ހަބަރު

އެކަތިގަނޑެއްގެ ގޮތު ފަލަސްތީނާއެކު ދެމިތިބެންޖެހޭ: ޝާހިދު

Jun 10, 2020

ފަލަސްތީނުގެ ބިންތަކުގެ ބޮޑު ބައެއް އިޒްރޭލުން ހިފަން އަނެއްކާވެސް ކުރަމުންދާ މަސައްކަތާ ގުޅިގެން ރާއްޖެއިން އެކަން ކުށްވެރިކޮށްފި އެވެ.

އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ) ގެ އެގްޒެކެޓިވް ކޮމިޓީގެ ހާރިޖީ ވަޒީރުންގެ ފެންވަރުގެ ބައްދަލުވުމުގައި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު މިއަދު ވަނީ ބައިވެރިވެވަޑައިގެންފަ އެވެ.

ސައުދީން ރިޔާސަތު ބެލެހެއްޓި މި ވާޗުއަލް ބައްދަލުވުމަކީ ފަލަސްތީނުގެ ހުޅަނގު އައްސޭރީގެ އިތުރު ބިންތަކެއް އިޒްރޭލުން ހިފާ، އެ ގައުމުގެ ބަޔަކަށް ހަދަން މަސައްކަތް ކުރަމުން ދާތީ، އެކަމާބެހޭ ގޮތުން މަޝްވަރާ ކުރަން ބޭއްވި ބައްދަލުވުމެކެވެ.

ޝާހިދު ވިދާޅުވީ އިޒްރޭލުން ހުޅަނގުގެ އައްސޭރީގެ އިތުރު ބިންތަކަކަށް ވެރިވުމަކީ ސަރަހައްދީ ހަމަޖެހުން ނަގާލަން އިޒްރޭލުން ސިލްސިލާކޮށް ކުރާ މަސައްކަތުގެ ބައެއް ކަމަށެވެ. އަދި ހިފާފައިވާ ހުޅަނގު އައްސޭރީގެ ބިންތަކަކީ އިޒްރޭލުގެ އަމިއްލަ ބިންކަމުގައި ކަނޑައެޅުމަކީ ރާއްޖެއިން ހަރުކަށިކޮށް ކުށްވެރިކުރާ އަދި އެކަމާ ދެކޮޅު ހަދާ ކަމެއް ކަމަށެވެ.

ކޮވިޑް-19 އިގެ ބަލިމަޑުކަމާ ދެކޮޅަށް މުޅި ދުނިޔެއިން މަސައްކަތް ކުރަމުން ދާ މި ދަނޑިވަޅުގައި، އިޒްރޭލުގެ މި އަމަލުތަކުގެ ސަބަބުން ފަލަސްތީނުގެ ރައްޔިތުން އިތުރަށް ނިކަމެތިވެގެން ދާނެކަން ވެސް ޝާހިދު ފާހަގަ ކުރެއްވި އެވެ.

ފަލަސްތީނުގެ މައްސަލައިގައި ރާއްޖެއިން އަބަދުވެސް ގަބޫލު ކުރަނީ 1967 ވަނަ އަހަރު އެކުލަވާލި ފަލަސްތީނުގެ ސަރަހައްދީ އިމުގެ ތެރޭގައި ފަލަސްތީނުގެ މިނިވަން ދައުލަތެއް ގާއިމްކޮށް، އެ ދައުލަތުގެ ވެރިރަށަކީ އިރުމަތީ ގުދުސް ކަމަށް ހެދުންކަން ފާހަގަ ކުރައްވާ ރާއްޖެއިން ދެކޭ ގޮތް އޭނާ ތަކުރާރު ކުރެއްވި އެވެ. އަދި އިޒްރޭލުން ފަލަސްތީނުގެ އިތުރު ބިންތަކަށް ވެރިވުމަކީ ފަލަސްތީނުގެ ވަކި ދެ ދައުލަތެއް ގާއިމްކުރަން ކުރާ މަސައްކަތަށް އެޅޭ އިތުރު ހުރަހެއްކަމަށާއި، އެކަން ހާސިލް ކުރެވޭނީ އިހުލާސްތެރި ކަމާއެކު މަސައްކަތް ކޮށްގެން ކަމަށް ވިދާޅުވި އެވެ.

ޝާހިދުގެ ވާހަކަފުޅު ނިންމަވާލައްވަމުން، ފަލަސްތީނުގެ ރައްޔިތުން އިންސާފާއި ސުލްހަ އަދި މިނިވަންކަން ހޯދުމަށް ކުރަމުންދާ މަސައްކަތުގައި މުޅި އިސްލާމީ އުއްމަތް އެކަތިގަނޑެއްގެ ގޮތުގައި ފަލަސްތީނުގެ ރައްޔިތުންނާއެކު ދެމިތިބުމަށް ގޮވާލެއްވި އެވެ.