ރައީސް މުހައްމަދު ނަޝީދު

އިންޑިއާގެ ހާރިޖީ ވަޒީރާއި ނަޝީދު ބައްދަލުކުރައްވައިފި

Apr 26, 2022

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޑރ. ސްބްރަމަންޔަމް ޖައިޝަންކަރާ ބައްދަލުކުރައްވައިފި އެވެ.

މިބައްދަލުކުރެއްވުން މިއަދު ކުރިއަށް ދިޔައީ އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީގަ އެވެ.

މިބައްދަލުވުމުގެ ފޮޓޯއެއް ޓްވިޓާގައި އާންމުކުރައްވަމުން ރައީސް ނަޝީދު ވަނީ ޑރ. ޖައިޝަންކަރަށް ވަރަށް ބޮޑަށް ތައުރީފް ކުރައްވާފަ އެވެ. އެގޮތުން ޖައިޝަންކަރަކީ ހިކުމަތްތެރިކަމާ އެކު ކަންކަން ކުރައްވާ ވަރަށް ގާބިލް ބޭފުޅެއް ކަމުގައި ވިދާޅުވެފައިވެ އެވެ.

ރައީސް ނަޝީދު އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރާ ބައްދަލުކުރައްވާފައި މިވަނީ ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ފޭބުމަށް ގޮވާލައި ރާއްޖޭގެ އިދިކޮޅު ކޯލިޝަނުން ކުރިއަށް ގެންދާ "އިންޑިއާ އައުޓް" ހަރަކާތް ފުޅާކޮށްފައި ވަނިކޮށް ރައީސުލްޖުމްހޫރިއްޔާގެ ގަރާރަކުން އެ ހަރަކާތް ހުއްޓުވަން ކަމާ ގުޅޭ އިދާރާތަކަށް އަންގަވާފައި ވަނިކޮށެވެ.

ރައީސް ނަޝީދަކީ އިންޑިއާ އާއި ރާއްޖެއާ ގުޅޭ ހައްސާސް މައްސަލަތަކުގައި އިންޑިއާގެ މަސްލަހަތުގައި އާންމުކޮށް ވާހަކަދައްކަވަމުން ގެންދަވާ ބޭފުޅެކެވެ.

ރައީސް ނަޝީދު އިންޑިއާ އަށް ވަޑައިގެންނެވީ އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީއާއި އޮބްސާވާ ރިސާޗް ފައުންޑޭޝަން ގުޅިގެން ބާއްވާ ހަތްވަނަ ރައިސިނާ ޑައިލޮގްގައި ބައިވެރިވެވަޑައިގަތުމަށެވެ.

ރައީސް ނަޝީދުގެ އަރިހުގައި އެންވަޔަރަންމަންޓް މިނިސްޓަރު އައިމިނަތު ޝައުނާ ވެސް އިންޑިއާ އަށް ވަޑައިގެންނެވި އެވެ. މި ކޮންފަރެންސް ކުރިއަށްދާނީ މިމަހުގެ 27 ވަނަ ދުވަހުގެ ނިޔަލަށް އިންޑިއާގެ ވެރިރަށް ނިއުދިއްލީގަ އެވެ.

މަޖިލީހުގެ އިދާރާއިން ބުނީ ކޮންފަރެންސްގައި ރައީސް ނަޝީދު ވާހަކަދައްކަވާނީ މޫސުމަށް އަންނަ ބަދަލުތަކާއި ފާގަތި ދިރިއުޅުމާއި ހުރި ގުޅުމުގެ މައްޗަށް ކަމަށެވެ. މީގެއިތުރުން ގައުމުތައް ދަރަނިވެރިވުމާއި ދަރަނީގެ ސަބަބުން ގައުމުތަކުގެ ބިމުގެ މިލްކުވެރިކަން ގެއްލެމުން ދިއުމާ ގުޅޭގޮތުން ވެސް ރައީސް ނަޝީދު ވާހަކަދެއްކެވުމަށް ހަމަޖެހިފައިވެ އެވެ.

ނަޝީދުގެ މިދަތުރުފުޅުގައި އިންޑިއާގެ ގާނޫނު ހަދާ މަޖިލީހުގެ ރައީސް އާއި އެ ގައުމުގެ ބައެއް އިސް އޮފިޝަލުންނާ ބައްދަލުކުރައްވާނެ ކަމަށްވެސް މަޖިލީހުގެ އިދާރާއިން މައުލޫމާތު ދީފައިވެ އެވެ.