ހަބަރު

މަސައްކަތާ ނުގުޅޭ ތިމާވެށްޓަށް ގެއްލުންވާ ކަންކަން ކޮންޓްރެކްޓަރުން ކުރޭ: އީޕީއޭ

ގިނަ މަޝްރޫއުތަކުގެ ކޮންޓްރެކްޓަރުން، މަޝްރޫއުތަކާ ގުޅިގެން ހަދާފައި ހުންނަ ތިމާވެށްޓަށް އަސަރު ފޯރާނެ މިންވަރު ބަޔާންކުރާ ރިޕޯޓު (އީއައިއޭ ރިޕޯޓު) އާ ހިލާފަށް މަސައްކަތް ކުރަމުންދާކަން ފާހަގަވެފައިވާ ކަމަށް އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ) އިން ބުނެފިއެވެ.

އެ އެޖެންސީއިން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވާ ގޮތުގައި މަޝްރޫއުތަކުގެ ކޮންޓްރެކްޓަރުންނަށް ހަވާލުކުރެވިފައިވާ މަސައްކަތުގެ ބޭރުން ތިމާވެށްޓަށް ގެއްލުންވާ ފަދަ އެކިއެކި މަސައްކަތްތައް ކުރަމުންދާކަން ފާހަގަ ކުރެވިފައިވާ ކަމަށެވެ.

އެގޮތުން އެކި ފަރާތްތަކުގެ އެދުމުގެ މަތީން ރަށްރަށުގައި ކުނި ވަޅުލައިދިނުމާއި، ގިނަ އަދަދެއްގެ ރުއްގަސް ކެނޑުމާއި، ފަޅު ފުންކޮށްދިނުމާއި ހިއްކައިދިނުން ފަދަ ތިމާވެށްޓަށް އޭގެ ނޭދެވޭ އަސަރު ދިގު މުއްދަތަކަށް ފޯރާ ފަދަ އެކިއެކި މަސައްކަތްތައް ކޮންޓްރެކްޓަރުން ކުރަމުންދާ ކަމަށް އީޕީއޭއިން ފާހަގަކުރެއެވެ.

މިކަންކަމުގެ ޒިންމާ ކޮންޓްރެކްޓަރުންނާއި ރަށްރަށުގައި މަޝްރޫއުތައް ހިންގުން ހަވާލުކުރާ ފަރާތްތަކުން ނަގަންޖެހޭނެ ކަމަށް އީޕީއޭއިން ވަނީ ބުނެފައެވެ. މަޝްރޫއުތައް ހިންގާ ފަރާތްތަކުން އެ މަޝްރޫއުތަކުގެ އަމަލީ މަސައްކަތްކުރަން ހަވާލުކޮށްފައިވާ ކޮންޓްރެކްޓަރުން މަސައްކަތްކުރަމުން ދަނީ އީއައިއޭ ރިޕޯޓާ އެއްގޮތަކަން ޔަގީންކުރުމަށް އީޕީއޭއިން ވަނީ އިލްތިމާސްކޮށްފައެވެ.

އަދި، އީއައިއޭ ރިޕޯޓާ ހިލާފަށް މަސައްކަތްކުރާ ފަރާތްތަކާ މެދު އެ އޭޖެންސީއިން އެންމެ ހަރުކަށި ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށް އެޖެންސީގެ ނޫސްބަޔާނުގައި ވަނީ ބުނެފައެވެ.