ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އިންޑިއާ އަށް ފުރާވަޑައިގެންފި އެވެ.
މަޖިލީހުގެ އިދާރާ އިން މައުލޫމާތު ދިން ގޮތުގައި މިއީ ނުރަސްމީ ދަތުރުފުޅެކެވެ.
ނަޝީދުގެ މިދަތުރުފުޅުގެ ބޭނުމަކީ ކޮބައިކަމެއް އެނގިފައެއް ނުވެ އެވެ. އަދި އެނބުރި ރާއްޖެ ވަޑައިގަންނަވާނެ ދުވަހެއް މަޖިލީހުގެ އިދާރާ އިން ހާމަކޮށްފައެއް ނުވެ އެވެ.
ރައީސް ނަޝީދަކީ އިންޑިއާގައި ވެރިކަން ކުރައްވަމުން ގެންދަވާ ބީޖޭޕީގެ އިސް ބޭފުޅުންނާ ގާތް ބޭފުޅެކެވެ. އަދި އާންމު ގޮތެއްގައި ރާއްޖެއާއި އިންޑިއާއާ ގުޅުން ހުރި މައްސަލަތަކުގައި އިންޑިއާއަށް ބުރަވެވަޑައިގެން އާންމުކޮށް ވާހަކަދައްކަވަ އެވެ.
ރަސްމީ ދަތުރުފުޅެއްގައި މިއަހަރުގެ އޭޕްރީލް މަހުގެ ތިންވަނަ ދުވަހުވެސް ރައީސް ނަޝީދު ވަނީ އިންޑިއާއަށް ދަތުރުފުޅެއް ކުރައްވާފަ އެވެ.
އޭރު އިންޑިއާ އަށް ވަޑައިގެންނެވީ އެ ގައުމުގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީއާއި އޮބްސާވާ ރިސާޗް ފައުންޑޭޝަން ގުޅިގެން ބޭއްވި ހަތްވަނަ ރައިސިނާ ޑައިލޮގްގައި ބައިވެރިވެވަޑައިގަތުމަށެވެ.