ދުނިޔެ

ސްވިޒަލޭންޑްގެ ޕާލަމެންޓުގައި މެމްބަރުން ޒެލެންސްކީ ބޮއިކޮޓްކޮށްފި

ޒެލެންސްކީ ސްވިސް ޕާލަމެންޓާ މުޚާތަބު ކުރައްވާއިރު ގޮނޑިތައް ހުސްކޮށް -- އިދިކޮޅުން ވަނީ ތަގުރީރު އަޑުއަހަން އިންކާރުކޮށްފައި
0%
0%
0%

ޔޫކްރެއިންގެ ރައީސް ލަޑިމިއާ ޒެލެންސްކީ ބުރާސްފަތި ދުވަހު ވީޑިއޯ ލިންކް މެދުވެރިކޮށް ސްވިޒަލޭންޑްގެ ގާނޫނު ހަދާ މަޖިލީހުގައި ތަގުރީރު ކުރައްވައްވައިފި އެވެ.

ޒެލެންސްކީ ތަގުރީރުކުރައްވަން ފެއްޓެވުމުން މަޖިލީހުގައި ތިއްބެވި ކަނާތު ފިޔައިގެ ޕީޕަލްސް ޕާޓީއަށް ނިސްބަތްވާ 53 މެމްބަރަކުން ވަނީ ޖަލާސްކުރާ މާލަމުން ބޭރަށް ނުކުމެވަޑައިގެންފަ އެވެ.

ޕާލަމެންޓްގައި ތަގުރީރު ކުރެއްވުމަށް ޒެލެންސްކީ އަށް ފުރުސަތު ދެއްވައިފި ނަމަ -- އެ ޕާޓީއަށް ނިސްބަތްވާ މެމްބަރުން މާލަމުން ނުކުމެވަޑައި ގަންނަވާނެކަން އެ ޕާޓީން އޮތީ ކުރިއާލައި މަޖިލީހަށް އަންގާފަ އެވެ.

ޒެލެންސްކީގެ ބޭނުމަކަށް ވެފައި އޮތީ ހަތިޔާރު އެކްސްޕޯޓުކުރުމާ ބެހޭ ގޮތުން ސްވިޒަލޭޑުން ގެންގުޅޭ ސިޔާސަތުތައް މުރާޖައާކޮށް ރަޝިއާއާ އެކު ކުރާ ހަނގުރާމައިގައި ބޭނުންކުރުމަށް ހަތިޔާރު ހޯއްދެވުމެވެ.

މަޖިލީހުގެ މެމްބަރުން މިކަމަށް ތާއީދުކުރެއްވުމަށް ވެސް ޒެލެންސްކީ ގޮވާލެއްވި އެވެ.

ޕީޕަލްސް ޕާޓީގެ ތަރުޖަމާން ވިދާޅުވި ގޮތުގައި ޒެލެންސްކީ އަށް ޔުކްރޭން މުހިންމުވާ ފަދައިން އެ ބޭފުޅުންނަށް ސްވިޒަލޭންޑް މުހިންމެވެ. އަދި އެ ގައުމުގެ ގާނޫން އަސާސީ އަކީ ވަކި ބަޔަކު ބޭނުންވުމުން ބަދަލުކުރެވޭ ގޮތަށް އޮންނަ -- ފޮހޭ ރަބަރަކުން ފޮލެހެލެވޭ ގޮތަށް އޮންނަ ލިޔުމަކަށް ވެގެން ނުވާނެ އެވެ.

ޔުކްރޭނަށް އެހީވާ ހަދައިގެން ސްވިޒަލޭންގެ ގައުމީ ވަންތަކަން ގެއްލިދިއުމަކީ އެއްގޮތަކަށް ވެސް ގަބޫލުކުރެވޭ ކަމެއް ނޫން ކަމަށް ވެސް މެމްބަރުން ވިދާޅުވި އެވެ.

ސްވިސްގެ ގާނޫންހަދާ މަޖިލީހާ މުޚާތަބުކުރެއްވުމަށް މެހެމާނުންނަށް ފުރުސަތު ދިނުމަކީ ވަރަށް ނާދިރު ކަމެކެވެ. ބުނެވޭ ގޮތުގައި 1970 އަށް ފަހު މިފަދަ ފުރުސަތެއް ދެއްވާފައި ވަނީ ދެ މެހެމާނަކަށެވެ.

ޒެލެންސްކީ ހިމެނިވަޑައިގެންފައި މި ވަނީ މިފަދައިން ވީޑިއޯ ލިންކް މެދުވެރިކޮށް ތަގުރީރު ކުރެއްވުމަށް ފުރުސަތު ދެއްވި ފުރަތަމަ ލީޑަރަށެވެ.

ރަޝިއާ، ޔުކްރޭން ހަނގުރާމާގައި ސްވިޒަލޭންޑް އޮތީ ވަކިކޮޅެއް ނުނަގައި -- ތިލަފަތް ހަމަ ގައުމެއް ގޮތުގަ އެވެ. އެ ގައުމުގައި އުފައްދާ ހަތިޔާރު ޔުކްރޭނަށް އެެކްސްޕޯޓްކުރުމަށް ހުޅަނގުގެ ގައުމުތަކުން ކުރަމުން ގެންދާ ޕްރެޝަރާ އެކު ވެސް އެ ގައުމު އަދިވެސް ވަކިކޮޅަކަށް ބުރައެއް ނުވެ އެވެ.

އެހެން ނަމަވެސް، ހުޅަނގުން އަދި ވަކިން ޚާއްސަކޮށް އެމެރިކާއިން ކުރަމުން ގެންދާ ޕްރެޝަރުގައި ސްވިޒަލޭންޑަށް ވަކި ކޮޅެއް ނަގަން މަޖުބޫރުވުމަކީ -- ޔުކްރޭންގެ ހަނގުރާމަ ދިގުލައިފި ނަމަ، ކުރަން ޖެހިދާނެ ކަމެއް ކަމަށް ބެލެވެ އެވެ.

1 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910