިއްހީ މައްސަލަތައް ދެނެގަތުމަށް އަދި ވަކިން ހާއްސަކޮށް ކެންސަރު ބައްޔަށް ރާއްޖޭގައި މީހުން ހުށަހެޅޭ ސަބަބުތައް ދެނެގަތުމަށް ޑަބްލިޔުއެޗްއޯއާ ގުޅިގެން ދިރާސާކުރަން ވަނީ ފެށިފައި،" މިނިސްޓަރު ވިދާޅުވި އެވެ.
ރާއްޖޭގައި ކެންސަރު ބަލީގެ ހާއްސަ ދިރާސާއެއް ފަށާފައި މިވަނީ އެ ބަލީގައި މަރުވާ މީހުންގެ އަދަދު އަހަރުން އަހަރަށް އިތުރުވަމުން ދަނިކޮށެވެ.
ސަރުކާރުގެ ކަމާ ގުޅޭ އިދާރާތަކުގެ ތަފާސްހިސާބުތަކަށް ބަލާއިރު 2020 ވަަނަ އަހަރު އެކަނިވެސް ރާއްޖޭގައި 100 އަށް ވުރެ ގިނަ މީހުން ކެންސަރާ ގުޅުންހުރި ބަލިތަކުގައި މަރުވެފައިވެ އެވެ.
ސަރުކާރުން މިހާރު ވަނީ ކެންސަރު ބައްޔަށް ހާއްސަ ހޮސްޕިޓަލެއް ވެސް އެޅުމަށް ނިންމާފަ އެވެ. އެގޮތުން އިންޑިއާ ސަރުކާރުގެ އެހީގައި ލ. ގަމުގައި ހަދާ އެ ހޮސްޕިޓަލްގެ މަސައްކަތް ނިމުމުން ކެންސަރު ބަލީގެ ފަރުވާ އަށް ރާއްޖެއިން ބޭރަށް ދާން ނުޖެހޭނެ ކަމަށް ހެލްތު މިނިސްޓްރީން މީގެކުރިން ބުނެފައިވެ އެވެ.
ކެންސަރު ބައްޔަށް ފަރުވާ ދިނުމަށް ހާއްސަ ސެންޓަރެއް ނިމިދިޔަ ސަރުކާރުގައި ހުޅުމާލެ ހޮސްޕިޓަލްގައި ގާއިމުކޮށްފައިވެ އެވެ. ނަމަވެސް އެތަނުގައި ރޭޑިއޭޝަން ފަރުވާ ލިބޭނެ ގޮތްތަކެއް އަދި ހަމަޖެހިފައި ނުވާތީ ކެންސަރު ބަލީގެ ބައެއް މީހުން އިތުރު ފަރުވާ އަށް މިހާރު ވެސް ރާއްޖެއިން ބޭރަށް ދެއެވެ.