ދުނިޔެ

ޓައިވާނަށް އަރައިގެންފި ނަމަ މަންޒަރު ފުށުންޖެހޭނެ: އެމެރިކާ

އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް، އެންތަނީ ބްލިންކެން ޗައިނާއަށް އިންޒާރު ދެއްވައިފި އެވެ.

ރޮއިޓާސްގެ ނެކްސްޓް ކޮންފަރެންސްގައި ވާހަކަ ދައްކަވަމުން ބްލިންކެން ވިދާޅުވީ ޓައިވާނަށް އުދުވާނީ ހަމަލާއެއް ދިނުމުގެ ކުރިން ޗައިނާގެ ވެރިން އިސްކޮޅަށް ވުރެ އުހަށް ވިސްނާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.

ޓައިވާންއާ މެދު ޗައިނާ ބުނަނީ އެއީ ޗައިނާގެ އަވަށެއް ކަމަށެވެ. އަދި ކޮންމެވެސް ދުވަހަކުން ޗައިނާގެ މައި ސަރުކާރުގެ ދަށަށް ޓައިވާން ގެންދާނެ ކަމަށެވެ. ޗައިނާ ބުނާ ގޮތުން އެކަން ކުރަން ބޭނުން ވަނީ އެއްވެސް ވަރަކަށް ލޭ އޮހޮރުވުމެއް ނެތި އެވެ.

އެމެރިކާގެ ރައީސް، ޖޯ ބައިޑަން އާއި ޗައިނާގެ ރައީސް، ޝީ ޖިންޕިން މިދާކަށް ދުވަހު އޮންލައިންކޮށް ބައްދަލު ކުރައްވައި ދެއްކެވި ވާހަކަތަކުގައި ވެސް ޓައިވާންއާ ބެހޭ ގޮތުން ވަނީ މަޝްވަރާ ކުރައްވާފަ އެވެ.

ބައިޑަން ވިދާޅުވި ގޮތުގައި ޓައިވާނަކީ މިނިވަން ދައުލަތަކަށް ވާން އެމެރިކާ ވެސް ނޭދެ އެވެ. އެހެން ނަމަވެސް، ޓައިވާން ކަނޑުއޮޅި އާއި ވަށައިގެން އޮތް ސަރަހައްދަކީ އެއްވެސް ބަޔަކަށް ބިރެއް އޮތް ތަނަކަށް ވެގެން ނުވާނެ އެވެ.

ޓައިވާންގައި އަމިއްލައަށް ދިފާއުވެވޭ ވަރު ހުންނަން ވާނެ ކަމަށް ގަބޫލު ކުރައްވާ ކަމަށް ވެސް ބައިޑަން ވިދާޅުވި އެވެ. އެމެރިކާއިން ޓައިވާންގައި ކުރާ ކަމަކީ އަސްކަރިއްޔާ ގާބިލްކުރުން ކަމަށް ވެސް ވިދާޅުވި އެވެ.

ޗައިނާއިން ޓައިވާނަށް ހަމަލާއެއް ދީފި ނަމަ އެމެރިކާ ސިފައިން ފޮނުވާނަންތޯ ބްލިންކެންއަށް ދެންނެވުމުން އެސުވާލަށް ސީދާ ޖަވާބެއް ދެއްވާކަށް ކެރިވަޑައި ނުގަތެވެ. އޭނާ ވިދާޅުވީ ޓައިވާން ދިފާއުވުމަށް އެހިތެރިވެ ދެއްވާނެ ކަމަށެވެ.

ޖޯބައިޑަންއާ އެކު ޝީ ޖީންޕިން ދެއްކެވި ވާހަކައިގައި ޓައިވާންގައި ވަކި ސަރުކާރެއް އޮތުމަކީ ޗައިނާއަށް އެންމެ ރަނގަޅު ކަމެކެވެ. އެހެން ނަމަވެސް، ވަން ޗައިނާ ޕޮލިސީގެ ދަށުން ޓައިވާން އޮންނަން ވާނީ ޗައިނާ ދަށުގައި ކަމަށް ވެސް ވިދާޅުވި އެވެ.

ވަން ޗައިނާ ޕޮލިސީއަށް ތާއީދު ކުރައްވާ ކަމަށް ބައިޑަން ވެސް ވިދާޅުވި އެވެ. އެކަމަކު ޓައިވާންއާ މެދު އިހާނެތިކޮށް ހިތާނަމަ އެމެރިކާ ޓައިވާންއާ އެކު އޮންނާނެ ކަމަށް ވެސް ވިދާޅުވި އެވެ.