ރައްޔިތުންގެ މަޖިލީހުގެ އިގްތިސޯދީ ކޮމިޓީގެ މެންބަރުން ކޫއްޑޫއަށް ޒިޔާރަތް ކުރައްވާ އެތަނުގެ އިސްވެރިންނާ ބައްދަލުކުރައްވައިފި އެވެ.
މިބައްދަލުކުރެއްވުމުގައި މަޖިލީހުގެ މެންބަރުން ވަނީ ކޫއްޑޫ އަށް މަސް ކިރުމަށް ހުރި ދަތިތަކާއި އެ މައްސަލަ ހައްލުކުރުމަށް ކުރަމުންދާ މަސައްކަތްތައް ބައްލަވައި އޮޅުންފިލުއްވާފަ އެވެ.
މީގެއިތުރުން އިގްތިސޯދީ ކޮމިޓީގެ މެންބަރުން ވަނީ ގދ. ތިނަދޫގައި ދެކުނުގެ މަސްވެރިންނާ ބައްދަލުކުރައްވާ މަސްވެރިންގެ ކަންބޮޑުވުންތަކާއި ޝަކުވާތައް އަޑުއައްސަވާފަ އެވެ.
މިބައްދަލުކުރެއްވުމުގައި މަސްވެރިން ވަނީ ސަރުކާރާއި މިފްކޯގެ އިސްވެރިންނަށް އަދި މަޖިލީހުގެ މެންބަރުންނަށް ވެސް ވަރަށް ބޮޑަށް ފާޑު ކިޔާފަ އެވެ. މަސްވެރިންނަށް ދިމާވެފައިވާ މައްސަލަތައް ސަރުކާރާއި މަޖިލީހަށް ހައްލުކޮށްދެވޭނެ ކަމަށް ނުފެންނަ ކަމަށާއި ސަރުކާރުގެ ވެރިންނާއި މަޖިލީހުގެ މެންބަރުންގެ އެއްވެސް އިހްލާސްތެރިކަމެއް ނެތް ކަމަށް ބުނެ މިބައްދަލުވުމުގައި މަސްވެރިން ވަނީ ގިނަ ޝަކުވާތަކެއް ކޮށްފަ އެވެ.
އިގްތިސޯދީ ކޮމިޓީތަކުގެ ބައްދަލުވުންތަކުގެ ރިޔާސަތުގައި އިންނަވަނީ ކޮމިޓީގެ ނައިބް މުގައްރިރު އަދި އަލިފުށި ދާއިރާގެ މެންބަރު މުހައްމަދު ރަޝީދު ހުސައިން އެވެ. ބައްދަލުވުންތަކުގައި އެމްޑީޕީއާއި ޕީޕީއެމް އަދި ބައެއް އަމިއްލަ މެންބަރުންވެސް ބައިވެރިވެވަޑައިގަންނަވަ އެވެ.
މަޖިލީހުގެ އިގްތިސޯދީ ކޮމިޓީގެ މެންބަރުން ކޫއްޑޫގެ ހާލަތު އޮޅުންފިލުއްވާފައި މިވަނީ ދެކުނުގެ މަސްވެރިކަން ވަރަށް ބޮޑަށް ރަނގަޅުވެ، މަސްވެރިން ބާނާ ހުރިހާ މަހެއް ގަތުމުގެ ކެޕޭސިޓީ މިފްކޯގައި ނެތުމުން މަސްވެރިން އެކަމުގައި ދޭތެރެދޭތެރެއިން އިހްތިޖާޖު ކުރަމުން ދަނިކޮށެވެ.
ކޫއްޑޫ އަށް މިވަގުތު ވެސް މަސް ގަންނަނީ ދޯންޏަކު ހަތް ޓަނު މަހެވެ.