އިޒުރޭލާއި ފަލަސްތީނުގެ އަރައިރުން

އިޒްރޭލްގެ އުދުވާނާ ދެކޮޅަށް ރާއްޖެ އަޑުއުފުލައިފި

އަލްއަގްސާ މިސްކިތާއި އަދި ހަރަމުއްޝަރީފްގައި ދާދި ފަހުން ހިނގި ހަމަނުޖެހުންތައް ދިވެހިރާއްޖެއިން އދގެ ސަލާމަތީ މަޖިލީހުގައި ހަރުކަށި އިބާރާތުން ކުށްވެރިކޮށްފި އެވެ.

ސަލާމަތީ މަޖިލީހުގައި ދިވެހިރާއްޖެއިން ދިން ބަޔާނުގައި ފަލަސްތީނުގެ ބިންތަކުގައި ވަޒަންވެރިވެރިވެފައިވާ އިސްރާއީލުގެ މީހުންގެ ފަރާތުން ފަލަސްތީނުގެ ރައްޔިތުންނަށް ލިބެމުންދާ އަނިޔާތަކުގެ ސަބަބުން ފަލަސްތީން ރައްޔިތުންގެ ހައްގުތައް ގެއްލި އެމީހުންގެ ކަރާމާތަށް އުނިކަން ލިބޭކަން ފާހަގަ ކޮށްފައިވެ އެވެ. އަދި މިފަހުން ހިނގައިދިޔަ ހަމަނުޖެހުންތަކުގެ ސަބަބުން ސުލްހައިގެ މަސައްކަތް އަވަސްކޮށް ސަލާމަތީ މަޖިލީހުގެ ގަރާރުތައް ތަންފީޒު ކުރުން އަވަސް ކުރަން ޖެހޭކަން އެނގިގެން ދިޔަ ކަމަށް ރާއްޖެއިން ވަނީ ބުނެފައެވެ.

ސަލާމަތީ މަޖިލީހުގެ ގަރާރުތަކުން ފަލަސްތީނުގެ ބިންތައް އިސްރާއީލުން ހިފުމާއި ހުރުމަތްތެރިވެގެންވާ ބައިތުލްމަގްދިސް އިސްރާއީލުގެ ބާރުގެ ދަށަށް ގެންދިޔުމާއި ގުދުސްއަކީ އިސްރާއީލުގެ ވެރިރަށުގެ ގޮތުގައި ބަލައި އެ ރަށަށް އެމްބަސީތައް ބަދަލު ކުރުން ފަދަ ކަންކަމަކީ ބާތިލް އަދި ބަލައިގަންނާނެ ކަންތައްތަކެއް ނޫން ކަމަށް ނިންމާފައިވާކަން ރާއްޖެއިން ފާހަގަކުރިއެވެ.

އަދި 1967 ވަނަ އަހަރުގެ ފަހުން އިސްރާއީލުން ހިފާފައިވާ ފަލަސްތީނުގެ ބިންތަކަކީ އިސްރާއީލުގެ ބައެއްގެ ގޮތުގައި ބައިނަލްއަގްވާމީ މުޖްތަމައުން ބަލައި ނުގަތުމަށް ސަލާމަތީ މަޖިލީހުގެ 2334 ވަނަ ގަރާރުން ފާސްކޮށްފައިވާކަންވެސް ރާއްޖޭގެ ބަޔާނުގައި ހަނދާންކޮށް ދިނެވެ. މި ގަރާރުތަކަށް އަމަލުކޮށް ގަރާރުތަކަށް ގައުމުތަކުން ބޯލަނބާތޯ ސަލާމަތީ މަޖިލީހުން ކަށަވަރު ކުރަން ޖެހޭނެ ކަމަށާއި އެމަޖިލީހާއި މެދު އޮންނަ އިތުބާރު ބިނާވެފައިވަނީ އެކަމަށް ކަމަށްވެސް ދިވެހރާއްޖެއިން ވަނީ ބުނެފައެވެ.

މީގެ އިތުރުން 1967 ވަނަ އަހަރުގެ ކުރީގެ ސަރަހައްދީ އިމުގެ މައްޗަށް ބިނާވެފައިވާ ފަލަސްތީނުގެ މިނިވަން ދައުލަތެއް ގާއިމު ކުރުމަށާއި އެ ދައުލަތުގެ ވެރިރަށަކީ އިރުމަތީ ގުދުސްކަ މަށް ހެދުމަށް ދިވެހިރާއްޖެއިން އަބަދުވެސް ތާއީދު ކުރާނެ ކަމަށް ރާއްޖެއިން ބުނަމުން އަންނަ ބުނުން އިއްޔެވެސް ސަލާމަތީ މަޖިލީހުގައި ވަނީ ތަކުރާރުކޮށްފައެވެ.