އެޑްވަޓޯރިއަލް

ސޯޝަލް ހައުސިންގައި ދިރިއުޅޭއިރު ވިސްނަން ޖެހޭ ކަންތައްތައް

ސޯޝަލް ހައުސިންގެ ދަށުން ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ހިޔާ މަޝްރޫއުގެ ދަށުން ވަނީ 25 ބުރީގެ 16 ޓަވަރު އަޅާފަ އެވެ. މި މަޝްރޫއަކީ މިހާތަނަށް ރާއްޖޭގައި ކުރިއަށް ގެންދެވުނު އެންމެ ބޮޑު ހައުސިން މަޝްރޫ އެވެ.

ހިޔާގެ އެއްބަސްވުންތަކުގައި 5000 އަށް ވުރެ ގިނަ މީހުން މިހާރު ވަނީ ސޮއި ކޮށްފަ އެވެ. އަދި 650 އަށް ވުރެ ގިނަ އައިލާތައް ވަނީ ފްލެޓްގެ ފިނިޝިންގެ މަސައްކަތް ނިންމައި ދިރިއުޅުން ފްލެޓްތަކަށް ބަދަލުކޮށްފަ އެވެ. އަދި މި އަހަރުގެ ނިމޭއިރު އެ އަދަދު މައްޗަށް ދާނެ ކަމަށް އެޗްޑީސީން ބުނެ އެވެ. އެއްމެދު އިމާރާތެއްގައި ގިނަ ބަޔަކު ދިރިއުޅޭއިރު ވިސްނަން ޖެހޭ ވަރަށް ގިނަ ކަންތައްތައް ހުންނާނެ އެވެ. ދިރިއުޅުން ބައްޓަން ކުރައްޖެހޭ ގޮތް ވެސް ތަފާތު ވާނެ އެވެ.

އެގޮތުން ހިޔާ ފްލެޓްގެ ސަރަހައްދުގައި މިހާތަނަށް ހުޅުވާފައިވަނީ އެއް ފިހާރަ އެވެ. މުޅި ދެވަނަ ފިޔަވަހީގައި ވެސް ހުންނަނީ ދެތިން ފިހާރަ އެވެ. އެހެންކަމުން މަހުން މަހަށް ގެއަށް ބޭނުންވާ ސާމާނު ގަންނައިރު ވަކި ފްލޭނެއް ގެންގުޅުން މުހިންމެވެ. މިސާލަކަށް ވިޔަފާރި ކުރަން ދުވަހެއް ކަނޑައަޅައި އެ ދުވަހު ގެއަށް ބޭނުންވާ ހުރިހާ ސަމާނު ގަތުމެވެ. ކޫސަނި ތަކެތި--- ސުފާރި ކަހަލަ-- އެއްޗިހި ވެސް އެއް ފަހަރާ ގަނެވިދާނެ އެވެ. އޭރުން ސުޕާރިއެއް ބޭނުންވާ ކޮންމެ ފަހަރަކު ފިހާރައަށް ދާކަށް ނުޖެހޭނެ އެވެ.

ހިޔާ ފްލެޓްގެ 10 ޓަވަރުގައި ހުންނަނީ 392 އެޕާޓްމަންޓެވެ. އަދި ބާކީހުރި ހަ ޓަވަރުގައި 492 އެޕާޓްމަންޓް ހުރެ އެވެ. މީގެ ތެރެއިން 10 ޓަވަރުގައި ތިން ލިފްޓް އަދި ބާކީހުރި ހަ ޓަވަރުގައި ހަތަރު ލިފްޓް ހުރެ އެވެ. ގިނަ މީހުން އެތަނުގައި ދިރިއުޅެން ފެށުމުން ލިފްޓުތައް ތޮއްޖެހޭނެ އެވެ. މިހާރު ވެސް ހަވީރު ގަޑީގައި ހިޔާގެ ޓަވަރުތަކަށްދާ މީހުން ވަރަށް ގިނަ އެވެ. ލިފްޓް ސަރަހައްދުގައި ކިޔު ހަދައިގެން ގިނަ އިރުތަކެއް ވަންދެން ހުންނަން ޖެހެ އެވެ. މިކަމަށް ހައްލެއް ހޯދަން ވަޒީފާއަށްދާ ގަޑީގައާއި ސުކޫލަށް ކުދިން ފޮނުވާ ގަޑީގައި ތަންކޮޅެއް ކުރިން ގެއިން ނިކުތުން މުހިންމެވެ. އެހެން ނޫނީ ގިނަ ދުވަސް ދުވަހު ގަޑި ޖެހުން އެކަށީގެން ވެއެވެ.

އެއްމެދު އިމާރާތެއްގައި ގިނަ ފަރާތްތަކެއް އެއްފަހަރާ ދިރިއުޅޭއިރު ސާފުތާހިރުކޮށް ތަންތަން ބެހެއްޓުން މުހިންމެވެ. ހާއްސަކޮށް ސިޑި ގޮޅި، ކޮރިޑޯ އަދި ލިފްޓް ސާފުކޮށް ބަހައްޓަން ޖެހޭނެ އެވެ. އެއީ ހުރިހާ އެންމެން ވެސް ބޭނުން ކުރާ ތަނަކަށް އެ ސަރަހައްދުތައް ވާނެތީ އެވެ. އަދި އެޕާޓްމަންޓައް ޖެހިޖެހިގެން ހުންނަ އިރު ދޮރު ކައިރީގައި އެއްޗެތި ބަހައްޓާއިރު އެހެން މީހުންނަށް އުނގަދުނުވާ ގޮތަށް ބަހައްޓަން ސަމާލުވާން ޖެހެ އެވެ. ދުނިޔޭގެ ތަހުޒީބު ގައުމުތަކަށް ބަލާއިރު ޓަވަރު ސާފު ތާރިހުކޮށް ބަހައްޓަން ވަކި ބަޔަކާއި ވެސް ހަވާލު ކުރެ އެވެ.

މާލެ ސަރަހައްދުގައި ކުނި ނެގުމުގެ މަސައްކަތް ބަލަހައްޓަމުން ދަނީ ވެމްކޯއިންނެވެ. އެ ކޯޕަރޭޝަނުން ބުނެފައި ވަނީ ހިޔާ ފްލެޓް ކޮންމެ އެޕާޓްމަންޓަކަށް ކުނި ނަގަން ނޭރޭނެ ކަމަށެވެ. އެހެންވެ ކޮންމެ ފްލެޓެއްގެ ބަޔަކު ކުނި ބަހައްޓާނެ ސަރަހައްދެއް ވެސް ކަނޑައަޅާފައިވެ އެވެ. ކުނި އުކާލާއިރު އެކަމަށް ސަމާލުވާން ވާނެ އެވެ. ފްލެޓްގެ އެތޭރޭގައި ކުނި ބަހައްޓައިގެން އެހެން މީހުންނަށް އުނގަދޫވާނެ ގޮތަށް ކަންތައް ކުރުމަކީ ރަނގަޅު ގޮތެއް ނޫނެވެ.

ހިޔާ ފްލެޓަށް 30،000 އަށް ވުރެ ބޮޑު އާބާދީއެއް ބަދަލުވާނެ ކަމަށް އެޗްޑީސީން ވަނީ ލާފާކޮށްފަ އެވެ. އެހެންކަމުން މި ބޮޑު އާބާދީގެ ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރުކުރުމަށް 70 އަށް ވުރެ ގިނަ ފުލުހުން ބޭނުންވާ ކަމަށް ސީޕީ ހަމީދު ވަނީ ވިދާޅުވެފަ އެވެ. ދެވަނަ ފިޔަވަހީގައި ފުލުހުންގެ ސްޓޭޝަނެއް ގާއިމުކުރުމުގެ މަސައްކަތް ވެސް ދަނީ ކުރަމުންނެވެ. މިހާރު ވެސް ހިޔާ ފްލެޓްގައި ވައްކަމުގެ އެކި މައްސަލަތައް ދަނީ ފެންމަތިވަމުންނެވެ. އެހެންކަމުން ގޭގެ ދޮރުތައް ރަނގަޅަށް ތަޅުލުމަށް އިސްކަން ދޭންޖެހެ އެވެ.

ބޮޑު އާބާދީއެއް އެއް ސަރަހައްދަށް ބަދަލުވާއިރު އެންމެ ބޮޑަށް ވިސްނަން ޖެހޭނީ އެކުގައި އެއްބައިވަންތަ ކަމާއި އެކުގައި އުޅުމަށެވެ. އަދި އެ މާހައުލަކީ ރައްކާތެރި އަމާން މާހައުލަކަށް ހެދުމަށް އެކުގައި މަސައްކަތް ކުރުމަށެވެ. މިކަން ހާސިލް ކުރުމަށް އެޗްޑީސީން ވަނީ ހާއްސަ ހޮޓްލައިނެއްވެސް ތައާރަފްކޮށްފަ އެވެ. އެހެންކަމުން ހިޔާ ފްލެޓް ސަރަހައްދަކީ އުފާރުވެރި މައުހައުލަކަށް ހެދުމަށް އެންމެން މަސައްކަތް ކުރަމާ ހެއްޔެވެ.