އަބްދުﷲ ޝާހިދު

ފަލަސްތީނުގެ ދިފާއުގައި ޝާހިދު މިރޭ ތަގުރީރު ކުރައްވަނީ

May 20, 2021

ފަލަސްތީންގެ މައްސަލާގައި މިރޭ ބާއްވާ އދ. ގެ އާންމު މަޖިލީހުގައި ރާއްޖެ ތަމްސީލް ކުރައްވާނީ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ކަމަށް އެ މިނިސްޓްރީން ބުނެފި އެވެ.

އާންމު މަޖިލީހުގައި މެންބަރު ގައުމުތަކުން މިރޭ ބަހުސް ކުރާނެ މައިގަނޑު މައްސަލައަކީ މެދުއިރުމަތީގެ ހަމަނުޖެހުންތަކާއި ވަކިން ހާއްސަކޮށް ފަލަސްތީނުގެ މައްސަލަ އަށެވެ.

އެ ބައްދަލުވުން ފަށާނީ ރާއްޖެ ގަޑިން މިރޭ 7:00 ޖަހާއިރު އެވެ. މިނިސްޓަރު ޝާހިދު ތަގުރީރު ކުރެއްވުމަށް ހަމަޖެހިފައި ވަނީ ރާއްޖެ ގަޑިން 7:30 އާއި 8:00 އާ ދެމެދުގެ ވަގުތެއްގަ އެވެ.

ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވަނީ ފަލަސްތީނުގެ މައްސަލައިގައި އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ) ގެ އެގްޒެކެޓިވް ކޮމިޓީގެ ހާރިޖީ ވަޒީރުންގެ ފެންވަރުގެ ބައްދަލުވުމުގައި ވެސް މިދިޔަ ހަފްތާގެ ތެރޭގެ ބައިވެރިވެވަޑައިގެންފަ އެވެ. އެ ބައްދަލުވުމުގައި މިނިސްޓަރު ޝާހިދު ވަނީ އިޒްރޭލުން ފަލަސްތީނަށް ދެމުން ގެންދާ ލާއިންސާނީ އަމަލުތައް ކުށްވެރިކޮށް އެ ހަމަލާތައް ވަގުތުން ހުއްޓާލުމަށް ގޮވާލައްވާފަ އެވެ.

މެދުއިރުމަތީގެ ސުލްހައަށް އޮތް ހަމައެކަނި ހައްލަކީ 1967 ވަނަ އަހަރު އެއްބަސްވެފައިވާ އިމުގެ ތެރޭގައި ފަލަސްތީންގެ މިނިވަން ދައުލަތް ގާއިމުކޮށް އެ ދައުލަތުގެ ވެރި ރަށަކީ އިރުމަތީ ގުދުސް ކަމުގައި ހަމަޖައްސައިގެން ކަމުގައިވެސް މިނިސްޓަރު ޝާހިދު ވިދާޅުވެފައިވެ އެވެ.

ފަލަސްތީންގެ ހައްގުގައި ދިވެހިންނާއި ދިވެހި ސަރުކާރުން އަބަދުވެސް ވަކާލާތު ކުރަމުން ގެންދެ އެވެ. ފަލަސްތީނަށް އެހީވުމުގައި ވެސް ދިވެހިންނަށް އެކަން ކޮށްދެވެން އޮތް މިންވަރަކުން އަބަދުވެސް އެ އެހީތެރިކަން ފޯރުކޮށްދެމުން ގެންދެ އެވެ.