އެޗްޑީސީ

ދަސާކަލް ބައި އުގެއިލް ފަރާތުން ތައުލީމީ އައު ޖީލެއް ބިނާކުރުމުގައި

Jun 7, 2022
2

ތަޢުލީމީ ދާއިރާގެ މާހިރުން ވިދާޅުވާ ގޮތުގައި އުނގެނުމަކީ ހަމައެކަނި ސްކޫލަށްގޮސް ތައުލީމު ހާސިލުކުރުމެއް ނޫނެވެ. އާންމުކޮށް ސްކޫލަށްގޮސް ކިޔެވުމުގެ ތެރޭގައި ހިމެނެނީ ހަމައެކަނި ކޮންމެ މާއްދާއަކުންވެސް ފިލާވަޅު ނަގައިދީ, ތަފާތު މައުލޫމާތު ކުއްޖާއަށް ދަސްކޮށްދިނުމެވެ. އެއްވެސް ހާލެއްގައި މިފަދަ ރަސްމީ އުނގެނުމަކީ މުހިންމު ނޫން ކަމެއްކަމުގައި ދަންނަވަނީއެއް ނޫނެވެ. ނަމަވެސް މިފަދަ ފިލާވަޅުތަކާއެކު ކުއްޖާގެ ވިސްނުން ތަރައްގީކުރުމަށްޓަަކައި އިތުރު ކަންތައްތަކެއް ކުރުމަކީ ވެސް މުހިންމުކަމެކެވެ.

މިގޮތުން, އުގެއިލް ފައުންޑޭޝަންގެ އިސްނެގުމުގެ ދަށުން, އަދި ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ އެހީތެރިކަމާއެކު ކުރިޔަށްގެންދާ ދަސާކަލް (theCircle) އަކީ ކުޑަކުދިން އަދި ބޮޑެތިމީހުންގެ ވިސްނުން ތަރައްޤީކޮށް, އެ ފަރާތްތައް ބާރުވެރިކުރުވުމުގެ މަޤުޞަދުގައި ހިންގާ އެކަޑަމީއެކެވެ. އުނގެނުމަށް ޝައުގުވެރިވާ, އިލްމީ, މަސައްކަތްތެރި, އަދި ފަންނުވެރި ދަރިންތަކެއް ބިނާކުރުމަށްޓަކައި 2019 ގައި ފެށި މި އެކަޑަމީގެ ޕްރޮގްރާމްތަކުގައި މިހާތަނަށް ހަތްހާހަށްވުރެ ގިނަ ދަރިވަރުން ވަނީ ބައިވެރިވެފައެވެ.

ދަސާކަލް ޕްރޮގްރާމްތަކުގެ ތެރޭގައި ލީޑާސް އޮފް ޓުމޯރޯ, ކޯޑިން އެންޑް ކްރިޓިކަލް ތިންކިން، އެޑްވާންސްޑް ކޯޑިންގް އަދި ކްރިއޭޓިވް އިންގްލިޝް ހިމެނެ އެވެ. މި ޕްރޮގްރާމްތަކުގެ މައިގަނޑު ބޭނުމަކީ ބައިވެރިންނަށް އައު މައުލޫމާތުތަކެއް ފޯރުކޮށްދިނުމުގެ އިތުރުން, ބައިވެރިންގެ ވިސްނުން ތަރައްގީކޮށް ދިރިއުޅުމުގެ އެކި މަރުޙަލާތަކުގައި ބޭނުންކުރެވޭނެފަދަ މުހިންމު ހުނަރުތަކެއް ދަސްކޮށްދިނުމެވެ. މިގޮތުން, މި ޕްރޮގްރާމްތަކުގައި ދަސްކޮށްދޭ ކްރިޓިކަލް ތިންކިންގ ސްކިލްސް އަކީ ކުޑަކުދިންނަށާއި ބޮޑެތި މީހުންނަށްވެސް ނުހަނު މުހިންމު ހުނަރެކެވެ.

ކްރިޓިކަލް ތިންކިންއަކީ ވަކި ކަމަކާ ގުޅޭގޮތުން ވިސްނަންވީ ވަކި ގޮތެއް ބުނެދިނުމެއްނޫނެވެ. އެއީ ކަމަކާ ގުޅޭގޮތުން ވިސްނޭނެ ތަފާތު ގޮތްތަކެއް ނުވަތަ ވިސްނުުމުގެ ހުނަރު އުނގަންނައިދިނުމެވެ. އެހެންކަމުން, ދަސަރކަލްގެ ޕްރޮގްރާމްތަކުގެ މައިގަނޑު ބޭނުމަކީ ކިޔަވައިދިނުމަށް ފަހު ސުވާލުތަކެއްގެ ރަނގަޅު ޖަވާބު ހޯދުމެއް ނޫނެވެ. ޖަވާބު ހޯދާނެ ގޮތްތަކާއި ޖަވާބު ހޯދުމުގައި ބޭނުންކުރާނެ އުކުޅުތައް ދަސްކޮށްދިނުމެވެ. ސުވާލެއްގެ ޖަވާބު ހޯދުމަށްޓަކައި ނުވަތަ މައްސަލައެއް ހައްލުކުރުމަށްޓަކައި ވިސްނުންތެރިކަމާއެކު ސުވާލުކުރާނެ ގޮތާއި, ކޮންމެ ކަމަކާ ދޭތެރޭވެސް ތަފާތު އެކި އެކި ނަޒަރިއްޔާތުތައް ގެންގުޅުމާއި, އެހެން މީހުންގެ ޚިޔާލުތައް އަޑުއަހައި, އިހުތިރާމުކޮށް, ތިމާގެ އަމިއްލަ ޚިޔާލުތައް އެހެން މީހުންނަށް ފަހުމުވާނޭހެން ބުނެދިނުމުގެ ހުނަރުވެސް މީގެ ތެރޭގައި ހިމެނެއެވެ.

މީގެ އިތުރުން, ދަސާކަލް އިން ކުރިއަށް ގެންދާ ލީޑާސް އޮފް ޓުމޯރޯ ޕްރޮގްރާމަކީ ވެސް ފާހަގަކޮށްލެވޭ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމަކީ 13 އަހަރާއި 17 އަހަރުގެ ކުދިންނަށް ޚާއްޞަކޮށްގެން, އެކި ދާއިރާތަކުން މުސްތަގުބަލަށް ފައިދާކުރާނެފަދަ ލީޑަރުންތަކެއް ބިނާކުރުމުގެ މަޤްޞަދުގައި ކުރިޔަށްގެންދާ ޕްރޮގްރާމެކެވެ. މިގޮތުން, މުސްތަގުބަލުގެ ލީޑަރުންގެ ކިބައިގައި ހުންނަންޖެހޭނެ ފަދަ ހުނަރުތައްކަމަށްވާ, އަމިއްލަ ނަފްސަށް އިތުބާރުކުރުމާއި, އުފެއްދުންތެރިކަމާއެކު މަސައްކަތްކޮށް މައްސަލަ ހައްލުކުރުމާއި, ވާހަކަދެއްކުމުގެ ހުނަރު މި ޕްރޮގްރާމުން ދަސްކޮށްދެއެވެ.

ދަ ސާކަލްގެ ޕްރޮގްރާމްތަކުގެ ބައިވެރިންނަށް ސެޝަންތައް ނަންގަވައިދެއްވުމުގައި ޕްރޮފެސަރ އުގެއިލްގެ އިތުރުން, އިނގިރޭސިވިލާތުގެ އެކި އެކި ދާއިރާތަކުން ފުންނާބު އުސް ބޭފުޅުންގެ ބައިވެރިވުން ފާހަގަކޮށްލެވެއެވެ. މި ބޭފުޅުންގެ ތަޖުރިބާގެ ސަބަބުން ދަސަރކަލްގެ ޕްރޮގްރާމްތަކުގެ ބައިވެރިންނަށް ބޭނުންތެރި އެތައް ކަމެއް ދަސްވުމާއެކު ދުނިޔޭގެ އެކި ކަންކަމަށް ލޯހުޅުވި, ތަފާތު ނަޒަރިއްޔާތުތަކަށް ބައިވެރިން ހޭނިގެން ދެއެވެ. ބަވަނަވެފައިވާ އަދުގެ ދުނިޔޭގައި މި ހުނަރުތަކަކީ ވަރަށްވެސް މުހިންމު އަދި ބޭނުންތެރި ހުނަރުތަކެކެވެ.