ޕާކިސްތާންގެ ބޮޑުވަޒީރުގެ މަގާމުގައި އިމްރާން ޚާން ހުންނެވިއިރު އޭނާ އެ މަގާމުން ދުރުކުރުމަށް -- އިތުބާރު ނެތްކަމުގެ ވޯޓެއް ނަގައިގެން ނަމަވެސް، އެެމެރިކާ ޕްރެޝަރުކުރިކަން ފަޅާއަރައިފި އެވެ. އެކަން އިމްރާނަށް އެނގިވަޑައިނުގަންނަވާ ކަމަށްވެ އެވެ.
އެމެރިކާގެ މައްސަލައަކަށް ވެފައި އޮތީ ޕާކިސްތާނާއި ރަޝިއާ މާބޮޑަށް ގާތްވުމެވެ. އަދި އިމްރާންގެ ސިޔާސަތަކީ ވެސް ރަޝިއާއާ ގާތް ގުޅުމެއް އުފެއްދުމެވެ.
ރަޝިއާ ސިފައިން ޔުކްރޭނަށް އަރައިގަތް މައްސަލާގައި އެމެރިކާއަށް ސަނާނުކިޔައި ހުޅަނގަށް ގޮތްދޫނުކުރެއްވުމަކީ ވެސް ބޮޑުވަޒީރުގެ މަގާމުން އިމްރާން ދުރުކުމަށް އެމެރިކާ ނުފޫޒު ފޯރުވި ސަބަބެއް ކަމަށް މިހާރު އޮތީ އެނގިފަ އެވެ.
ރިޕޯޓްތައް ބުނާ ގޮތުން އެމެރިކާގެ އޮފިޝަލުން ޕާކިސްތާންގެ މަތީ މަގާމުތަކުގައި ތިއްބެވި ވެރިން -- ޕާކިސްތާނުން އެެމެރިކާއަށް ކަނޑައަޅާފައި ހުންނެވި ސަފީރު، އަސަދު މަޖީދު ފަދަ ބޭފުޅުންނާ ބައްދަލުކޮށް އިމްރާނާ ބެހޭ ގޮތުން ޝަކުވާކުރި އެވެ.
އިމްރާން ބޮޑުވަޒީރުގެ މަގާމުގައި ބަހައްޓައިފިނަމަ އެމެރިކާގެ އެއްވެސް މަދަދެއް ނޯންނާނެ ކަމަށް އެމެރިކާގެ އޮފިޝަލުން ވިދާޅުވި ކަމަށް ވެއެވެ. އަދި އެމެރިކާ އާއި ޕާކިސްތާނާ ދެމެދު ގުޅުން ރަނގަޅު ނުވާނެ ކަމަށާއި އެމެރިކާގެ ދަތިކުރުންތަކުން ސަލާމަތްވާ ބޭނުން ނަމަ އޮތް ގޮތަކީ އިމްރާން ޚާން ބޮޑުވަޒީރުގެ މަގާމުން ދުރުކުރުން ކަމަށް އޮފިޝަލުން ވިދާޅުވިކަން މިހާރު ވަނީ ކަށަވަރުވެފަ އެވެ.
އިމްރާންގެ އިތުބާރު ނެތް ކަމަށް މަޖިލީހުގައި ވޯޓެއް ނަގައި ފާސްކޮށްފިނަމަ ހުރިހާ ކަމެއް ހަމަޖެހުނީ ކަމަށް އެމެރިކާގެ އޮފިޝަލުން ވިދާޅުވި ކަމަށް ވެއެވެ. އެއީ ޕާކިސްތާންގެ މައްޗަށް އެމެރިކާ ކުރާ ތުހުމަތުތައް ދޫކޮށްލައި މާފުކުރާނެ ކަމެއް ކަމަށް އޮފިޝަލުން ވިދާޅުވި ކަމަށް ރިޕޯޓްތައް ބުނެ އެވެ.
ޕާކިސްތާންގެ ވެރިންނާ އެކު މަޝްވަރާކުރެއްވި އެމެރިކާގެ ވެރިންގެ ތެރޭގައި އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް -- ސައުތު އެންޑް ސެންޓްރަލް އޭޝިއަން އެފެއާޒް -- ޑޮނަލްޑް ލޫ ހިމެނޭ ކަމަށްވެސް ރިޕޯޓްތައް ބުނެ އެވެ.
އިމްރާން ދެކެ އެމެރިކާ އެންމެ ބޮޑަށް ރުޅިައި ސަބަބަކީ ޔުކްރޭން ހަނގުރާމަ ފެށުނު ތަނާހެއް ރަޝިއާއަށް ރަސްމީ ދަތުރެއް ކުރެއްވުމެވެ.