ދުނިޔެ

ސުލްހައިގެ ފުރުސަތު ބޮޑީ ބީޖޭޕީއަށް ވެރިކަން ލިބިގެން: އިމްރާން ޚާން

Apr 10, 2019

އިސްލާމްއާބާދު (އޭޕްރީލް 10) - އިންޑިއާއާ ޕާކިސްތާނާ ދެމެދު ޒަމާނުއްސުރެ އޮންނަ ރުޅިވެރިކަން ނިމުމަކަށް ގެނެސް ސުލްހަ ގާއިމު ކުރުމުގެ ފުރުސަތު ބޮޑީ، ކުރިއަށް އޮތް އިންޑިއާގެ އާންމު އިންތިހާބު ވެރިކަންކުރާ ބީޖޭޕީން ކާމިޔާބު ކޮށްގެން ކަމަށް، ޕާކިސްތާނުގެ ބޮޑުވަޒީރު އިމްރާން ޚާން ވިދާޅުވެއްޖެ އެވެ.

އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއެކޭ އެއްފަދައިން، މާދަމާ ފެށުމަށް ހަމަޖެހިފައިވާ އިންޑިއާގެ އާންމު އިންތިހާބާ ދިމާކޮށް ބޮޑުވަޒީރު ނަރެންދުރަ މޯދީ ވެސް ބޭނުންކުރައްވަނީ "ގައުމިއްޔަތު" ގެ ނަމުގައި ނަފްރަތާއި ބިރުވެރިކަން އުފެއްދުމަށް ކަމަށް ބޭރުގެ ނޫސްވެރިންތަކަކަށް ދެއްވި އިންޓަވިއުއެއްގައި ޚާން ތުހުމަތުކުރެއްވި އެވެ.

ޚާން އިތުރަށް ވިދާޅުވި ގޮތުގައި، އިދިކޮޅު ކޮންގްރެސް ޕާޓީން އިންތިހާބު ކާމިޔާބުކޮށް ވެރިކަމަށް އަތުވެއްޖެނަމަ، ކަޝްމީރު މައްސަލާގައި ޕާކިސްތާނާއެކު އެއްބަސްވުމަކަށް އަންނަން "ބިރު" ގަތުމުގެ ފުރުސަތު ބޮޑު ކަމަށެވެ.

"ފަހަރެއްގައި، ކަނާތު ފިޔައިގެ ބީޖޭޕީ މޮޅުވެއްޖެނަމަ، ކަޝްމީރު މައްސަލާގައި ކޮންމެވެސް ކަހަލަ އެއްބަސްވުމަކަށް އާދެވުމުގެ ފުރުސަތު ބޮޑު،" ޚާން އިތުރަށް ވިދާޅުވި އެވެ.

ކަޝްމީރު މައްސަލާގައި ދެ ގައުމުގެ އަސްކަރިއްޔާއަކުން ހައްލެއް ނުކުރެވޭނެ ކަމަށާއި، އެ ސަރަހައްދަށް ބޭނުންވަނީ ހުރިހާ ފަރާތްތަކަށްވެސް އެއްބަސްވެވޭ ސިޔާސީ ހައްލެއްކަމަށް ޚާން ފާހަގަކުރެއްވި އެވެ.

ޕާކިސްތާނުގައި ހަރަކާތްތެރިވާ ހަނގުރާމަވެރި ޖަމާއަތަކުން އިންޑިއާއިން ކޮންޓްރޯލް ކުރާ ކަޝްމީރު ސަރަހައްދުގައި ދިން ހަމަލާއެއްގައި އެތަކެއް އިންޑިއާ ސިފައިންނެއް މަރާލުމާ ގުޅިގެން، ޒަމާނުއްސުރެ ދެގައުމުގެ ދެމެދުގައި އޮންނަ ނުތަނަވަސްކަން ވަނީ އިތުރަށް ހޫނުވެފަ އެވެ.

އެކަމުގެ ރައްދުގައި އިންޑިއާގެ ވައިގެ ސިފައިން ވަނީ ޕާކިސްތާނު ސަރަހައްދަށް ވަދެ ހަނގުރާމަވެރި ޖަމާއަތަކާއި ދެކޮޅަށް ވައިގެ ހަމަލާތަކެއް ދީފަ އެވެ. ނަމަވެސް، ޕާކިސްތާނުގެ ވައިގެ ސަރަހައްދަށް ވަތް އިންޑިއާގެ އަސްކަރީ މަތިންދާބޯޓެއް ވައްޓާލައި، އެ ބޯޓުގެ ޕައިލެޓު ޕާކިސްތާނުން ހައްޔަރުކުރި އެވެ. އެހެނަސް އޭގެ ދެ ތިން ދުވަސް ފަހުން ޕާކިސްތާނުން ވަނީ އެ ޕައިލެޓް އިންޑިއާއާ ހަވާލުކޮށްފަ އެވެ.

ބޮޑުވަޒީރު އިމްރާން ޚާންގެ އެންގެވުމަށް އިންޑިއާގެ ޕައިލެޓު ދޫކޮށްލުމުން، ދެގައުމުގެ ދެމެދުގައި އުފެދިފައި އޮތް ނުތަނަވަސްކަމަށް ކޮންމެވެސް ވަރެއްގެ ފިނިކަމެއް ވަނީ ލިބިފަ އެވެ.

ނަމަވެސް، މިމަހުގެ ތެރޭގައި ޕާކިސްތާނަށް ހަމަލާއެއް ދޭން އަވަށްޓެރި އިންޑިއާއިން ރާވަމުންދާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް ޕާކިސްތާނުން ވަނީ ތުހުމަތުކޮށްފަ އެވެ.