މޯލްޑިވްސް ޕޮލިސް ސާވިސް

ވ. އަތޮޅުގެ ބައެއް ރިސޯޓްތަކުން މޫދަށް ކުނި އަޅާ މައްސަލަ ޕޮލިހަށް

Apr 10, 2022

ވ. އަތޮޅުގައި ހިންގާ ބައެއް ރިސޯޓްތަކުން މޫދަށް ކުނި އަޅާ މައްސަލަ ކަމާ ގުޅޭ އިދާރާތަކަށް ހުށަހަޅައިފި އެވެ.

އަވަސް އަށް މިއަދު މައުލޫމާތު ދެއްވަމުން ވ. އަތޮޅު ކައުންސިލްގެ ރައީސް ޝުޖާއު އަލީ ވިދާޅުވީ ވ. އަތޮޅުގައި ފަސް ރިސޯޓެއް މިވަގުތު ހިންގަމުންދާއިރު ތަކުރާރުކޮށް މޫދަށް ކުނި އަޅަނީ ދެ ރިސޯޓަކުން ކަމަށެވެ. އެއީ އެއް ބަޔަކު ހިންގަމުން ގެންދާ އަލިމަތާ ރިސޯޓާއި ދިއްގިރި ރިސޯޓެވެ.

ޝުޖާއު ވިދާޅުވީ ވ. އަތޮޅު ރައްޔިތުންނަށް އާމްދަނީ ލިބޭ މައިގަނޑު ވަސީލަތަކީ ޓޫރިޒަމް ކަމަށްވާތީ މޫދަށް ކުނި އެޅުމުގެ ސަބަބުން އަތޮޅުގެ ރަށްތަކާއި ފިނޮޅުތަކުގެ ގޮނޑުދޮަށްތަކުގެ ސާފުތާހިރުކަން ގެއްލިގެންދާން ކައުންސިލުން ނުތިބޭނެ ކަމަށެވެ. އެހެންވެ އަލިމަތާ އަދި ދިއްގިރި ރިސޯޓުން މޫދަށް ކުނި އަޅާ މައްސަލަ ބަލައިދިނުމަށް މިއަދު ވ. އަތޮޅު ޕޮލިސް ސްޓޭޝަނަށާއި މާލޭގައި ހިންގާ ސަރުކާރުގެ ކަމާ ގުޅޭ އިދާރާތަކަށް ހުށަހަޅާފައިވާ ކަމަށް ވިދާޅުވި އެވެ.

"އަޅުގަނޑުމެން ތަކުރާރުކޮށް ވާހަކަދައްކައިފިން އަލިމަތާ އަދި ދިއްގިރި ރިސޯޓް ހިންގާ ބޭފުޅުންނާ. އެކަމަކު އެބޭފުޅުން ނުދެއްކެވި މޫދަށް ކުނި އަޅައިގެން ނޫނީ އެކަން ވާނެ ގޮތެއް. މިއީ އަޅުގަނޑުމެން ކަންބޮޑުވާ މައްސަލައެއް،" ޝުޖާއު ވިދާޅުވި އެވެ.

ޝުޖާއު މިއަދު ވަނީ އަލިމަތާ ރިސޯޓުގެ ބަޔަކު މޫދަށް ކުނި އަޅާ މަންޒަރު ފެންނަ ވީޑިއޯއެއް ވެސް ސޯޝަލްމީޑިއާގައި އާންމުކުރައްވާފަ އެވެ.

ޝުޖާއު އިތުރަށް ވިދާޅުވީ މޫދަށް ކުނި އެޅުން މަނާކޮށް ގާނޫނުތަކާއި ގަވައިދުތަކެއް ހެދިފައިވީ ނަމަވެސް އެކަންކަން އެކަށީގެންވާ ގޮތަކަށް ތަންފީޒު ކުރެވެމުން ނުދާ ކަމަށެވެ.

ރިސޯޓްތަކުގައި ކެއުމަށް ތައްޔާރުކުރާ ބާވަތްތަކާއި ފަސޭހައިން ހަލާކުވާ ޒާތުގެ ކުނި މޫދަށް އުކާލުމުގެ ހުއްދަ މީގެ 15 އަހަރު ކުރިން ދީފައިވެ އެވެ. ނަމަވެސް ބައެއް ކައުންސިލްތަކުން އެކަމާ ދެކޮޅަށް ޝަކުވާ ކުރަން ފެށުމުން ރިސޯޓްތަކުން މޫދަށް ކުނި އުކާލުމާ ގުޅޭ ގަވައިދު އިސްލާހުކޮށް އެގޮތަށް ކުނި އުކާލުން ވަނީ މަނާކޮށްފަ އެވެ.

ރިސޯޓްތަކުން އުކާލާ ކުނި އުކާލުމަށް އެ ރިސޯޓާ ކައިރި ހިސާބެއްގައި ތަނެއް ނެތް ނަމަ ރިސޯޓުތަކުގައި ކެއުމަށް ތައްޔާރުކުރާ ބާވަތްތަކާއި ފަސޭހައިން ހަލާކުވާ ޒާތުގެ ކުނި ކަނޑަށް އެޅުމަށް އަލުން ގެނައި އިސްލާހު ވެސް ހުރަހެއް ނާޅަ އެވެ. ނަމަވެސް އެގޮތަށް ވެސް ކުނި އުކާލަން ވާނީ އެ އަތޮޅެއްގެ ބޭރަށް ނިކުމެ، ވަޔާއި އޮޔަށް ބަލައި ރަށްރަށަށް ނުލައްގާ ގޮތަށް ކަމަށް ގަވައިދުގައިވެ އެވެ.

ގަވައިދާ ހިލާފުވެއްޖެނަމަ ފުރަތަމަ ފަހަރު 1،000 ރުފިޔާ އާއި 10،000 ރުފިޔާ އިން ޖޫރިމަނާކުރުމަށް ގަވައިދުގައި ފުރުސަތު ދީފައިވެ އެވެ. އަދި އެ ކުށް ތަކުރާރުކޮށްފިނަމަ 50،000 ރުފިޔާއާއި އެއްލައްކަ ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުމުގެ ބާރުވެސް ގަވައިދުގައި ދީފައިވެ އެވެ.