އެމްޑަބްލިއުއެސްސީ

މިއަހަރު 20 މަޝްރޫއު ނިންމާނަން: ޝާހް

May 26, 2022
2

މޯލްޑިވްސް ވޯޓާ އެންޑް ސުވަރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ) އިން މިހާރު ކުރިއަށް ގެންދާ ފެނާއި ނަރުދަމާ ގާއިމުކުރުމުގެ މަޝްރޫއުތަކުގެ ތެރެއިން މިއަހަރު ނިމުމުގެ ކުރިން 20 މަޝްރޫއެއް ނިންމާނެ ކަމުގައި އެ ކުންފުނިން ބުނެފި އެވެ.

އެމްޑަބްލިއުއެސްސީގެ 27 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް ކްރޮސްރޯޑްގައި ރޭ ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރު ހަސަން ޝާހް ވިދާޅުވީ ފެނާއި ނަރުދަމާ ގާއިމުކުރުމުގެ ޖުމްލަ 31 މަޝްރޫއެއްގެ މަސައްކަތް އެ ކުންފުނިން މިވަގުތު ކުރަމުންދާ ކަމަށެވެ. މީގެތެރެއިން މިއަހަރު ނިމުމުގެ ކުރިން 20 މަޝްރޫއެއްގެ މަސައްކަތް ނިންމާނެ ކަމަށާއި މިއަހަރުގެ މިހާތަނަށް ހަތަރު މަޝްރޫއެއް ނިންމާފައިވާ ކަމަށްވެސް ވިދާޅުވި އެވެ.

ޝާހް ވިދާޅުވީ އެ ކުންފުނިން މިހާރު ކުރިއަށް ގެންދާ މަޝްރޫއުތަކާ އެކު މިއަހަރަކީ އެ ކުންފުނިން އެއް ފަހަރާ އެންމެ ގިނަ މަޝްރޫއު ކުރިއަށް ގެންދާ އަހަރު ކަމަށެވެ.

"އެމްޑަބްލިޔުއެސްސީގެ ހަޔާތުގައިވެސް މިއަހަރަކީ އެއްފަހަރާ ފެނާއި ނަރުދަމާގެ އެންމެ ގިނަ މަޝްރޫއު ހިނގަމުންދާ އަހަރު،" ޝާހު ވިދާޅުވި އެވެ.

އެމްޑަބްލިޔުއެސްސީން ޕްލާސްޓިކް ފުޅީގައި މިހާރު ބަންދުކޮށްގެން ބާޒާރަށް ނެރޭ ފެން، ބިއްލޫރި ފުޅީގައި ބަންދުކޮށްގެން ނެރުމަށް ކުރަމުންދާ މަސައްކަތުގެ މައުލޫމާތު ވެސް މިޖަލްސާގައި ޝާހް ވަނީ ހިއްސާކުރައްވާފަ އެވެ. އެގޮތުން ވިދާޅުވީ ބިއްލޫރިފުޅީގައި ފެން ބައްދުކުރުމަށް ކުރަންޖެހޭ މަސައްކަތްތަކުގެ ބޮޑު ބައި މިހާރު ނިމިފައިވާ ކަމަށެވެ. އެ މަސައްކަތް ފެށުމަށްޓަކައި ކުންފުނީގެ ބޮޓްލިން ފެކްޓްރީގެ ބައެއް ކަންކަމަށް ބަދަލު ގެނެސް އެ ކުންފުންޏަށް ބިއްލޫރި ފޯރުކޮށްދޭނެ ސަޕްލަޔަރުން ހޯދާފައިވާ ކަމުގައިވެސް ވިދާޅުވި އެވެ. އަދި އެމްޑަބްލިއުއެސްސީއަށް ބަދަލުތަކެއް ގެނައުމަށްޓަކައި ކަމާ ގުޅޭ ދިރާސާއެއް ހަދައި އެ ބަދަލުތައް ގެނައުމުގެ މަސައްކަތް ކުރަމުންދާ ކަމަށްވެސް ވިދާޅުވި އެވެ.

"މި ދިރާސާގެ އަަލީގައި ކުންފުނީގެ އާ އުފެއްދުންތަކަށް މަގުފަހިވެގެންދާނެ. އުފެދުންތެރިކަމާއެކު ކުންފުނީގެ ވިޔަފާރީގައި އިތުރު ކުރި ފަޅަންޖެހޭ." ޝާހް ވިދާޅުވި އެވެ.

އެމްޑަބްލިއުއެސްސީގެ އަހަރީ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހާއި ނައިބް ރައީސް ފައިސަލް ނަސީމު ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.