ބައެއް މީހުން ވަރަށް ފިނި ބުއިންތައް ބުއިމަށްފަހު ތަށީގެ ފުލުގައި ބާކީ ހުންނަ ގަނޑުފެންތައް ހަފާލައިގެން ކާލާތަން ފެނެ އެވެ. ނަމަވެސް ޑެންޓިސްޓުން ބުނާ ގޮތުގައި ގަނޑުފެން ކެއުމަކީ އެއްގޮތަކަށް ވެސް ކުރަން ހެޔޮވާ ވަރުގެ ކަމެއް ނޫނެވެ. އޭގެ ސަބަބުން ދަތްތަކަށް ހީނުކުރާ ވަރުގެ ބޮޑު ގެއްލުމެއް ލިބޭނެ އެވެ.
ޑެންޓިސްޓުން ބުނި ގޮތުގައި ގަނޑުފެން ހަފައިގެން ކެއުމުން ދަތްތައް ދެ ފަޅިވުމަކީ ވަރަށް އެކަށީގެންވާ ކަމެކެވެ.
ޔޫޓިއުބު ޗެނަލް ދަޓީތުޑޮކްގައި ޑެންޓިސްޓަކު ވަނީ ގަނޑުފެން ކެއުމުން ދަތްތަކަށް ގެއްލުން ލިބޭ ގޮތް ގްރެފިކް ކްލިޕެއްގެ ޒަރިއްޔާއިން ދައްކާފަ އެވެ.
މި ކްލިޕްގައި ފެންނަނީ ދެފަޅިވެފައިވާ ދަތެކެވެ. އަދި ދަތުގެ ބައެއް ބައިތައް ހިރުގަނޑުގައި ހަރުލާފައި ހުރި ތަނެވެ.
އިތުރު ޑެންޓިސްޓުން ވެސް ވަނީ މިފަދަ ވީޑިއޯތައް ޔޫޓިއުބުގައި އާއްމުކޮށްފަ އެވެ. އަދި ގަނޑުފެން ކެއުމުން ދަތަށް ލިބޭ ބޮޑެތި ގެއްލުންތައް މި ވީޑިއޯތަކުން ފެނެ އެވެ.
ދަތުގެ ހާއްސަ ޑޮކްޓަރުން ބުނާ ގޮތުގައި ދަތުގެ ބޭރު ފަށަލަ އުފެދިފައިވަނީ ޕޯސެލޭން ނުވަތަ މުށިންނެވެ. އަދި އެތެރޭގައި ހުންނަނީ ފައިބަރެވެ.
ކުއްލިއަކަށް ދަތަށް ބަދަލު އަންނަން ޕޯސްލޭން ގަބޫލެއް ނުވެ އެވެ. މީހަކު އައިސްކޮޅެއް ހަފައިގެން ކާލާއިރަށް ދަތާއި އޭގެ ވަށައިގެންވާ އޭރިއާގެ ޓެމްޕްރޭޗަރަށް ކުއްލިއަކަށް ބޮޑު ބަދަލެއް އާދެ އެވެ.
އަނެއްކޮޅުން ގަނޑުފެނަކީ ވަރަށް ހަރު އެއްޗަކަށް ވާތީ އެ ހަފައިގެން ކާއިރު ދަތުގެ ކިރިޔާ ވެސް މައްސަލައެއް ހުރިއްޔާ ދަތްތައް ދެ ފަޅިވުމުގެ ފުރުސަތު އޮވެ އެވެ.
ގަނޑުފެން ކެއުމަކީ ޕައިކާގެ ވައްތަރެކެވެ. ޕައިކާ އަކީ އާންމުކޮށް ކެއުމަށް ބޭނުންކޮށް ނޫޅޭ އެއްޗެތި މާބޮޑަށް ކާހިތްވުމަށް ކިޔާ ނަމެކެވެ. އެގޮތުން ބައެއް މީހުން ޗޯކް ފަދަ އެއްޗެތި ކައިއުޅެ އެވެ. ވެއްޔާއި ހިލަ ކައި އުޅޭ މީހުން ވެސް މަދުން ނަމަވެސް އުޅެ އެވެ.
ޕައިކާ އަކީ ހަށިގަނޑުގައި ވަކި ބާވަތެއްގެ ނިއުޓްރިޝަނެއް މަދުވުމުން ދިމާވާ ކަމެކެވެ. ގަނޑުފެން ކެއުމަކީ ޕައިކާގެ ވައްތަރު ތަކުގެ ތެރެއިން ޕެގޮފޭޖިއާ ކިޔާ މައްސަލަ އެކެވެ. މި މައްސަލަ ހުންނަ މީހުން ވަރަށް ބޮޑަށް ގަނޑުފެން ކާހިތް ވާނެ އެވެ. މިއީ ހަށިގަނޑުގައި ދަގަނޑުގެ ބާވަތް މަދުވެ ލޭ މަދުވުމުން ދިމާވާ ކަމެކެވެ. ނަމަވެސް މި ވީޑީއޯއަށް ކޮމެންޓު ކުރި އާއްމުންނަށް މި ވާހަކަ ގަބޫލުކުރަން އެހާ ފަސޭހައެއް ނުވިއެވެ. އެމީހުން ގަބޫލުކުރާ ގޮތުގައި ގަނޑުފެން ކެޔަސް ދަތްތައް ދެފަޅިއެއް ނުވާނެ އެވެ. އޭގެ ތެރެއިން ގިނަ މީހުންނަކީ ވަރަށް ގިނައިން ގަނޑުފެން ކާ ބައެއް ކަމަށް އެމީހުން ބުނެފައިވެ އެވެ.
ޑެންޓިސްޓެއްގެ ނަމުގައި ކޮމެންޓުކުރި މީހަކު ބުނެފައިވަނީ ވީޑިއޯގައި ދައްކާފައިވާ ދަތަކީ ފުޓުނި އަޅާ ފުރާފައި ހުރި ދަތެއް ކަމަށެވެ. އެހާ ބޮޑަށް ހަލާކުވެފައިވާ ދަތެއް ގަނޑުފެން ނުކެޔަސް ފުނޑުފުނޑު ވެދާނެ ކަމަށެވެ.