ސްކައިނެޓް ދޮރުމަތީން ކެޔޮނިރެއް
މިިދިއަ އޭޕްރީލް މަހު ކޮވިޑް ލޮކްޑައުން ފެށިގެން މިހާތަނަށް ވެސް މާލޭގެ ހުރިހާ ހިސާބަކުން އަހަރެން ބަލައި ނުލައި އެއްވެސް ދިމާއެއް ނޯންނާނެއޭ ބުނެވޭ ވަރަށް ބަލައި ހަދަމެވެ. ކާފިއުތަކާއި ލޮކްޑައުންތައް އާއިރު ހެންވޭރު މޫންލައިޓް ހިނގުމުގެ ބިއްދޮށުން އެއްގަމަށް އޮންނަ ރަތްވިލާ ހިނގުމުގައި ހުންނަ "ސްކައިނެޓް" ގޭގެ ދޮރުމަތީގައި އެއްވެސް ގަހެއް ވެލެއް ރުކެއް ވެސް ނިރެއް ވެސް ނެތެވެ. އެތަން އެއީ އެއީ ހަމަ ސައިކަލް ފުންޏެކެވެ.
ކޮންމެ ދުވަކު ވެސް ފޮޓޯއެއް
އޭޕްރީލުން ނެއްޓި މޭ ޖޫނަށް އަޅައިލި އިރު ކޮންމެ ދުވަހަކު މާލެ ބަލައިލާ ބުރުގައި "ސްކައި ނެޓް" ދޮރުމަތީން ކުއްލިއަކަށް ކުޑަކުޑަ ކެޔޮ ނިރެއް ފާޅުވެފައި ހުއްޓާ ފެންނާން ފަށައިފި އެވެ. ސަތޭކައެއްހަ ފޫޓު ދުރުން ހަމަ ކިރިޔާ ފެންނާނީ އެވެ. ކައިރިންވެލުމުން ކުރުމުށެއް ހަމަވާވަރު ވާކަން އެނގެ އެވެ. ރީތި ފެހި ނިރެއްވީމާ ފުރަތަމަ ދުވަހު ފޮޓޯއެއް ނަގާފައި ނިންމާލީ އެވެ. ޖޫން ނިމެން ދަނިކޮށް އެ ނިރު ތަންކޮޅެއް ބޮޑުވެފައި ހުއްޓާ ފެނުމުން ފޮޓޯއެއް ނެގީމެވެ. އެދުވަހު އެ ކެޔޮ ނިރަކީ ދުވާރުން ނެއްޓި މަގުގައި އިން ނިރެއްކަން އެނގުނެވެ. މަގުމަތީން ދިރުމެއް ފެންނާން ނޫޅޭތީ ހަމަ ކޮންމެ ދުހަކުވެސް ކެޔޮ ނިރު ބަލައިލަން ދެވެ އެވެ.
ބޮޑު ވަރުގަދަ ބޯއްޓެއް
ނިރު ބޮޑު ވަމުން ދިޔަ އެވެ. އަހަރެން ކޮންމެ ދުވަހަކު ފޮޓޯއެއް ނަގަމެވެ. މާ ގިނައިން އެ ނިރާ ކައިރިވެ އަހަރެން ފޮޓޯ ނަގާ އުޅޭތީ "ސްކައިނެޓް" ގޭ ގެ މީހުން ބަލައި ވެސް ހަދަ އެވެ. ބައެއް ދުވަސް ދުވަހު އެގެއިން މީހަކު ނުކުމެ އެއީ "އޭނާ ޖެހި އޭނާގެ ނިރެއް" ކަމަށް ކަމަށް ބުނެލައި ހަދަ އެވެ. އަދި ބައެއް ދުވަސް ދުވަހު ނިރާ ކައިރިވެލާ ތަނުން އެގެއިން ނުކުންނަ އެހެން ދެ މީހަކުވެސް ބަލާލައި ހަދަ އެވެ. މިހާރު ކެޔޮ ނިރު ފަތްތައް ބޮޑެތިވެ ފިސާރި ފުޅާވެލައި ބޯޓެއް ނުކުންނަ ގޮތަށް ކުރިގަނޑު ފަލަވެލައި ދަޅިގަނޑުތެރެއިން ގަދަ ގަދަ ރަތްކުލައެއް ދައްކާލައިފި އެވެ ނިރުގެ މަތީން ބޯށި ނުކުންނަނީ އެވެ. އަދި ނިރުގެ ތިރީން އިތުރު ނިރުތަކާއެކު ކެޔޮ ފީންޏަކަށް ބަދަލު ވާން ދަނީ އެވެ.
ފުޅަށްބުޑުން ދަންޏާ ހީވާނީ ކެޔޮގަނޑު ކަނޑާލަނީއޭ
ހަމަ އެންމެ ދުވަހެއް ތެރޭ ފަޅާލާފައި ބޯށި ބޭރަށް ފުންމާލައިފި އެވެ. ބޯށީގެ ފުރަތަމަ ފިޔަ ރަނގަޅަށް ފޭވެލައި ކެޔޮ ބޯށި ފަނިގަނޑު ބޭރަށް އޮހޭން ފެށުމާއެކު ކެޔޮބޯއްޓަށް ޖައްސާ ވާލަށް އެ ވަސް ދުވައިފި އެވެ. އަސުރަށް ހަމަ ތިރިވާއިރަށް ރަތްވިލާ ހިނގުމަށް ތިރިވެލައި ކެޔޮ ނިރާ ދިމާއިން އުދުހި ބުރުޖެހުން ގިނަކޮށްފި އެވެ. މަގުމަތީން ބޯއްޓާ ދިމާއަށް ބަލާ މީހުން ގިނަ ވުމާއި ބޯއްޓާއެކުގައި ސެލްފީ ނަގާ މީހުން ވެސް އިތުރު ވުމާއެކު ސްކައިނެޓް ގޭގެ ވެރިންނަށް ވެސް އިތުރަށް ފާރަވެރިވާން ޖެހުނެވެ. ކެޔޮ ނިރު ކައިރިން ކިރިޔާ މީހެއް، ވާލެއްގެ ހިލަން ވިޔަސް އެގެއިން މީހަކު ނުކުމެ އެވެ. ފުޅަށްބުޑުން ދަންޏާ ކެޔޮގަނޑު ކަނޑާލާނީ ކަމަށް ހަސަނަށް ހީވެ އެވެ.
މިދިއަ އޯގަސްޓްގެ ކުރީ ކޮޅުގައި ކެޔޮ އަރި ޖަހާލައި އެންމެ ރަނގަޅު ފަތްކެޔޮގަނޑެއްގެ ސިފަ ޖެހިލައިފި އެވެ. ވަރަށް ބޮޑު ބޯއްޓެއް އޮތުމުން މިއީ ވަރަށް ބޮޑު ކެޔޮގަނޑަކަށް ވާނެއޭ ކޮންމެ ދުވަހަކު ހިތަށް ވެސް އަރަ އެވެ. އަދި "ސްކައިނެޓް" ގެއިން ވާހަކަ ދައްކާ މީހާ ގާތުގައި ދެ ދުވަހަކު އެހެން ބުނެވެސް ލެވުނެވެ. އެއަކަށް އޭނާގެ ފަރާތުން ޖަވާބެއް ނާދެ އެވެ.
މިހާރު ބޮޑު ބިޔަކަށް ކެޔޮގަނޑަކަށްވާން ދާތީ އާއި ހަރުވެލުމުގެ މަރުހަލާގައި އޮތުމުން ކޮންމެ ދުވަހަކު ފޮޓޯއެއް ނަގާކަށް އެގޭ ދޮރުމައްޗަކަށް ނުދަމެވެ. އެންމެ ފަހުން ނުގޮސް ދެ ތިން ދުވަސް ކޮށްލާފައި ކެޔޮގަނޑު ބަލައިލާން ދިޔައިރު ބޯއްޓެއް ނެތެވެ. ބޮޑު ބިޔަ ބޯށިން ރަނގަޅަށް އަދި ނުކުންނާން ހުރި ކެޔޮއަރިތަކަށް ފުރުސަތު ނުތީ "ސްކައިނެޓު" ން ބޯށި ކަނޑައި އެއަށް ހެދި ގޮތެއް ހަދައިފި އެވެ. ކެޔޮދަޅި ގަނޑުގެ ކޮޅުގައި ކޮތަޅެއް އަޅުވާފައި އިނެވެ.
އޯގަސްޓް ފަހުކޮޅާއި ސެޕްޓެމްބަރު ކުރީކޮޅުގައި ރަނގަޅު ކެޔޮތަނޑެއް އޮތެވެ. ހަރުވަމުން ބަރުވަމުން ތިރިއަށް އެލެމުން ދެއެވެ. އެކަމަކު ސެޕްޓެމްބަރު މަހުގެ ފުރަތަމަ 10 ދުވަސް ނިމުނުތަނާ އެއް ދުވަހަކު ކެޔޮގަނޑު ބަލައިލާ ހިތުން ދިޔައިރު ކެޔޮގަނޑެއް ނެތެވެ. "ސްކައިނެޓް" ގެ ވެރިން ކެޔޮގަނޑު ކަނޑާލައިފި އެވެ. އެކަމަކު ގަސް ހުއްޓެވެ. "ސްކައިނެޓް" ގައި އާހާލުމުން ބުނީ ފުރަތަމަ އަރީން ދެ ވަކެއްގައި ރިއްސެޔޮލައި ދޮން ރީނދޫ ކުލަ ޖަހާލުމުން އަވާހާ ދެން ކަނޑާލީ އެވެ.
ކެޔޮގަނޑު ކަނޑާލުން ގަހުގެ ބޭނުން ދިޔައީ!
ކެޔޮގަނޑު ކަނޑާލައި ފަތްތަކޮށްލާފައިވާ ނިރެއް ހުއްޓެވެ. ފޮޓޯއެއް ނަގައިލެވޭވަރުވި އެވެ. އެ ފޮޓޯ ނަގަނިކޮށް ނިރު ބުޑުން ކަނޑާ ނުލައި ބަހައްޓާފައި ހުރީ "ފޮޓޯނަގާ މީހާ" އަންނާނެ ވަގުތަކަށް ބަލައިގެން ކަމަށް "ސްކައިނެޓު" ން ބުންޏެވެ. ހަމަ އެދުވަހު ނިރު ވެސް ކަނޑާލައި ފީނި ސާފުކޮށްލައި ކުދި ނިރުތަކަށް ޖާގަ ހަދައިދީފި އެވެ. ކެޔޮގަނޑު ކަނޑައިލުމުން ގަހުގެ ބޭނުން ދިޔައީ އެވެ. މިހާރު ދެން ކުދި ނިރުތައް ހެދެމުން އަރަމުން އެބަހަރަ އާދެ އެވެ.