ވިޔަފާރި

އެސްޓީއޯއިން ތެލުގެ އަގު ހެޔޮކޮށްފި

Jan 1, 2016
2
  • ޕެޓްރޯލާއި ޑީސަލުން ރުފިޔާއެއް ވަނީ ހެޔޮކޮށްފައި
  • ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ދެ ޕަސެންޓް ދަށްވެފައިވޭ
  • މިއަހަރު ވެސް ތެލުގެ އަގު ދަށަށް ދާނެ

ސަރުކާރާއި ރައްޔިތުން ހިއްސާވާ ވިޔަފާރި ކުންފުނި، އެސްޓީއޯ އިން އާ އަހަރާ އެކު ޑީސަލާއި ޕެޓްރޯލް ވިއްކާ އަގު މިއަދުން ފެށިގެން ވަރަށް ބޮޑަށް ހެޔޮ ކޮށްފި އެވެ.

އެ ކުންފުނިން ބުނީ ބާޒާރުގައި ތެލުގެ އަގަށް އައި ބަދަލާ އެކު، މީގެ ކުރިން ކުރިން 11 ރުފިޔާ އަށް ވިއްކަމުން އައި ޕެޓްރޯލް ލީޓަރެއް މިއަދުން ފެށިގެން ވިއްކާނީ 1.20 ރުފިޔާ އަގު ހެޔޮކޮށް، 9.80 ރުފިޔާ އަށް ކަމަށެވެ. އަދި 11 ރުފިޔާއަށް ވިއްކަމުން އައި ޑީސަލް ލީޓަރެއް ދެން ވިއްކާނީ އެއް ރުފިޔާ އަގު ހެޔޮކޮށް 10 ރުފިޔާއަށް ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.

އެސްޓީއޯ އިން މިދިޔަ އަހަރު ވެސް ތިން ފަހަރެއްގެ މަތިން ތެލުގެ އަގު ހެޔޮ ކުރި އެވެ.

އަހަރު ނިމިގެން އައި އިރު، ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ވަނީ 2.9 ޕަސެންޓަށް ދަށަށް ގޮސްފަ އެވެ، އެގޮތުން ސާފު ނުކުރާ ތެޔޮ ފީފާ އެއްގެ އަގު ވަނީ 36.6 ޑޮލަރަށް ވެއްޓިފަ އެވެ. އަދި އިގްތިސާދީ ދާއިރާގެ ބޭފުޅުން ވިދާޅުވަނީ މި އަހަރުގެ ތެރޭގައި އިތުރަށް ތެލުގެ އަގު ދަށްވާނެ ކަމަށެވެ.