ސިވިލްސާވިސް ކޮމިޝަން

ސަރުކާރު މުވައްޒަފުންގެ ޓީމެއް އިންޑިއާއަށް

May 8, 2022
1

އިންޑިއާ ސަރުކާރުގެ ހިލޭ އެހީގައި ކުރިއަށް ގެންދާ ތަމްރީނު ޕްރޮގްރާމެއްގައި ބައިވެރިވުމަށް ދިވެހި ސިވިލް ސާވިސްގެ އެކި އިދާރާތަކުގައި މަސައްކަތްކުރާ 40 މުވައްޒަފަކު އިންޑިއާއަށް ގޮސްފި އެވެ.

މީގެ ތެރޭގައި ހިމެނެނީ މިނިސްޓްރީތަކާއި، ސުކޫލްތަކާއި އަދި ކައުންސިލް އިދާރާތަކުގެ މެނޭޖިރިއަލް ފަންތީގައި މަސައްކަތްކުރާ މުވައްޒަފުންނެވެ.

އިންޑިއާގެ ނެޝަނަލް ސެންޓާ ފޯ ގުޑް ގަވާނަންސްއާ ގުޅިގެން މާދަމާ އިން ފެށިގެން މިމަހުގެ 21 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދާ ތަމްރީން ޕްރޮގްރާމް ފަރުމާކޮށްފައިވަނީ ސިވިލް ސާވިސްގެ ދާއިރާގައާއި ސަރުކާރު ހިންގުމުގައި އިންޑިއާގެ ތަޖުރިބާ ބައިވެރިންނާ ހިއްސާ ކުރާ ގޮތަށެވެ.

މިޕްރޮގްރާމްގައި އިންޑިއާގެ ސިވިލް ސާވިސްއާ ބެހޭގޮތުންނާއި، އިގްތިސޯދީ، އިޖުތިމާއީ، ތިމާވެށި އަދި އެކި އެކި ސިޔާސަތުތަކާ ގުޅޭ މައުލޫމާތު ދިނުމުގެ ބައްދަލުވުންތަކެއް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވެ އެވެ.

މި ތަމްރީނު ދަތުރުގެ ފުރަތަމަ ހަފްތާގައި ބައިވެރިން ހޭދަކުރާނީ މަސޫރީ، އުއްތަރުކަންޑުގައި ހުންނަ ލާލް ބަހާދުރް ޝާސްތްރީ ނޭޝަނަލް އެކެޑަމީގަ އެވެ. މި އެކެޑަމީ އަކީ އިންޑިއާގެ ސިވިލް ސާވިސް މުވައްޒަފުން ތަމްރީނު ކުރާ މައި މަރުކަޒެވެ.

ދެވަނަ ހަފްތާގެ ބައްދަލުވުންތައް ކުރިއަށް ގެންދާނީ ނިއުދިއްލީގަ އެވެ. މީގެ އިތުރުން މި ދަތުރުގައި މަސޫރީ އަދި ދިއްލީގެ ސަގާފީ ތަންތަނަށް ބައިވެރިން ޒިޔާރަތްކޮށް، ދެ ގައުމުގެ ސަގާފީ ހަރަކާތްތަކެއް ދައްކުވައިދޭ ހަފްލާއެއް ވެސް ބޭއްވުމަށް ހަމަޖެހިފައިވެ އެވެ.

ދިވެހި ސިވިލް ސާވިސްގެ މުވައްޒަފުން ތަމްރީންވުމަށް އިންޑިއާ އަށް ދަތުުރުކުރަނީ ދިވެހި ސިވިލް ސާވިސް މުވައްޒަފުންގެ ހުނަރާއި ގާބިލްކަން އިތުރުކުރުމުގެ ގޮތުން ދިވެހި ސިވިލް ސާވިސް ކޮމިޝަނުން ކުރަމުންދާ މަސައްކަތުގެ ތެރެއިން 2019 ވަނަ އަހަރު އިންޑިއާއާއި އެކު ސޮއިކޮށްފައިވާ އެމްއޯޔޫއެއްގެ ދަށުންނެވެ.

އިންޑިއާ އަށް ތަމްރީންވުމަށް މިހާރު ގޮސްފައި އެވަނީ އެމްއޯޔޫގެ ދަށުން ދިޔަ 11 ވަނަ ބެޗެވެ. އިންޑިއާއަށް މިހާރު ގޮސްފައިވާ ޓީމުގައި އިސްކޮށް ހުންނެވީ މޯލްޑިވްސް މީޑިއާ ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލް އިބްރާހިމް ސަމީރު އެވެ.