ޓައިވާންގެ މިނިވަންކަމަށް ތާއީދުނުކުރާ ކަމަށް އެމެރިކާގެ ހާރިޖީ ވަޒީރު އެންޓަނީ ބްލިންކެން ވިދާޅުވެއްޖެ އެވެ.
ޗައިނާގެ ހާރިޖީ ވުޒާރާއިން ބުނި ގޮތުން ބްލިންކެން މިހެން ވިދާޅުވީ ޗައިނާގެ ހާރިޖީ ވަޒީރު ވާންގް ޔީ އާއެކު އޮތް މަޝްވަރާ ބައްދަލުވުމެއް ގައެވެ.
އެންޓަނީ ބްލިންކެން މިހާރު އުޅުއްވަނީ ޗައިނާއަށް ކުރައްވާ ދަތުރެއްގައި ބެއިޖިންގައެވެ. އޭނާގެ މައިގަނޑު ބޭނުމަކީ ޗައިނާއިން ރަޝިއާއަށް އަސްކަރީ އެހީތެރިކަން ފޯރުކޮށްދިނުން ހުއްޓުވުމެވެ.
އެމެރިކާ އާއި ޗައިނާއާ ދެމެދު ނުތަނަވަސްކަން އުފެދިފައި ހުރި މައުލޫތަކުގެ ތެރޭގައި ޓައިވާންއާ ރަޝިއާ ހިމެނެ އެވެ.
ޓައިވާން އަކީ ޗައިނާ ގަބޫލުކުރާ ގޮތުގައި ވަކިން އޮންނަ އެ ގައުމުގެ އަވަށެވެ. ވަކި ވެރިކަމަކުން ޓައިވާން ހިންގި ނަމަވެސް އޮންނަން ވާނީ ވެރިރަށް ބެއިޖިންގެ ބެލުމުގެ ދަށުގަ އެވެ.
އެމެރިކާއިން ޓައިވާނަށް އަސްކަރީ އެހީތެރިކަން ފޯރުކޮށްދިނުމަކީ ޗައިނާއަށް އޮތް ވަރަށް ބޮޑު ކަންބޮޑުވުމެކެވެ. ދުނިޔެ ގަބޫލުކުރާ ގޮތުގައި އެމެރިކާއިން މިކަން ކުރަނީ ޗައިނާއިން ޓައިވާން ހިފަން ކަމެއް ކޮށްފި ނަމަ އަމިއްލަ ދިފާއުގައި ކޮޅަށް ތެދުވެވޭ ވަރު ކުރުމަށެވެ.
ޓައިވާން އަކީ މިނިވަން ދައުލަތެއް ކަމަށް އދ ގައި ވެސް ރެކޯޑްކުރެވިފައެއް ނުވެ އެވެ. މިހެން ކަން އޮތުމުން މިނިވަން ގައުމަކަށް ހަތިޔާރު ފޯރުކޮށްދޭ ގޮތަށް ޓައިވާނަށް ހަތިޔާރު ފޯރުކޮށްދިނުމަކީ އޮންނަ ކަމެއް ނޫނެވެ.
އަނެއްކޮޅެއް ޔުކްރޭން ހަނގުރާމާގައި ރަޝިއާ ބަލިކުރަން އެމެރިކާއާ ނޭޓޯ ގައުމުތަކުން ކުރާ މަސައްކަތްތަކާ ދެކޮޅަށް ޗައިނާ އިން ރަޝިއާއަށް އަސްކަރީ އެހީތެރިކަން ފޯރުކޮށްދިނުމަކީ އެމެރިކާ ޕްރެޝަރަށް އަރާ ކަމެކެވެ.
އެމެރިކާ ގަބޫލުކުރާ ގޮތުގައި ރަޝިއާ އަތުގައި އަސްކަރީ ބާރުވެރިކަން ހުރިހައި ހިނދަކު، އެމެރިކާގެ ރޭވުންތައް ކާމިޔާބެއް ނުވާނެ އެވެ.
ޗައިނާ އާއި އެމެރިކާ އަކީ ދުނިޔޭގެ ވަރުގަދަ ދެ އިގުތިސާދަށް ވެފައި މި ދެ ގައުމުގެ ދެމެދުގައި ބުޅަލާއި މީދަލާ ދެމެދު އޮންނަ ގުޅުން އޮންނަން ވެއްޖެނަމަ ކުދި އިގުތިސާދުތަކަށް ހަމަނޭވާ ލާނެ ފުރުސަތު ނުލިބޭނެ އެވެ.
މި ދެ ގައުމުގެ ދެމެދުގައި ވާދަވެރިކަން ބޮޑުވެ، އެ އަތަށް ބައިއަޅަން ޖެހުމުން ބުރަވާނެ ވަކި ކޮޅެއް ނިންމަން ކިތަންމެ ގައުމަކަށް ނިންމަން ދަތިވެ އެވެ.