އޯއައިސީ

"މުސްލިމުންގެ ހައްގުތަކަށް ރާއްޖެ ވަކާލާތު ކުރޭ"

އިސްލާމް ދިނާއި މުސްލިމުންގެ ހައްގުތައް، ހާއްސަކޮށް ފަލަސްތީނުގެ ހައްގުތައް ހިމާޔަތް ކުރަން ރާއްޖެ ވަކާލާތުކުރާ ކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.

އޯއައިސީގެ މެމްބަރު ގައުމުތަކުން އދ. އަށް ކަނޑައަޅާފައި ތިއްބަވާ ދާއިމީ މަންދޫބުންނާއެކު ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ވަނީ އެ ޖަމިއްޔާ އާއި ރާއްޖެ ގުޅުނު ފަހުން އެހެން މެމްބަރު ގައުމުތަކާއި ގުޅިގެން ކުރަމުން އަންނަ މަސައްކަތްތަކަށް އަލިއަޅުވާ ލައްވާފަ އެވެ.

އެގޮތުން އިސްލާމްދީނާއި ދެކޮޅަށް ހިންގާ ހަރަކާތްތައް ހުއްޓުުވުމާއި، ޓެރަރިޒަމްގެ އަމަލުތަކާއި މުސްލިމުންގެ ހައްގުތަކުގެ އިތުރުން ހާއްސަ ގޮތެއްގައި ފަލަސްތީނުގެ ރައްޔިތުންގެ ހައްގުތަކާ ބެހޭ ގޮތުން ވަކާލާތު ކުރުމުގައި ރާއްޖެއިން މަސައްކަތް ކުރާކަން ޝާހިދުގެ ވާހަކަފުޅުގައި ފާހަގަ ކުރެއްވި އެވެ.

އަދި ދެމެހެއްޓެނިވި ތަރައްގީ އާއި، މޫސުމީ ބަދަލުތަކުގެ އިތުރުން އާންމު ސިއްހަތާއި ގުޅޭގޮތުން ރާއްޖެއިން މަސައްކަތްކުރާަ ކަމަށް އޭނާ ފާހަގަ ކުރެއްވި އެވެ. އޯއައިސީ 1969 ވަނަ އަހަރު އުފެއްދުމަށް ފަހު މުސްލިމް ގައުމުތައް ގުޅުވައި، 1.5 ބިލިޔަން މުސްލިމުންގެ ހިތްތަކާ ގުޅިފައިވާ އެކި މައްސަލަތަކުގައި ވަކާލާތު ކުރަމުން އަންނަކަން ވެސް ފާހަގަކުރެއްވި އެވެ.

ރާއްޖެއިން އޯއައިސީއާ ގުޅުނީ 1976 ވަނަ އަހަރު އެވެ.