އިންޑިއާގެ ގާނޫނޫ އަސާސީން ކަޝްމީރަށް ދީފައިވާ ހާއްސަ އިމްތިޔާޒުތައް އުވާލި ނިންމުމުގެ ތެރެއަށް އދ. ވަދެ މިހާރު ދިމާވެފައިވާ މައްސަލަތައް ހައްލުކުރަން ޖެހޭ ކަމަށް ޕާކިސްތާނުގެ ބޮޑުވަޒީރު އިމްރާން ހާން ވިދާޅުވެއްޖެ އެވެ.
ހާން ވިދާޅުވީ، އިންޑިއާ އާއި ޕާކިސްތާން އޮތީ ކަޝްމީރު މައްސަލައިގައި ހަނގުރާމައަށް ދާން ތައްޔާރަށް ކަމަށެވެ. އަދި ދެ ގައުމަކީ ވެސް ނިއުކުލިއާ ބާރު އޮތް ދެ ގައުމަށް ވާތީ ކަޝްމީރުގައި މިހާރު ހިނގަމުންދާ ހަމަނުޖެހުންތައް ކޮންޓްރޯލް ކުރުމަށް އދ. މަސައްކަތް ކުރަން ޖެހޭނެ ކަމަށެވެ. އަދި ޕާކިސްތާނާއި އިންޑިއާ ދެމެދު ހަނގުރާމައެއް ފަށައިފިނަމަ، ސަރަހައްދަށާއި ދުނިޔެއަށް ވެސް އޭގެ ނޭދެވޭ އަސަރު ކުރާނެ ކަމަށް ހާން ވިދާޅުވި އެވެ.
ޕާކިސްތާނުން ވަނީ މީގެ ކުރިން ކަޝްމީރަށް ލިބިދޭ ހާއްސަ އިމްތިޔާޒުތައް އުވާލި މައްސަލަ ދެ ފަހަރެއްގެ މަތިން ބައިނަލް އަގްވާމީ ކޯޓަށް ހުށަހަޅާފަ އެވެ. ހަމައެއާއެކު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕު ވެސް ވަނީ ދެ ގައުމު ގުޅިގެން ކަޝްމީރު މައްސަލަ ހައްލު ކުރަން ގޮވާލާފަ އެވެ.
ކަޝްމީރުގެ މައްސަލަތަކުގެ ތެރެއަށް އދ. ވަންނަން ހާން ގޮވާލެއްވުމުން އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރާ މޯދީ ވަނީ އެކަމާ ދެކޮޅު ހައްދަވާފަ އެވެ. ފްރާންސްގައި މިހާރު ކުރިއަށްދާ ޖީ-7 ސަމިޓުގެ ތެރޭގައި ވާހަކަފުޅު ދައްކަމުން މޯދީ ވިދާޅުވީ، ކަޝްމީރުގެ މައްސަލައިގެ ތެރެއަށް ތިން ވަނަ ފަރާތެއް ވަންނަން ނުޖެހޭނެ ކަމަށެވެ. އަދި ކަޝްމީރަށް ލިބިދޭ ހާއްސަ އިމްތިޔާޒުތައް އުވާލުމަކީ އިންޑިއާގެ ދާހިލީ ކަމެއް ކަމަށް ވެސް މޯދީ ވިދާޅުވި އެވެ.
އިންޑިއާގެ ގާނޫނު އަސާސީގެ 370 ވަނަ މާއްދާގެ ދަށުން ކަޝްމީރަށް ލިބިދޭ ހާއްސަ އިމްތިޔާޒުތައް އުވާލުމަށް ނިންމީ އޮގަސްޓް ފަސް ވަނަ ދުވަހު އިންޑިއާގެ ރައީސް ރާމް ނާތް ކޯވިންދެވެ. އިންޑިއާގެ ގާނޫނު އަސާސީގެ 370 ވަނަ މާއްދާގެ ދަށުން ކަޝްމީރަށް ދީފައިވާ އިމްތިޔާޒުތަކުގެ ތެރޭގައި، އެހެން ސްޓޭޓްތަކުގެ މީހުނަށް ކަޝްމީރުން ބިން ނުގަނެވުމާއި، ކަޝްމީރު ސްޓޭޓުގެ ސަރުކާރުން އިއުލާންކުރާ ވަޒީފާ އަދި ސްކޯލާޝިޕްތައް އެހެން ސްޓޭޓްތަކުގެ މީހުންނަށް ނުލިބެނޭ އެވެ. އަދި އެހެން ސްޓޭޓުތަކުގެ މީހުނަށް ކަޝްމީރުގެ ރަށްވެހިކަން ވެސް ނުލިބޭނެ އެވެ.
ހާއްސަ އިމްތިޔާޒުތައް އުވާލުމުން މުސްލިމުން ކަޝްމީރުގައި ހަމަނުޖެހުން ހިންގަމުންދާ ކަމަށް ބުނެ، އިންޑިއާގެ މައި ސަރުކާރުން ވަނީ، ކަޝްމީރަށް 10،000 ސިފައިން ހުރިހާ ގާނޫނީ ބާރުތަކެއް ލިބިދޭ ގޮތަށް ފޮނުވާފަ އެވެ. މި ބާރުގެ ދަށުން ސިފައިން ވަނީ ކަޝްމީރުގެ މުސްލިމުން ސިޔާސީ ލީޑަރުން ސިއްރު ތަނެއްގައި ބަންދުކޮށްފަ އެވެ. ހަމަނުޖެހުން ކޮންޓްރޯލް ކުރަން ކަމަށް ބުނެ، ސިފައިން ޕެރެޓް ގަން ބޭނުން ކުރުމުގެ ސަބަބުން ގިނަ ބައެއްގެ ލޮލުގެ ފެނުން ވަނީ ގެއްލިފަ އެވެ. މީގެ ތެރޭގައި ގިނައީ މުސްކުޅިންނާއި ކުޑަ ކުދިންނެވެ.
އިންޑިއާއިން ގާނޫނު އަސާސީގެ 370 ވަނަ މާއްދާ އުވާލަން ނިންމީ، މުސްލިމުންނަށް އަމާޒުކޮށް ބައިނަލްއަގުވާމީ މުއާހަދާތަކާއި ގާނޫނުތަކާ ހިލާފަށް ކަމަށް ޕާކިސްތާނުން ވަނީ މީގެ ކުރިން ބުނެފަ އެވެ. އަދި އެކަމާ ގުޅިގެން އިންޑިއާއާއެކު ވިޔަފާރީގެ އިތުރުން ދަތުރުފަތުރުގެ ގުޅުން ވެސް ޕާކިސްތާނުން ވަނީ ކަނޑާލައިފަ އެވެ. އަދި ޕާކިސްތާނުގައި ހުންނަ އިންޑިއާ ސަފީރުވެސް ވަނީ އަނބުރާ ފޮނުވާލައިފަ އެވެ.