AVAS PHOTO ESSAY

ބަނދަރުގައި ޝައުގުވެރި އެތައް ކަމެއް

ރޯދަ މަސް އައުމުން އަބަދުވެސް މާލޭގެ ބަނދަރުން ފަޅުތެރެ ވަރަށް ބޮޑަށް ހުސްވެ އެވެ. މުދާ އުފުލާ ބޮޑެތި ދޯނި ފަހަރާއި ނާލު ބޯޓް ފަހަރު ސުމާރެއް ނެތި އަޅާފައި އޮންނަ މާލޭގެ ކަނޑިންމަ އާއި ފަޅުތެރެ އަބަދުވެސް އެންމެ ބޮޑަށް ހުސްވެފައި އޮންނަ ދުވަސްވަރަކީ ވެސް ރޯދަ މަހެވެ. އެނބުރި ދޯނި / ބޯޓް ފަހަރު މުދާ ބަރުކޮށްގެން މާލެ އަންނަން ފަށާނީ ރޯދައަށް ފަހު އީދު ބަންދުވެސް ނިމުނުންނެވެ.

ރޯދަ މަހު މާލޭގައި ކާރުބާރު އެންމެ ބޮޑު އެއް ސަރަހައްދަކީ މާލޭގެ ނޯތު ހާބަރާއި ބަނދަރުގެ ސަރަހައްދެވެ. ދޯނި ފަހަރަށް މުދާ ބަރު ކުރުމާއި ދޯނި ފަހަރުން މުދާ ބޭލުން ކެނޑި ނޭޅި ހިނގަ ހިނގާ އޮވެ އެވެ. ރޯދަ މަހު މިކަން ހުއްޓޭނެ ހަމައެކަނި ވަގުތުކޮޅަކަށް ވާނީ އިރުއޮއްސި ރޯދަ ވީއްލާ ވަގުތުކޮޅެވެ. ފޮޓޯގައި އެވާ މީހަކީ މިއަދު މެންދުރުގެ ގަދަ އަވީގައި ބޯޓަކަށް މުދާ ފޮށިގަނޑެއް އަރުވަން ދިޔަ މީހެކެވެ.

ބަނދަރުގެ އެކި ސަރަހައްދަށް ބަލާއިރު އެންމެ ޝައުގުވެރި އެއް ދިމާއަކަށް ވާނީ ދޯނިފަހަރުގައި އެކި މަސައްކަތުގައި މީހުން ހެލިފެލިވެ އުޅޭތަނެއް. އެއް ބަޔަކު ހުއްޓާ ނުލައި ބުރަކޮށް ބަރު ތަކެތި އުފުލާ އިރު އަނެއް ބަޔަކު ވަރުބަލި ފިލުވާލަން ޖައްސާލައިގެން ތިބެ އެވެ. މުދާ އަރުވާށާއި ބާލަން ފަސޭހަ ނިޒާމްތަކެއް ނޯންނަ މާލޭގެ ބަނދަރުގެ އެ ބާވަތުގެ ބުރަ މައްސަކަތުގެ ތެރޭގައި ނުރައްކާތެރި އެކްސިޑެންޓްތައް ހިނގަނީ ވަރަށް މަދުންނެވެ.

ބަނދަރުމަތީގެ ހުރިހާ ފިހާރަތަކެއްގައިހެން މުދާ ލޯޑް ކޮށްގެން ބޯޓާއި ދޯނި ފަހަރަށް ގެންގޮސްދޭނެ ގާޑިއާތައް ހުރެ އެވެ. އެ މަސައްކަތުގައި ގިނައިން އުޅެނީ ބަނގަލަދޭޝް މީހުންނެވެ. ފިހާރަތަކުގައި ގެންގުޅޭ ބިދޭސީން ނޫން، ފިލައިގެން އުޅޭ ބިދޭސީން ވެސް އަގަށް އެއްޗެހި އުފުލައި ދިނުމުގައި ގިނަ އަދަދަކަށް ބަނދަރާއި ބާޒާރުމަތީގައި ހަރަކާތްތެރިވެ ބޮޑު އާމްދަނީއެއް ކޮންމެ ދުވަހަކުވެސް ހޯދަ އެވެ.

މާލޭގެ ބަނދަރު މައްަޗަކީ ޝައުގުވެރި އެތައް ކަމެއް ހިނގަ ހިނގާ އޮންނަ ތަނެކެވެ. ބައެއް މީހުން ތާސްކުޅުމާއި ކެއްކުމާއި އަދި މުދާ ޖެހުމުގައި އުޅޭ އިރު ބައެއް މީހުން މުދާ އަރުވައި ދިނުމުގަ އާއި މުދާ ބާލައި ދިނުމުގައި އުޅެ އެވެ. މި ހުރިހާ ކަމަކީ ވެސް ވަރަށް ގިނަ ވަގުތާއި ވަރަށް ގިނަ ފައިސާ އެކުލެވޭ ކަންކަމެވެ.

މާލޭގެ ބަނދަރުގައި އޮތް ނާލު ބޯޓެއްގެ މަތީ ބުރީގައި މި މީހާ މިއަދު މަޑުކޮށްލައިގެން އިނީ އޭނާގެ މަސައްކަތް ނިންމާލުމަށްފަހު އެވެ. ކޮންމެ ދުވަހަކުވެސް ފަތިހު ފަތިހާ ބަނދަރުގައި ބުރަ މަސައްކަތް ފަށާ، އެމީހުންގެ ދުވަސް އެގޮތުގައި ހޭދަ ކުރާނީ އެ ސަރަހައްދުގެ އޮޑި ދޯނި ފަހަރުގެ މީހުންނަށް ހުންނަ ދަތި އުނދަގޫތަކާމެދު އެއްވެސް ޝަކުވާއެއް ކުރުމަކާ ނުލަ އެވެ. އެ މީހުންގެ ފެން ވެރުމާއި ފާހާނާ ކުރުން ފަދަ ކަންކަމަކީ ވަރަށް ދެރަ ހާލުގައި އޮންނަ ކަމެކެވެ.