ހަބަރު

ރާއްޖޭން ފަލަސްތީނަށް ކުރާ ތާއީދެއް ނުގުޑާނެ: ޝާހިދު

Sep 16, 2019

ފަލަސްތީނުގެ މިނިވަންކަން އަނބުރާ ހޯދުމަށް ރާއްޖޭން ކުރާ ތާއީދަށް އެއްވެސް ލޮޅުމެއް ނާންނާނެކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.

ސައޫދީ އަރަބިއްޔާގެ ޖިއްދާގައި މިހާރު ކުރިއަށްދާ އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ) ގެ ހާރިޖީ ވަޒީރުންގެ ކުއްލި ބައްދަލުވުމުގެ ހަވާސާގައި ޝާހިދު ވަނީ ފަލަސްތީނުގެ ފޮރިން މިނިސްޓަރު ޑރ. ރިޔާޒު އަލް-މަލިކީ އާ ބައްދަލުކުރައްވައިފަ އެވެ. އެ ބައްދަލުވުމުގައި، ރާއްޖެ އަބަދުވެސް ފަލަސްތީނާއެކު އޮންނާނެކަމުގެ ޔަގީންކަން ދެއްވިކަމަށް ޝާހިދު ކުރެއްވި ޓްވީޓެއްގައި ވަނީ ވިދާޅުވެފަ އެވެ.

އިސްލާމީ ގައުމުތަކުގެ ހާރިޖީ ވަޒީރުންގެ ކުއްލި ބައްދަލުވުމެއް ބޭއްވީ އިޒްރޭލްގެ ބޮޑުވަޒީރުގެ ވާހަކަފުޅުތަކާއި ގުޅިގެން އަޅަން ޖެހޭ ސިޔާސީ އަދި ގާނޫނީ ފިޔަވަޅުތައް އަޅަން ސައޫދީ އަރަބިއްޔާގެ އިސް ނެގުމަަށެވެ.

އެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ޝާހިދު ވިދާޅުވީ ފަލަސްތީނުގެ މައްސަލައިގައި ދިވެހިން ތިބީ އެ ގައުމާއި އެކުގައި ކަމަށާއި، އެ ނިންމުމަށް ބަދަލެއް ނުގެންނާނެ ކަމަށެވެ.

އިޒްރޭލްގެ އާއްމު އިންތިހާބު ބޮޑު ވަޒީރު ބެންޖަމީން ނަތަންޔާހޫގެ ޕާޓީއަށް ކާމިޔާބުވެއްޖެނަމަ ފަލަސްތީނުގެ ޖޯޑަން ވެލީ އާއި އެހެން ބައެއް ސަރަހައްދުތައް އިޒްރޭލްގެ ބައެއްގެ ގޮތުގައި ހަމަޖައްސާނެ ކަމަށް ނަތަންޔާހޫ ވިދާޅުވި ވިދާޅުވުން ވެސް ޝާހިދު ވަނީ ކުށްވެރި ކުރައްވާފަ އެވެ.