ދުނިޔެ

"އިންޑިއާއިން ޕާކިސްތާނު އިބުރަތް ހާސިލް ކުރަންޖެހޭ"

އިންޑިއާގެ ފޮރިން ޕޮލިސީއަށް ވަރަށް ބޮޑަށް ތައުރީފު ކުރައްވައި ޕާކިސްތާންގެ ބޮޑުވަޒީރު އިމްރާން ހާން ވާހަކަފުޅު ދައްކަވައިފި އެވެ. އިމްރާން ވިދާޅުވީ އިންޑިއާ ކަންކުރަންވާ އެކަކަށް ވެސް ބުނެ ނުދެވޭނެ ކަމަށާއި އިންޑިއާގެ މިސްރާބު އޮތީ އެ ގައުމަށް ފައިދާވާ ގޮތަށް ކަމަށެވެ.

އިމްރާން ބޮޑުވަޒީރު ކަމުން ދުރުކުރަން ޕާކިސްތާންގެ އިދިކޮޅު ޕާޓީތަކުން މަޖިލީހަށް ހުށަހަލާފައި އޮތްއިރު މިއަދުގެ ވަގުތެއްގައި އެ މަޝްވަރާތައް ފަށާނެ އެވެ. އަދި އިތުބާރު ނެތް ކަމަށް ނަގާ ވޯޓާ މެދު ގޮތެއް ކަނޑައަޅާނެ އެވެ.

ގައުމާ މުހާތަބު ކުރަައްވައި އިމްރާން ދެއްކެވި ވާހަކާގައި، އިންޑިއާއަކީ ގައުމާ މެދު ވަރަށް ފަޚުރުވެރިވާ ގައުމެއް ކަމަށް ވިދާޅުވި އެވެ. އަދި ވިދާޅުވީ މިނިވަން ކަމުގައި އިންޑިއާ ދެމެހެއްޓިފައި އޮތީ އެމީހުންގެ އެއްބައިވަންތަކަމުން ކަމަށާއި ދުނިޔެގޭ ގަދަ ބާރުތަކުން ވެސް އިންޑިއާއަށް ތައުރީފުކުރާ ކަމަށެވެ.

އިންޑިއާ އާއި ޕާކިސްތާނަށް މިނިވަންކަން ލިބުނީ އެކުއެކީގައި ކަމަށް ވިދާޅުވެ އިމްރާން ވިދާޅުވީ އެކުވެރިން ގޮތުގައި ދެ ގައުމަށް މާގިނަ ދުވަހު ދެމި ނުތިބެވުނު ކަމަށެވެ.

ޕާކިސްތާނަށް ޓަކައި އިންޑިއާއިން ހިތްވަރު ލިބިވަޑައިގަންނަވާ ކަމަށް ވެސް އިމްރާން ވިދާޅުވި އެވެ. އިންޑިއާ ފަދައިން ފައިދާ ލިބިގަންނަން ދަންނަ ބަޔަކު ޕާކިސްތާންގައި ތިބެން ޖެހޭ ކަމަށް ވެސް ވިދާޅުވި އެވެ.

އިމްރާން ހާން ސީދާކޮށް ވިދާޅު ނުވި ނަމަވެސް ވާހަކައިގައި ވިދާޅުވާން ބޭނުންފުޅުވި ނުކުތާއަކީ އެކަށިގެން ނުވާހާ އަވަސް އަވަހަށް ވެރިކަން ވައްޓާލަން ހަދައިގެން ގައުމަށް ވާނެ ފައިދާއެއް ނެތް ކަމެވެ.

ގައުމަށް ޓަކައި ދެމެހެއްޓެނިވި ތަރައްގީއަށް އެދޭ ނަމަ ސަރުކާރު ހިންގަން ބޮޑުވަޒީރަށް ފުރުސަތު ދިނުން މުހިންމު ކަމަށް ވިދާޅުވާން ވެސް އިމްރާން ބޭނުފުޅުވިކަން އިހުސާސް ކުރެވެ އެވެ.