އިސްރާއީލުން ފަލަސްތީނުގެ ބިންތަކަށް ވެރިވެގަތުމަށް ކުރަމުން ގެންދާ މަސައްކަތްތައް ރާއްޖެއިން ކުށްވެރިކޮށްފި އެވެ.
ރާއްޖެއިން މިކަން ކުށްވެރިކޮށްފައިވަނީ އިސްރާއީލުން ފަލަސްތީނުގެ ބިންތަކަކަށް ވެރިވެގަތުމަށް ކުރަމުންދާ މަސައްކަތާއި ފަލަސްތީނުގެ ރައްޔިތުންނާމެދު ހިންގާ ލާއިންސާނީ އަމަލުތައް ކުށްވެރިކޮށް ނަން-އެލައިންޑް މޫވްމަންޓް (ނާމް) އިން ނެރުނު ގަރާރަށް ތާއީދުކުރަމުންނެވެ. ނާމްގެ ގަރާރުގައި ވަނީ ކޮވިޑް-19 އާއި ދެކޮޅަށް ދުނިޔެއިން މަސައްކަތްކުރަމުންދާ މި ދަނޑިވަޅުގައިވެސް 1967ގެ ބޯޑަރުގެ މައްޗަށް ބިނާކޮށް ފަލަސްތީނުގެ މިނިވަން ދައުލަތެއް ގާއިމްކުރުމަށް ކުރެވޭ މަސައްކަތަށް ހުރަސް އެޅޭ ގޮތަށް ފަލަސްތީނުގެ ބިންތަކަށް ވެރިވެގަތުމަށް އިސްރާއީލުން މިހާރު ހިންގަމުންދާ އަމަލުތަކުގެ ސަބަބުން ފަލަސްތީނުގެ ރައްޔިތުންނަށް އެތައް އަނިޔާތަކެއް ލިބި، އެމީހުންގެ ހައްގުތައް ގެއްލިގެން ދާނެކަމަށެވެ. އަދި އިސްރާއީލުގެ މިއަމަލުތައް ނުހުއްޓައިފިނަމަ ފަލަސްތީނުގެ މިނިވަން ދައުލަތެއް ގާއިމްކޮށް "ޓޫ ސްޓޭޓް ސޮލިއުޝަން" ހޯދުމަށް ކުރާ މަސައްކަތަށް ހުރަސް އެޅިގެންދާނެ ކަމަށެވެ.
ގަދަކަމުން ފަލަސްތީނުގެ ބިންތަކަށް އިސްރާއީލުން ވެރިވެގެން އުޅޭ އުޅުން ކުށްވެރިކޮށް، ފަލަސްތީނުގެ ބިންތަކުގައި އިސްރާއީލުން ހިންގަމުންދާ ބައިނަލްއަގްވާމީ ގާނޫނުތަކާ ޚިލާފް އެންމެހާ އަމަލުތައް ވަގުތުން ހުއްޓާލުމަށްވެސް ރާއްޖެ ހިމެނޭ ގޮތަށް ނާމްގެ ގައުމުތަކުން ވަނީ އިސްރާއީލަށް ގޮވާލާފައެވެ.
ހަމައެއާއެކު އދގެ ސަލާމަތީ މަޖިލީހުގެ ގަރާރުތަކަށް އިސްރާއީލުން ބޯނުލަނބާ މައްސަލައިގައި އެގައުމު ޖަވާބުދާރީކުރުވަން ބައިނަލްއަގްވާމީ މުޖްތަމައަށް ވަނީ ގޮވާލާފައެވެ. މިކަންތަކަށް ބާރުއެޅުމުގެ ގޮތުން ހިފާފައިވާ ފަލަސްތީނުގެ ބިންތަކުގައި ހިންގާ އިސްރާއީލުގެ ވިޔަފާރިތަކާ މުއާމަލާތު ނުކުރުމާއި، ހިފާފައިވާ ބިންތަކުގައި އިސްރާއީލުން އުފައްދާ މުދާ ބައިނަލްއަގްވާމީ ބާޒާރަށް ނެރުނަ ނުދިނުމަށް ނާމް އިން ވަނީ ބާރު އަޅާފައެވެ.
ނާމް އިން ވަނީ އދގެ ސަލާމަތީ މަޖިލީހުން، އެމަޖިލީހުގެ ޒިންމާ އަދާކޮށް، ފަލަސްތީނުގެ މައްސަލައިގައި އެމަޖިލީހުން ފާސްކޮށްފައިވާ ގަރާރުތައް ތަންފީޒުކޮށް، ފަލަސްތީނުގެ އިތުރު ބިންތަކަށް ވެރިވެގަތުމަށް އިސްރާއީލުން ކުރަމުންދާ މަސައްކަތްތައް ހުއްޓުވުމަށް ސަލާމަތީ މަޖިލީހަށް ގޮވާލާފައެވެ. އަދި އިތުރު ބިންތަކަށް އިސްރާއީލުން ވެރިވެގަތުމަކީ މެދުއިރުމަތީގެ ސުލްހައިގެ އިތުރުން ބައިނަލްއަގްވާމީ ސުލްހައަށް އެޅިގެންދާ ހުރަހެއްކަމަށްވެސް ވަނީ ބުނެފައެވެ.