ދުނިޔެ

ހަނގުރާމާގައި ޔުކްރޭން ބަލިވެއްޖެ ނަމަ ނޭޓޯ މެމްބަރުކަން ދިނުމުގެ ބޭނުމެއް ނެތް: ސެކްރެޓަރީ ޖެނެރަލް

ރަޝިއާ އާއި ޔުކްރޭންއާ ދެމެދު މިހާރު ހިނގަމުންދާ ހަނގުރާމާގައި ޔުކްރޭން ބަލިވެއްޖެ ނަމަ އެ ގައުމަށް ނޭޓޯ މެމްބަރުކަން ދިނުމަކީ ބޭކާރު ކަމެއް ކަމަށް އެ ޖަމާއަތުގެ ސެކްރެޓަރީ ޖެނެރަލް ޔެންސް ސްޓޮލްޓަންބާގް ވިދާޅުވެއްޖެ އެވެ.

ސްޓޮލްޓަންބާގް މިހެން ވިދާޅުވީ ލިތުއޭނިއާގެ ވެރިރަށް ވިލްނިއަސްގައި މިހާރު ކުރިއަށްދާ ނޭޓޯ ސަމިޓްގައި ވާހަކަދައްކަަވަމުންނެވެ. މި ސަމިޓްގެ މުއްދަތަކީ މިއަދާއި މާދަމާ އެވެ.

ސްޓޮލްޓަންބާގް ވިދާޅުވި ގޮތުގައި ހަނގުރާމައިން ބަލިވެއްޖެ ނަމަ ޔުކްރޭނަށް މެމްބަރުކަން ދިނުމާ މެދު ބަހުސް ވެސް ކުރާނެ ކަމެއް ނެތެވެ.

ނޭޓޯ އަކީ އަސްކަރީ ޖަމާއަތެއް ކަމަށް ސެކްރެޓަރީ ޖެނެރަލް ވިދާޅުވި އެވެ. އެ ޖަމާއަތުގެ އަސާސަކީ އަދި އެ ޖަމާއަތް ހިންގުމުގެ ބޭނުމަކީ ވެސް މެމްބަރު ގައުމުތައް ހިމާޔަތްކުރުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ސެކްރެޓަރީ ޖެނެރަަލް ވިދާޅުވި ގޮތުގައި ނޭޓޯގައި ބައިވެރިވުމަށް ޝަރުތުތަކެއް އޮވެ އެވެ. އެއީ އެ ޖަމާއަތުގައި ގައުމެއް ބައިވެރި ކުރުމަށް -- އެ ޖަމާއަތުގެ މެމްބަރުން ރުހުންދިނުމާއި، އެ ގައުމެއްގައި އޮންނަން ޖެހޭ ޝަރުތުތައް ހަމަވުމެވެ.

ޔުކްރޭން މިހާރު އޮތީ ހިނގަހިނގާ އޮތް ހަނގުރާމައެއް ތެރޭގައި ކަމަށް ވިދާޅުވެ ސްޓޮލްޓަންބާގް ވިދާޅުވީ ޔުކްރޭނަށް މެމްބަރުކަން ދިނުމަށް އެހެން ގައުމުތަކަށް އެއްބަސް ނުވެވިގެން އުޅޭ ސަބަބަކީ އެއީ ކަމަށެވެ.

ނޭޓޯ މެމްބަރެއް ގޮތުގައި ޔުކްރޭން ފެނިގެން ދިއުމަކީ މެމްބަރު ގައުމުތަކަށް އޮތް އުފަލެއް ކަމަށް ވެސް ސެކްރެޓަރީ ޖެނެރަލް ވިދާޅުވި އެވެ. އަދި އުންމީދަކީ ހަނގުރާމާގައި ރަޝިއާގެ މައްޗަށް ކާމިޔާބު ހޯދުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ސެކްރެޓަރީ ޖެނެރަލް ވިދާޅުވި ގޮތުގައި ޔުކްރޭނަށް މެމްބަރުކަން ދެވޭނެ މުއްދަތެއް ދެންނެވުމަކީ އޭނާއަށް ވެސް އެނގިވަޑައިގަންނަވާ ކަމެއް ނޫނެވެ. ވަކި މުއްދަތެއް ކަނޑަޅައި އަދި އެ މުއްދަތުގައި ޔުކްރޭނަށް މެމްބަރުކަން ނުދެވުމަކީ ވަކިން ބޮޑު ހިތާމައަކަށް ވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ސެކްރެޓަރީ ޖެނެރަލްގެ މި ވާހަކަތަކަށް ރައްދުދެއްވައި ޔުކްރޭންގެ ރައީސް ލަޑިމިއާ ޒެލެންސްކީ ވިދާޅުވީ މުއްދަތެއް ނެތް ގޮތަށް ޔުކްރޭންގެ މެމްބަރު ފޯމު މޭޒުމަތީގައި ބޭއްވުމަކީ އިންސާފެެއް ނޫން ކަމަށެވެ.

ޒެލެންސްކީ ވިދާޅުވި ގޮތުގައި ނޭޓޯގެ މެނޭޖްމަންޓުން އެކިފަހަރު ދައްކަނީ އެކި ވާހަކަ އެވެ. އެ ވާހަކަތައް ގަބޫލުކުރާނީ ވިސްނުން ޚަރާބުވެފައި ހުރި މީހެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.