ހިޔާ މަޝްރޫގެ ދަށުން ހުޅުމާލޭގައި ކުރީގެ ސަރުކާރުން އިމާރާތް ކޮށްފައިވާ 16 ޓަވަރުން ފްލެޓް ލިބުނު ފަރާތްތައް އެގްރިމެންޓުގައި ސޮއި ކުރަން ފަށައިފި އެވެ.
މިއަދު ހިޔާ ފްލެޓްގެ އެއްބަސްވުމުގައި ސޮއި ކުރަނީ ހިޔާ ޓަވަރު H9 އިން ފްލެޓް ލިބިފައިވާ 118 ފަރާތަކުންނެވެ. ސޮއި ކުރުން މިއަދު ހެނދުނު 9:45 އިން މެންދުރު 12:00 އާ ހަމައަށް ހުޅުމާލޭ ހުރަވީ ސްކޫލުގައި ކުރިއަށް ދާނެ އެވެ.
ސޮއި ކުރަން މިއަދަށް ތާވަލު ކޮށްފައި ވަނީ އެއްބަސްވުން ތައްޔާރު ކުރަން މައުލޫމާތު ފޯމާއި އަދި ފްލެޓުގެ ވެރިފަރާތުގެ ބަދަލުގައި އެއްބަސްވުމުގެ ޒިންމާ އަދާ ކުރާނެ ފަރާތް ހަމަޖައްސާ، ފޯމްތައް ފުރިހަމަކޮށް ހުށަހަޅާފައިވާ ފަރާތްތަކަށެވެ. ލިސްޓްގައިވާ ގޮތަށް ކަނޑައަޅާފައިވާ ވަގުތަށް ދާން އެފަރާތްތައް ސަމާލު ވާން ވެސް އެޗްޑީސީން އެދިފައި ވެއެވެ.
އެއްބަސްވުމުގައި ސޮއި ކުރަން ހާޒިރުވާ ފަރާތްތަކުން ސޮއި ކުރާ ފަރާތުގެ އިތުރުން ހެކިވެރިއަކު ގެންނަން ޖެހޭނެ އެވެ. ހެކިވެރިއެއްގެ ގޮތުގައި ސޮއިކުރާ ފަރާތުގެ އައިޑީކާޑުގެ ދެފުށް ފެންނަ ސާފުކޮޕީ ވެސް ގެންދަން ޖެހެ އެވެ.
ވެރިފަރާތުގެ ބަދަލުގައި ސޮއި ކުރަން އެހެން ފަރާތަކަށް ޕަވާ އޮފް އެޓާނީ ދީފައިވާނަމަ، އެފަރާތުގެ އިތުރުން ހެކިވެރިއަކާއެކު ހާޒިރުވާން ޖެހެ އެވެ. އަދި ސޮއި ކުރަން ދާ ފަރާތްތަކުން ހާޒިރުވާއިރު، ކޮވިޑްގެ ހާލަތާއި ގުޅިގެން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން، ގަލަން -- ދެލި ނުފޭދޭ، ނޫކުލައިގެ -- އަދި އިނގިލީގެ ނިޝާން ޖަހަން ބޭނުން ކުރާ އިންކް ޕެޑް އަމިއްލައަށް ގެންދަން ވެސް އެދިފައި ވެއެވެ.
އެޗްޑީސީން ބުނެފައި ވަނީ ފްލެޓު އެއްބަސްވުމުގައި ސޮއި ކުރަން ގިނަ ފަރާތްތަކަކަށް ތާވަލު ކޮށްފައިވާތީ، ސޮއިކުރާ ހޯލަށް ވަނުމަށާއި ފްލެޓާއި ހަވާލުވާން ފުރުސަތު ދެވޭނީ ސޮއިކުރާ ފަރާތުގެ އިތުރުން ހެކިވެރިޔާގެ ގޮތުގައި ސޮއި ކުރާ ފަރާތަށް އެކަންޏެވެ.
އެޗްޑީސީން ހިޔާގެ 6720 ފްލެޓުތައް ހަވާލު ކުރާއިރު ފައިބާ ކޭބަލް އާއި އޮޕްޓިކަލް ނެޓްވޯކް ޑިވައިސް އިންސްޓޯލްކޮށްފައި ހުންނާނެ އެވެ. ހިޔާ މަޝްރޫގެ އެގްރިމެޓްތަކުގައި ސޮއި ކުރުމުގެ މަސައްކަތް އޯގަސްޓު މަހުގެ ނިޔަލަށް ކުރިއަށް ދާނެ އެވެ.