ދުނިޔެ

ޕާކިސްތާނުން ކަޝްމީރު މައްސަލަ ދުނިޔޭގެ ކޯޓަށް ހުށަހަޅަނީ

Aug 21, 2019

އިސްލާމްއާބާދު (އޯގަސްޓް 21) - ގާނޫނު އަސާސީން ކަޝްމީރަށް ދީފައިވާ ހާއްސަ އިމްތިޔާޒުތައް އިންޑިއާ އުވާލި މައްސަލަ އިންޓަނޭޝަން ކޯޓް އޮފް ޖަސްޓިސްއަށް ހުށަހަޅާނެކަމަށް އަވަށްޓެރި ޕާކިސްތާނުން ބުނެފި އެވެ.

ޖަންމު އަދި ކަޝްމީރުގެ ބައެއް ޕާކިސްތާނުން ކޮންޓްރޯލްކުރާއިރު، އިންޑިއާގެ ކޮންޓްރޯލްގެ ދަށުގައިއޮތް ސަރަހައްދަށް ލިއްބައިދީފައިވާ ހާއްސަ އިމްތިޔާޒުތައް ވަނީ އުވާލައިފަ އެވެ.

އިންޑިއާގެ ގާނޫނު އަސާސީގެ 370 ވަނަ މާއްދާގެ ދަށުން ޖަންމު އަދި ކަޝްމީރަށް ދީފައިވާ އިމްތިޔާޒުތަކުގެ ތެރޭގައި، އެހެން ސްޓޭޓްތަކުގެ މީހުނަށް ކަޝްމީރުން ބިން ނުގަނެވުމާއި، ކަޝްމީރު ސްޓޭޓުގެ ސަރުކާރުން އިއުލާންކުރާ ވަޒީފާ އަދި ސްކޯލާޝިޕްތައް އެހެން ސްޓޭޓްތަކުގެ މީހުންނަށް ނުލިބެނޭ އެވެ. އަދި އެހެން ސްޓޭޓުތަކުގެ މީހުނަށް ކަޝްމީރުގެ ރަށްވެހިކަން ވެސް ނުލިބޭނެ އެވެ.

އިންޑިއާގެ އެ ނިންމުމަކީ ސީދާ މުސްލިމުންނަށް އަމާޒުކޮށް ބައިނަލްއަގުވާމީ މުއާހަދާތަކާއި ގާނޫނުތަކާ ހިލާފު ނިންމުމެއްކަމަށް ޕާކިސްތާނުން ވަނީ ބުނެފަ އެވެ. އަދި އެކަމާ ގުޅިގެން އިންޑިއާއާއެކު ވިޔަފާރީގެ އިތުރުން ދަތުރުފަތުރުގެ ގުޅުން ވެސް ޕާކިސްތާނުން ވަނީ ކަނޑާލައިފަ އެވެ. އަދި ޕާކިސްތާނުގައި ހުންނަ އިންޑިއާ ސަފީރުވެސް ވަނީ އަނބުރާ ފޮނުވާލައިފަ އެވެ.

"ކަޝްމީރު މައްސަލަ އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސްއަށް ފޮނުވަން ވަނީ ނިންމާފައި،" ޕާކިސްތާނުގެ ފޮރިން މިނިސްޓަރު ޝާހު މަހުމޫދު ގުރެއިޝީ ދެއްވި އިންޓަވިއުއެއްގައި ވިދާޅުވި އެވެ.

ގުރެއިޝީ ވިދާޅުވި ގޮތުގައި އެ މައްސަލަ ބިނާކޮށްފައިވަނީ މުސްލިމުންގެ އާބާދީ ބޮޑު ކަޝްމީރުގެ ރައްޔިތުންގެ އިންސާނީ ހައްގުތަކަށް އިންޑިއާއިން އަރައިގަންނަމުންދާ ކަމުގެ މައްޗަށެވެ.

އެ މައްސަލާގައި ކަޝްމީރުގައި ހަމަނުޖެހުން ހިންގަފާނެކަމުގެ ބިރަށް އިންޑިއާ ސަރުކާރުން ވަނީ އެ ސަރަހައްދަށް ގިނަ އަދަދެއްގެ ސިފައިން ފޮނުވުމުގެ އިތުރުން މުވާސަލާތީ ހިދުމަތްތައް ހިފަހައްޓައިފަ އެވެ. ނަމަވެސް، އެ ސަރަހައްދުގައި ގިނަ މީހުން ނުކުމެ މުޒާހަރާ ކުރަމުންދާއިރު، މިހާތަނަށް 2،300 އަށް ވުރެ ގިނަ މީހުން ހައްޔަރުކޮށްފައިވާކަމަށް ވެސް ބައެއް މީޑިއާ ރިޕޯޓުތައް ވަނީ ބުނެފަ އެވެ.