ޕީޕީއެމް

އަނެއްކާވެސް 40 ފޫޓްގެ "އިންޑިއާ އައުޓް" ބެނާއެއް ދަމައިފި

އިންޑިއާ އައުޓް ކެމްޕޭނުގެ ސަބަބުން ގައުމީ ސަލާމަތަށް ނުރައްކާވާ ކަމަށް ސަރުކާރުން ކަނޑައަޅާ ޕީޕީއެމްގެ އޮފީހުގެ ބޭރުގައި ދަމާފައިވާ ބޮޑު ބެނާ ނަގާފައިވަނިކޮށް އަނެއްކާވެސް އިތުރު ބެނާއެއް ދަމައިފި އެވެ. މި ފަހަރުވެސް ދަމާފައިވަނީ 40 ފޫޓްގެ ބޮޑު ބެނާއެކެވެ.

ޕީޕީއެމްގެ އޮފީސް ހިންގާ އިމާރާތުގައި ކުރީން ދެމީ ބެނާގައި އިނގިރޭސި ބަހުން "އިންޑިއާ އައުޓް" ލިޔެފައިވެއެވެ. އިންޑިއާ އައުޓް ކެމްޕޭނުގެ ސަބަބުން ގައުމީ ސަލާމަތަށް ނުރައްކާވާ ކަމަށް ސަރުކާރުން ކަނޑައެޅުމުން ދެން ދަމަން ފެށި ބެނާތަކުގައި "އިންޑިއާ އައުޓް" ލިޔާ ގޮތް ބަދަލުކޮށްގެން ދެމި އެވެ. ނަމަވެސް އެ ބެނާތައްވެސް ފުލުހުން ވަނީ ނަގާފައެވެ.

ޕީޕީއެމްގެ އޮފީހުގެ ބޭރުގައި މި ފަހަރު ދެމި ބިޔަ ބެނާގައި އިންޑިއާ ދިދަ ކުރަހާ އޭގެ މަތީގައި ވަނީ "އައުޓް" މިހެން ލިޔެފައެވެ.

މި މަސައްކަތުގައި އިސްކޮށް ހުންނެވި ހޯރަފުށީ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު އިސްމާއީލް ވިދާޅުވީ "އިންޑިއާ އައުޓް" ކެމްޕެއިން ނުހުއްޓުވޭނެ ކަމަށެވެ. އަދި އެކި ސިފަސިފާގައި އެ ހަރަކާތް ފުޅާކޮށް ވަރުގަދަ ކުރައްވާނެ ކަމަށެވެ.

ޕީޕީއެމްގެ އޮފީސް ބޭރުގައި "އިންޑިއާ އައުޓް" ބެނާ ދަމާފައިވާ މަންޒަރު ފެންނަ ފޮޓޯތައް ޕީޕީއެމްގެ ރަސްމީ ޓްވިޓާ އެކައުންޓުންވެސް ވަނީ ޓްވީޓްކޮށްފައެވެ.

"އިންޑިއާ އައުޓް" ލިޔެފައިވާ ބޮޑު ބެނާއެއް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ގެކޮޅުގައިވެސް ދެމިއެވެ. ރައީސްގެ ގަރާރާއެކު ފުލުހުން ވަދެ އެ ބެނާވެސް ވަނީ ނަގާފައެވެ.

އިންޑިއާ އައުޓް ކެމްޕޭނުގެ ސަބަބުން ގައުމީ ސަލާމަތަށް ނުރައްކާވާ ކަމަށް ސަރުކާރުން ކަނޑައަޅާ އެކަން އިއުލާނު ކޮށްފައި ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ސޮއި ކުރައްވައި ނެރުނު ރިޔާސީ ގަރާރަކުންނެވެ. އެ ގަރާރުގައި ރައީސް ބަޔާން ކުރައްވާފައި ވާގޮތުގައި، މި ހަރަކާތަކީ ގައުމީ ސަލާމަތަށް ހުރި ނުރައްކަމެއް ކަމަށް ގައުމީ ސަލާމަތާބެހޭ މަޖިލީހުން ކަނޑައަޅައިފައިވާ ކަމަށެވެ.

އަދި އިދިކޮޅު ކޯލިޝަނުން ހިންގާ އިންޑިއާ އައުޓް ކެމްޕޭނުގެ ސަބަބުން އިންޑިއާއާއި ރާއްޖެއާ ދެމެދު އޮތް ޒަމާންވީ ގުޅުމަށާއި، ރާއްޖޭގެ ތަރައްގީއަށާއި އަދި މި ސަރަހައްދުގެ ސަލާމަތާއި ހަމަޖެހުމަށް ހުރަސްއެޅިގެންދާ ކަމެއް ކަމަށް އެ ގަރާރުގައި ރައީސް ވަނީ ފާހަގަކުރައްވައިފަ އެވެ.