ދުނިޔެ

އަޅުގަނޑުމެންނަކީ ތިޔަބޭފުޅުންގެ އަޅުންތޯ: އިމްރާން

ރަޝިއާ - ޔުކްރޭން ހަނގުރާމައިގައި ޕާކިސްތާނުން ޔުކްރޭން ކޮޅަށް ބުރަނުވުމުން ޔޫރަޕިއަން ޔޫނިއަން އޮތީ ހިތްހަމަނުޖެހިފަ އެވެ.

ޔޫރަޕިއަން ޔޫނިއަންގެ މެމްބަރު ގައުމުތަކަށް ނިސްބަތްވާ ސަފީރުންގެ އިތުރުން ބައެއް އެހެން ގައުމުތަކުން ވެސް ރަޝިއާ ކުށްވެރިކޮށް ދަތިކުރުމުގައި އެގައުމުތަކާ ބައިވެރިވުމަށް ޕާކިސްތާނަށް ގޮވާލައި ވަނީ ޓްވީޓް ކުރައްވާފަ އެވެ.

އދ.ގެ އާންމު މަޖިލީހުން ރަޝިއާ ކުށްވެރިކޮށް ގައުމުތަކުން ވާހަކަދެއްކި އިރުވެސް ޕާކިސްތާނުން ރަޝިއާ ކުށްވެރި ކޮށްފައެއް ނުވެ އެވެ. އަދި ރަޝިއާއާ ދެކޮޅަށް ފާސްކުރި ގަރާރުގައި ވެސް ޕާކިސްތާން ބައިވެެރި ނުވެ އެވެ.

ޔޫރަޕިއަން ޔޫނިއަނަށް މިކަން ވެފައި ވަނީ ކަރުގައި ޖެހިފައި ހުރި ކައްޓަކަށެވެ. އެމީހުން އޮތް ކޮޅަށް ޕާކިސްތާން އަނބުރާލެވޭތޯ ސަފީރުން ލައްވައި އަދި ވަފާތެރިން ގާތު ބުނެގެ ވަނީ ޕާކިސްތާނަށް ޕްރެޝަރު ބޮޑުކޮށްފަ އެވެ.

ރިޕޯޓްތައް ބުނާ ގޮތުން ސަފީރުންގެ ނުފޫޒު ޕާކިސްތާންގެ ބޮޑުވަޒީރު އިމްރާން ހާނަށް ވެސް އޮތީ ފޯރާފަ އެވެ.

އިމްރާން ހާން ސަފީރުންނަށް ދެންނެވި ކަމަށް ވަނީ އެހެން އެއްވެސް ގައުމުކަށް ޕްރެޝަރު ނުކުރާ ވަރަށް ޕާކިސްތާނަށް ޕްރެޝަރު ބޮޑުކުރަނީ ޕާކިސްތާންގައި ތިބީ ނޭޓޯ އާއި ޔޫރަޕިއަން ޔޫނިއަންގެ އަޅުންނަށް ވާތީތޯ އެވެ.

ބޮޑުވަޒީރު ވިދާޅުވި ގޮތުން އަފްޣާނިސްތާންގައި ނޭޓޯއިން ހިންގި އޮޕަރޭޝަން ތަކުގައި ޕާކިސްތާނުން އޮންނާނީ ފުދި ބާކީވާ ވަރަށް ވެސް ނޭޓޯއަށް އެހީތެރިވެ ދީފައި ކަމަށާއި އެކަމާ ހެދިވެސް ޕާކިސްތާންވީ ބަދުނާމު ކަމަށެވެ.

ޕާކިސްތާނަށް ޝުކުރު އަދާކުރުމުގެ ބަދަލުގައި ނޭޓޯ އިން މިހާރު ވެސް ބަލަނީ ޕްރެޝަރު ބޮޑުކުރެވޭތޯ ކަމަށާއި އިންޑިއާއާ ދިމާއަށް އެއްޗެއް ނުބުނެވިގެން އުޅެނީ ގަންނަ ބިރަކުންތޯ އިމްރާން ސުވާލު ކުރެއްވި އެވެ.

އިމްރާން ވިދާޅުވި ގޮތުން ޕާކިސްތާނަކީ އެއްވެސް ބައެއްގެ ދުޝްމަން ގައުމެއް ނޫނެވެ. އަދި އެއްވެސް ބައިގަނޑަކަށް ނިސްބަތްވާން އެދޭ ގައުމެއް ވެސް ނޫނެވެ.

ޕާކިސްތާނަކީ ރަޝިއާގެ ވެެސް އެކުވެރިއެއް ކަމަށާއި ޔުކްރޭނާއި އެމެރިކާ އަދި ޔޫރަޕިއަން ޔޫނިއަންގެ ވެސް އެކުވެރިއެއް ކަމަށް ވެސް ބޮޑުވަޒީރު ވިދާޅުވި އެވެ.

އެއްވެސް ގައުމަކަށް ދަތިކުރަން ޕާކިސްތާން ނޭދޭ ކަމަށާއި ޔުކްރޭނާ ރަޝިއާ ސުލްހަކުރަން ކުރެވޭ ކޮޮންމެ ކަމެއްގައި މުހިންމު ބައިވެރިއެއް ގޮތުގައި އޮތުމަށް އެދިވަޑައިގަންނަވާ ކަމަށްވެސް އިމްރާން ވިދާޅުވި އެވެ.