ރާއްޖޭގައި އިންޑިއާ އިން ހިންގަމުންދާ ޖަރިމާތައް ދުނިޔޭގެ ސަމާލު ކަމަށް ގެންނަވާނެ ކަމަށާ ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭލުމަށް ގޮވާލާ ފަށާފައިވާ "އިންޑިއާ އައުޓް" ހަރަކާތް ހުއްޓުވާ ނުލެވޭނެ ކަމަށް ކުރީގެ ރައީސް އަދި އިދިކޮޅު ލީޑަރު އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ މިރޭ އޮތް ޕީޕީއެމްގެ ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ. ރައީސް ޔާމީން އިސްވެ ފައްޓަވާފައިވާ "އިންޑިއާ އައުޓް" ހަރަކާތަކީ ގައުމީ ސަލާމަތަށް ނުރައްކާ ހަރަކާތެއް ކަމަށް ރައީސް ސޯލިހް ވަނީ ކަނޑައަޅުއްވާފައެވެ. އެ ގަރާރު ތަންފީޒު ކުރުމަށް ސިފައިންނާއި ފުލުހުންގެ މައްޗަށް އަމުރުކުރުމުން "އިންޑިއާ އައުޓް" ކެންޕެއިނާ ގުޅުން ހުރި ކޮންމެ ހަރަކާތެއް އެ ދެ މުއައްސަސާއިން ދަނީ ހުއްޓުވަމުންނެވެ. އެ ކެމްޕެއިނާ ގުޅުން ހުރި ބެނާތަކާއި ދިދަތަކާއި ޕޯސްޓަރުތައް އަދި ލިޔުންތައްވެސް ދަނީ ނަގަމުންނެވެ.
މީގެ އިތުރުން އެއްވުންތަކާއި މުޒާހަރާތައްވެސް ހުއްޓުވައެވެ.
އެކަމަށް އިޝާރާތް ކުރައްވާ ރައީސް ޔާމީން މިރޭ ވިދާޅުވީ "އިންޑިއާ އައުޓް" ހަރަކާތް ނުހުއްޓުވޭނެ ކަމަށެވެ. އަދި އެ ހަރަކާތް ހުއްޓުވަން އިންޑިއާ އިން އެހާ ވަރަށް ބޭނުން ވަނީ އިންޑިއާ އިން ރާއްޖޭގައި ހިންގަމުންދާ "ޖަރީމާ" ތައް ފޮރުވުމަށް ކަމަށް ވިދާޅުވިއެވެ. ނަމަވެސް އެކަން ފޮރުވުމުގެ ފުރުސަތު ނުދެއްވާނެ ކަމަށް ވިދާޅުވިއެވެ. އިންޑިއާގެ "ޖަރީމާ" ތައް މުޅި ދުނިޔެއަށް ހާމަ ކުރެއްވުމުގައި ދެމި ތިއްބަވާނެ ކަމަށް ވިދާޅުވިއެވެ. "އިންޑިއާ އައުޓް" ހަރަކާތް ހުއްޓުވަން ސަރުކާރުން އެހާ ދަށު ދަރަޖައަކަށް ވެއްޓިފައި ވަނީ އިންޑިއާގެ ދަށުވެފައިވާ މިންވަރުން ކަމަށްވެސް ޔާމީން ވިދާޅުވިއެވެ.
"މިހާވަރަކަށް ދެއްތޯ ބަޔަކު ދެން ދަށުވާނީ. އެއްވެސް ކަހަލަ އިއްޒަތެއް އަބުރެއް ޝަރަފެއް ދަންނަ ބައެއް ނޫން މިއީ. އެހާ ބޮޑަށް ފިތިފަ ބާރުވެފައި އެ ތިބީ،" ރައީސް ޔާމީން ވިދާޅުވިއެވެ.
ރައީސް ޔާމީން މިރޭ ވަނީ "އިންޑިއާ އައުޓް" ހަރަކާތުގައި އިސްކޮށް އުޅުއްވާ ބޭފުޅުން ހައްޔަރު ކުރަމުންދާތީ އެކަމަށް ފާޑުވިދާޅުވެފައެވެ. އެމަނިކުފާނު ވިދާޅުވީ އެކި ތުހުމަތުތަކުގައި ސާފު ހެކި ހުރި ކަމަށް ވިދާޅުވެ ބައެއް ބޭފުޅުން ހައްޔަރު ކުރަނީ އެއްވެސް އަސާސެއް ނެތި ކަމަށެވެ. އަދި ފުލުހުން ތައްޔާރު ކުރާ އިންޓެލިޖެންސް ރިޕޯޓަކީ މިއަދު އެއްވެސް ރައްޔިތަކު ގަބޫލު ކުރާނެ ރިޕޯޓެއް ނޫން ކަމަށް ވިދާޅުވިއެވެ.
ފުލުހުންގެ އިދާރާއިން މިނެރޭ އިންޓެލިޖެންސް ރިޕޯޓަކީ ހެޔޮނުވާނެ މިއަދު ހަމަ އެކަކުވެސް ގަބޫލެއް ނުކުރާނެ އެއީ އިންޓެލިޖެންސް ރިޕޯޓެއް ކަމަކަށް ގަބޫލެއް ނުކުރާނެއަބްދުﷲ ޔާމީން އަބްދުލްގައްޔޫމް
"އިންޑިއާ އައުޓް" ހަރަކާތުގައި އިސްކޮށް އުޅުއްވާ މުހައްމަދު އިސްމާއީލް ވަނީ ދެ ފަހަރަކު ހައްޔަރުކޮށްފައެވެ. ނަމަވެސް ދެ ފަހަރުވެސް ކޯޓުން އޭނާ ވަނީ ދޫކޮށްލާފައެވެ. އެކަން ފާހަގަ ކުރައްވާ ރައީސް ޔާމީން ވިދާޅުވީ ކަންކަން ހިނގަމުންދާ ގޮތް ފަނޑިޔާރުންވެސް ވަރަށް ގާތުން ބައްލަވަން ޖެހިވަޑައިގަންނަވާ ކަމަށެވެ.
"މިހާ ވަރަށް ނޭވާހޮޅިއަށް އެޅިފައި އޮތް ސަރުކާރެއް މިހާ ވަރަށް އަނިޔާވެރިވީމަ އަޅުގަނޑުމެން ވިސްނާލަން ޖެހޭ، ފަނޑިޔާރުން ވިސްނާލަން ޖެހޭ. ކިހިނެތް ވެގެންތޯ މީހުން ހައްޔަރު ކުރަން މި އަމުރު ނެރެނީ. މިހިރީ އަޅުގަނޑުމެން ވިސްނާފައި ބަދަލު ކުރަން ޖެހޭ ކަމެއް. އަޅުގަނޑެއް ގަބޫލެއް ނުކުރަން ފުލުހުންގެ އަތުގައި ތިވަރުގެ އިންޓެލިޖެންސް ރިޕޯޓް ހުރިކަމަށް ވެއްޖިއްޔާ ތަހުގީގު ފުރިހަމަ ކުރާކަށް މީހާ ހައްޔަރު ކުރަން ޖެހޭނެ ކަމަކަށް. އެއީ އަޅުގަނޑު ގަބޫލުކުރާ ކަމެއް ނޫން،" ޔާމީން ވިދާޅުވިއެވެ.
އެމަނިކުފާނު ވަނީ އަނިޔާވެރިކަން ކުރިއަށް ނެރެ މީހުން ހައްޔަރުކުރަން ސިފައިންނާއި ފުލުހުން ކުރަމުންދާ މަަސައްކަތަށް ފާޑުވިދާޅުވެފައެވެ. ވިދާޅުވީ މިއަދު ހައްޔަރު ކުރެވިދާނެ ކަމަށާ ނަމަވެސް މިއަދު އޮތް ހާލަތު ބަދަލުވާނެކަން ދަންނަން ޖެހޭ ކަމަށެވެ. އަދި ފުލުހުންގެ މުއައްސަސާއިން ނިކުމެ މީހުން ހައްޔަރުކުރާއިރު އިންޓެލިޖެންސް ރިޕޯޓް އޮތް ނަމަ ހައްޔަރު ނުކޮށް ދައުވާ ކުރަން ވީ ކަމަށެވެ. އަދި ދައުވާނުކޮށް ޖަލުގައި މީހުން ގެންގުޅުމަކީ ގަބޫލުކުރައްވާނެ ކަމެއް ނޫން ކަމަށެވެ.