މޯލްޑިވްސް ކަސްޓަމްސް ސާވިސް

ފަސިންޖަރެއް އަތުން 21 މިލިއަން ރުފިޔާގެ ޑުރަގް އަތުލައިގެންފި

ރާއްޖެ އައި ފަސިންޖަރެއްގެ އަތުން 21 މިލިއަން ރުފިޔާގެ މަސްތުވާތަކެތި ކަސްޓަމްސް އިން އަތުލައިގެންފި އެވެ.

ކަސްޓަމްސް އިން މިއަދު ބުނީ މިމަހުގެ ތިންވަނަ ދުވަހު ވައިގެ މަގުން ރާއްޖެ އައި ފަސިންޖަރެއްގެ އަމަލުތަކާމެދު ޝައްކު އުފެދިގެން އޭނާގެ ލަގެޖް ބަލައި ފާސްކުރިއިރު 4.226 ކިލޯގެ މަސްތުވާތަކެތި ފެނިފައިވާ ކަމަށެވެ.

އެމީހާގެ ލަގެޖުން ފެނިފައިވަނީ މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ކޮކެއިން އެވެ. އެ ތަކެތި މިހާރު ފުލުހުންނާ ހަވާލުކޮށްފައިވާ ކަމަށް ވެސް ކަސްޓަމްސް އިން ބުންޏެވެ. އެތަކެތީގެ އަގަކީ 21 މިލިއަން ރުފިޔާ އެވެ.

މަސްތުވާތަކެތި އަތުލައިގެންފައި ވަނީ ކޮން ގައުމަކުން އައި މީހެއްގެ ލަގެޖުން ކަމެއް ކަސްޓަމްސް އިން ބުނެފައެއް ނުވެ އެވެ.