ހަބަރު

ފަލަސްތީނުގެ އެއްވެސް ބިމެއް އިޒްރޭލުން ނެގުން ކުށްވެރިކުރަން: ދިވެހި ސަރުކާރު

އިޒްރޭލުގައި އަންނަ އަންގާރަ ދުވަހު ބާއްވާ އާންމު އިންތިހާބު ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫ ނިސްބަތްވާ ޕާޓީން ކާމިޔާބު ކޮށްފިނަމަ، ޖޯޑަން ވެލީގެ ބިމަކީ އިޒްރޭލުގެ ބިމުގެ ބަޔަކަށް ހަދާނެ ކަމަށް ދެއްކި ވާހަކަ ކުށްވެރިކޮށް ދިވެހި ސަރުކާރުން ބަޔާނެއް ނެރެފި އެވެ.

ފޮރިން މިނިސްޓްރީން ނެރުނު ބަޔާނުގައި ބުނީ ބައިނަލްއަގްވާމީ އިގްސާދީ ސަރަހައްދުތަކުގެ ތެރެއިން ފަލަސްތީނުގެ ސަރަހައްދުގެ ގޮތުގައި ކަނޑައަޅާފައިވާ އެއްވެސް ބިމެއް ގަދަ ބާރުން އެހެން ދައުލަތަކުން ނުވަތަ ގައުމަކުން ނެގުމަކީ އެއްވެސް ގޮތަކަށް ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށާއި އަދި އެފަދަ ކަމަކީ ބައިނަލްއަގްވާމީ އުސޫލުތަކާއި ހަމަތަކާ މުޅިން ހިލާފު ކަމެއް ކަމަށެވެ.

އިޒްރޭލްގެ ބޮޑު ވަޒީރު ނަތަންޔާހޫ އިއުލާން ކުރެއްވި ވައުދުގެ ސަބަބުން މެދު އިރުމަތީގެ ސުލްހައަށް ބައިނަލްއަގްވާމީ ފެންވަރުގައި ކުރަމުންދާ މަސައްކަތަށް ދަތިތަކެއް ކުރިމަތިވެ، އެ ކަމުގެ ސަބަބުން ދައުލަތްތަކުގެ މެދުގައި އެއްބަސްވެފައިވާ ބައިނަލްއަގްވާާމީ ހަމަތައް މުޅިން ނެތިކޮށްލާނެ ކަމަށް ފޮރިން މިނިސްޓްރީގެ ބަޔާނުގައިވެ އެވެ.

އެހެންކަމުން ބައިނަލްއަގްވާމީ މުޖުތަމައުގައި ހަރަކާތްތެރިވާ ޖަމާއަތްތަކުން، ވަކިން ހާއްސަކޮށް އދ. ގެ ސަލާމަތީ ޖަމާއަތްތަކުން މިހާރުން މިހާރަށް ކުރަން ޖެހޭ މަސައްކަތްތައް ކުރުމަށާއި އަޅަން ޖެހޭ ފިޔަޅުތައް އެޅުމަށް މިހާރުން މިހާރަށް އަމަލު ކުރުމަށް ދިވެހި ސަރުކާރުން ގޮވާލާ ކަމަށް ބަޔާނުގައި ބުނެފައިވެ އެވެ.

މީގެ ކުރިން ވެސް ދިވެހި ސަރުކާރުން ދަމަހައްޓަމުން އައި ގޮތުގެ މަތިން އަބަދުވެސް ފަލަސްތީނުގެ ރައްޔިތުންގެ ހައްގުގައި ދިވެހި ސަރުކާރު އޮންނާނެ ކަމަށް ފޮރިން މިނިސްޓްރީގެ ބަޔާނުގައިވެ އެވެ. 1967 ވަނަ އަހަރު ކަނޑައެޅި ބޯޑަރުގައިވާ ގޮތުގެ މަތިން ފަލަސްތީނުގެ ސަރަހައްދުގެ ގޮތުގައި ކަނޑައަޅާފައިވާ ބިމަކީ އެ ދައުލަތުގެ ދަށުގައިވާ ބިމެއް ކަމަށާއި ފަލަސްތީނަކީ މިނިވަން މުސްތަގިއްލު ދައުލަތެއް ކަމަށް އެ ބަޔާނުގައި ބުުނެފައިވެ އެވެ.

ނަތަންޔާހޫ އިޒްރޭލުގެ ބަޔަކަށް ހަދަން އުޅޭ ޖޯޑަން ވެލޭއަކީ 65،000 ވުރެ ގިނަ ޕަލަސްތީނު ރައްޔިތުން، އިޒްރޭލު ސިފައިންގެ ބެލުމުގެ ދަށުން އުޅެމުންދާ ހިސާބެކެވެ. މި ސަރަހައްދަށް ބާރު ފޯރުވާ ވާހަކަ ނަތަންޔާހޫ ދެއްކެވެމުން، މެދު އިރުމަތީގެ ގިނަ ގައުމުތަކުން ވަނީ އެކަމާ ދެކޮޅު ހަދާ އިޒްރޭލު ގެންގުޅޭ ވެރިވެގަތުގެ ސިޔާސަތު ދޫކޮށްލަން ގޮވާލާފަ އެވެ.

ނަތަންޔާހޫ ދެއްކި ވާހަކަތައް ކުށްވެރިކޮށް ދިވެހި ސަރުކާރުން ބަޔާނެއް ނެރެފައި މިވަނީ، ދިވެހި ސަރުކާރުން އެކަން ކުށްވެރިކޮށް ބަޔާނެއް ނެރުން ލަސްވާތީ އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް ވެސް އަމާޒުވެފައި ވަނިކޮށެވެ.