އެސްޓީއޯ

މި އަހަރު ފުނަދޫގެ ސްޓޯރޭޖް ބޮޑުކޮށް ނިމެނޭ: އެސްޓީއޯ

މާލެ ސަރަހައްދުގައި ތެޔޮ ރައްކާކުރާ ކ. ފުނަދޫގެ ތެޔޮ ސްޓޯރޭޖް ދެގުނަ ބޮޑުކުރުމުގެ މަސައްކަތް މި އަހަރު ނިމޭނެ ކަމަށް ސްޓޭޓް ޓްރޭޑިން އޮގަނައިޒޭޝަން (އެސްޓީއޯ) އިން ބުނެފި އެވެ.

އެސްޓީއޯއިން މި އަހަރު ކުރުމަށް ހަމަޖެހިފައިވާ ކަންތައްތަކާ ގުޅޭގޮތުން ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އެ ކުންފުނީގެ އެމްޑީ އަހުމަދު ޝަހީރު ވިދާޅުވީ، ފުނަދޫގެ ތެޔޮ ރައްކާކުރާ ސްޓޯރޭޖަކީ މިހާރު ވަރަށް ގިނަ ދުވަސްވެފައި ހުރި ރާއްޖޭއަށް ބޭނުންވާ މިންވަރަށްވުރެ ކުޑަ ސްޓޯރޭޖެއް ކަމަށެވެ. އެހެންކަމުން ސްޓޯރޭޖް ދެ ގުނަ ބޮޑުކުރަން ނިންމާފައިވާ ކަމަށެވެ.

"މި މަސައްކަތް މިހާރު ވަނީ ފެށިފައި، ސައިޓް ޕްރެޕަރޭޝަންއާއި ބޭނުންވާތަން ހިއްކާ ރީފިލްކުރުމުގެ މަސައްކަތް މިހާރު ފެށިފައި މިވަނީ، މި މަސައްކަތް ވެސް މި އަހަރުގެ ކުރިން ނިމި އަޅުގަނޑުމެންނަށް މި ފެސިލިޓީސް ބޭނުންކުރަން ފެށޭނެ،" ޝަހީރު ވިދާޅުވިއެވެ. އަދި މިހާރު ގެންގުޅޭ ޓޭންކަރަށްވުރެ ބޮޑު ޓޭންކަރެއް ގަނެ، ސްޓޯރޭޖްއާއެކު ޓޭންކަރު ވެސް ބޭނުންކުރަން ފެށޭނެ ކަމަށް ވިދާޅުވިއެވެ. ފުނަދޫގައި އެސްޓީއޯއިން ގާއިމުކޮށްފައިވާ ތެޔޮ ސްޓޯރޭޖް ބޮޑުކުރުމުގެ މަޝްރޫއުގެ ދަށުން 20،000 ޓަނުގެ ތެޔޮ ޓޭންކެއް ގެންނަން ނިންމާފައިވެއެވެ.

ފުނަދޫގެ ސްޓޯރޭޖް ބޮޑުކުރުމަކީ އެސްޓީއޯއިން 2014 ވަނަ އަހަރު ނިންމާފައިވާ ކަމެކެވެ. ޝަހީރު ވިދާޅުވީ، އެ މަސައްކަތަކީ މި އަހަރު އެސްޓީއޯއިން ކުރިއަށް ގެންދާނެ އެންމެ ބޮޑު އެއް މަޝްރޫއު ކަމަށެވެ.

ފުނަދޫ އެކްސްޓެންޝަން ޕްރޮޖެޓްޓަށް މުޅިއަކު 35 މިލިއަން ޑޮލަރު ހޭދަވާނެ ކަމަށް އެސްޓީއޯއިން ވަނީ ބުނެފައެވެ.