އުތުރު ތިލަ ފަޅު

އުތުރުތިލަފަޅުގައި ދަނޑުވެރިކަމުގެ މަޝްރޫއު ހިންގަން ޗައިނާގެ ކުންފުންޏަކަށް

ރާއްޖޭގެ ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމަށް މުހިއްމު އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.

މިމަޝްރޫއު ކުރިއަށް ގެންދިއުމަށް ނިންމާފައިވަނީ އުތުރު ތިލަފަޅު ހިއްކައިގެން އެތަނުގައެވެ.

ކާބޯތަކެތީގެ ރައްކާތެރިކަން ރާއްޖޭގައި ގާއިމުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ގެންގުޅުއްވާ ތަސައްވަރުގެ ދަށުން ދެމެހެއްޓެނިވި ގޮތެއްގައި ދަނޑުވެރިކަން ކުރުމަށް މޯލްޑިވްސް އިންޑަސްޓްރިއަލް ޑިވެލޮޕްމަންޓް ފްރީ ޒޯން (އެމެއައިޑީ) އާއި ޗައިނާ ހާބަ އިންޖިނިއަރިން ކޮމްޕެނީ ލިމިޓެޑާ އެކު ރާއްޖޭގައި އެގްރިކަލްޗާ އިކޮނޮމިކް ޒޯނެއް (އޭއީޒެޑް) ގާއިމުކުރުމަށް މިއަދު ވަނީ އެމްއޯޔޫއެއްގައި ސޮއިކޮށްފަ އެވެ.

މި އެމްއޯޔޫގައި އެސްޓީއޯގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު ޝިމާދު އިބްރާހިމް އެވެ. ޗައިނާ ހާބަ އިންޖިނިއަރިން ކޮމްޕެނީ ލިމިޓެޑްގެ ފަރާތުން ސޮއި ކުރެއްވީ ކަންޓްރީ މެނޭޖަރު މާއޯ ބާއޯ އެވެ.

މި އެމްއޯޔޫއާއި އޭގެ ދަށުން ސޮއިކުރެވޭ އެއްބަސްވުން ވެގެންދާނީ ކާބޯތަކެތީގެ ރައްކާތެރިކަން އިތުރުކުރުމާއި، އިގްތިސާދު ސިންދަފާތުކުރުމާއި، އިމްޕޯޓްކުރާ ކާބޯތަކެތީގެ މައްޗަށް ބަރޯސާވުން ކުޑަކުރުމަށް ރާއްޖެއިން ކުރަމުންދާ މަސައްކަތަށް ލިބުނު މުހިއްމު ކުރިއެރުމަކަށް ކަމަށް ދިވެހި ސަރުކާރުން ބުނެ އެވެ.

ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމުގައި ރާއްޖެއަށް ބޮޑެތި ގޮންޖެހުންތަށް ކުރިމަތިވެފައިވާއިރު އޭގެ މައިގަނޑު އެއް ސަބަބަކީ އިމްޕޯޓުކުރާ ކާބޯތަކެއްޗަށް ގައުމު ބަރޯސާވެފައި އޮތް މިންވަރެވެ. ރާއްޖޭގައި ބޭނުންކުރާ ކާބޯތަކެތީގެ ގާތްގަނޑަކަށް 90 ޕަސަންޓް އިމްޕޯޓް ކުރެ އެވެ.

ރާއްޖެގައި އިމްޕޯޓަށް ބަރޯސާވާން ނުޖެހޭ ހަމައެކަނި ކާނާގެ ބާވަތަކީ ކަނޑު މަހެވެ. އިމްޕޯޓުކުރާ ކާބޯތަކެތީގެ ތެރޭގައި އަސާސީ ބާވަތްތައްވެސް ހިމެނޭއިރު ރާއްޖޭގެ ކާބޯތެކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމުގެ މުހިއްމުކަން އެނގިގެންދެ އެވެ. ތާރީހީ ގޮތުން ބަލާއިރު ރާއްޖެއަށް ކާބޯތަކެތީގެ ރައްކާތެރިކަމުގައި އެންމެ ބޮޑު ގޮންޖެހުންތައް ކުރިމަތިވެފައިވަނީ ޖިއޮގްރަފިކަލް ލޭއައުޓާއި ދަނޑުވެރިކަން ކުރެވޭ ބިމުގެ ދަތިކަމުންނެވެ.

ދިވެހި ސަރުކާރުން ދަނޑުވެރިކަމުގެ ސިނާއަތް ތަރައްގީކުރުމަށް ގިނަ މަސައްކަތްތަކެއް ކުރިން ކޮށްފައިވީ ނަމަވެސް އެހެން މުހިންމު ސިނާއަތްތަކާ އަޅާބަލާއިރު މިދާއިރާއަށް ފާހަގަކޮށްލެވޭ ކުރިއެރުމެއް އައިސްފައެއް ނުވެ އެވެ. އެވްރެޖްކޮށް ދަނޑުވެރިކަން ހިއްސާކޮށްފައިވަނީ ރާއްޖޭގެ ޖީޑީޕީގެ ދެ ޕަސަންޓަށް ވުރެވެސް މަދު އަދަދެކެވެ.

ދަނޑުވެރިކަން ކުރިއެރުން މަޑުޖެހޭ އެންމެ ބޮޑު އެއް ސަބަބަކީ އުފެއްދުންތެރިކަމާއި، މާކެޓް ނިޒާމުތައް ބަލިކަށިވުމެވެ. މީގެ އިތުރުން ކޯވިޑް-19ގެ ބަލިމަޑުކަމުގެ ތެރެއިން އިގްތިސާދަށް އައި ބަދަލުތަކުގެ ސަބަބުން ކާބޯތަކެތީގެ ސަޕްލައި ޗެއިންތަކަށް ބުރޫއަރާ، ކާބޯތަކެތީގެ ރައްކާތެރިކަން ދިޔައީ އިތުރަށް ގޯސްވެގެންނެވެ. އަދި ބައިނަލްއަގްވާމީ ކާރިސާތަކާއި، ސަޕްލައިއަށް އަންނަ ހުރަސްތަކާއި، ޖިއޯޕޮލިޓިކަލް ބަދަލުތަކާ ގުޅިގެން އިމްޕޯޓަށް މިހާ ބޮޑަށް ބަރޯސާވެފައިވާ ރާއްޖެއަށް ހުރި ނުރައްކާތައް އިތުރަށް ސާފުވެގެން ދިޔަ އެވެ.

އެގްރިކަލްޗަރ އިކޮނޮމިކް ޒޯނެއް ތަރައްގީކުރުމަށް އެކުލަވާލާފައިވާ މި އެއްބަސްވުމަކީ ރާއްޖޭގެ ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ދިމާވާ މިފަދަ ގޮންޖެހުންތަކަށް ހައްލު ހޯދައިދޭނޭ މުހިއްމު ފެށުމެކެވެ. މި މަސައްކަތް ފެށިފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ޗައިނާއަށް ކުރެއްވި ދަތުރުފުޅުގައި ޗައިނާގެ ސަރުކާރާ އެކު ސޮއިކުރެވުނު އެއްބަސްވުމުގެ ދަށުންނެވެ.

އެގްރިކަލްޗާ އިކޮނޮމިކް ޒޯން (އޭއީޒެޑް) އަކީ ބޭނުންވާ އެހީތެރިކަމާއި އިންފްރާސްޓްރަކްޗާ މެދުވެރިކޮށް ދަނޑުވެރިކަމުގެ އުފެއްދުންތެރިކަން އިތުރުކޮށް، ދަނޑުވެރިކަމުގެ ސިނާއަތް ކުރިއެރުވުމަށް ތަރައްގީކޮށްފައިވާ ހާއްސަ ސަރަހައްދެކެވެ. ބައިނަލްއަގްވާމީ ވިޔަފާރިކުރުމުގެ ތާރީހީ ގޮތުން ބަލާއިރު ދަނޑުވެރިކަމުގެ ދާއިރާތައް ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި، ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކޮށް، އެކްސްޕޯޓް އާމްދަނީ އިތުރުކުރުމަށް މަސައްކަތްކުރާ ގައުމުތަކުގައި އޭއީޒެޑް ތަކަކީ މުހިއްމު ވިޔަފާރިއެކެވެ.

އިތުރު މައުލޫމާތު:

މިއަދު ސޮއިކުރެވުނު އެމްއޯޔޫގެ ދަށުން މިއަހަރު ފެށުމަށް ނިންމާފައިވާ މަޝްރޫއުގެ މަގުސަދަކީ ކާބޯތަކެތީގެ ރައްކާތެރިކަން އިތުރުކޮށް، އިގްތިސާދީ ތަރައްގީއަށް ދިމާވާ މުހިއްމު މައްސަލަތަކަށް ހައްލު ހޯދައިދިނުމާއި، ރާއްޖޭގެ ދަނޑުވެރިކަމުގެ ދާއިރާއަށް އިންވެސްޓްމަންޓް ހޯދުމެވެ.

* ސަރަހައްދު: އުތުރު ތިލަފަޅު ނުނީ ބަދަލުގައި ސަރުކާރުން ކަނޑައަޅާ ތަނެކެވެ.
* ސްކޯޕް: ބިން ހިއްކުމާއި، ޕްރައިމަރީ އިންފްރާސްޓްރަކްޗަ ތަރައްގީކުރުމާއި، ދަނޑުވެރިކަމުގެ އިންޑަސްޓްރިއަލް ޕާކް ތަރައްގީކުރުމާއި، ފަސިންޖަރުންނާއި މުދާ އުފުލުމުގެ ޓާމިނަލްތައް ގާއިމުކުރުމާއި، މިނޫންވެސް ގުޅުންހުރި އެހެނިހެން ވިޔަފާރިތައް ހިމެނެ އެވެ. މިއީ ދަނޑުވެރިކަމުގެ ކުރިއެރުމާއި އާ އުފެއްދުންތެރި ކަމަށް ފަހި މާހައުލެއް ގާއިމުކުރުމަށް މަގުފަހިވާނެ ކަމެކެވެ.

* މި މަޝްރޫއާ އެކު ރާއްޖޭގައި ތަރުކާރީ އަދި މޭވާ އުފެއްދުމުގެ ބޭސްއެއް, އެގްރިކަލްޗަރަލް ޓެލެންޓް ޓްރެއިނިން ބޭސްއެއް އަދި އެގްރިކަލްޗަރަލް ޕްރޮޑަކްޓްސް, ލޮޖިސްޓިކްސް, ޑިސްޓްރިބިއުޝަން ސެންޓަރެއްވެސް ގާއިމުކުރާނެ އެވެ. މާނައަކީ ދަނޑުވެރިން, ޕްރޮސެސްކުރާ ފަރާތްތައް އަދި ޑިސްޓްރިބިއުޓް ކުރާ ފަރާތްތަކަށް ޒަމާނީ ވަސީލަތްތަކާއެކު ވާށާޖެހޭ ހައްލެއް އެއްތަނަކުން ލިބިގެންދާނެ އެވެ.

* އެމްއޯޔޫގެ އަމާޒަކީ ރާއްޖޭގެ ކާބޯތަކެތީގެ ރައްކާތެރިކަން ވަރުގަދަކުރުމެވެ.

* ދަނޑުވެރިކަމުގެ ސިނާއީ ހަރަކާތްތަކަށް ހާއްސަ ޖާގައެއް ހޯދައިދީ އިންވެސްޓަރުން ޝައުގުވެރިކޮށް، ދަނޑުވެރިކަމުގެ ދާއިރާ ދިރުވުމެވެ. މިކަމުގެ ސަބަބުން އެތެރޭގެ އުފެއްދުންތައް އިތުރުވެ، އަދި ކާބޯތަކެތީގެ ބާވަތްތައް ސިންދަފާތުކޮށް އަދި ފުޅާކުރެވި، އިމްޕޯޓަށް ބަރޯސާވުން ކުޑަކުރެވޭނެ އެވެ. ނަތީޖާއެއްގެ ގޮތުން ބޭރު ފައިސާއަށް ކުރާ ހަރަދު ކުޑަވެ ނެޝަނަލް ރިޒާވް މެނޭޖުކުރުމަށްވެސް އިތުރު އެހީތެރިކަމެއް ލިބޭނެ އެވެ.

* އޭއީޒެޑް ތަރައްގީކުރުމަކީ ވަޒީފާގެ ފުރުސަތުތައް އުފެދި، ވިޔަފާރިވެރިކަން ކުރިއެރުވުމާއި، ރާއްޖޭގެ ޖުމްލަ އިގްތިސާދީ ތަރައްގީއަށް އެހީތެރިވެދޭނެ ކަމެކެވެ.

* ޗައިނާ ހާބަރ އިންޖިނިއަރިން ކޮމްޕެނީ ލިމިޓެޑް (ސީއެޗްއީސީ) އަކީ މަގު، ބްރިޖް، ރޭލްވޭ، އެއާޕޯޓް، މެރިން އިންޖިނިއަރިން، ޑްރެޖިން، އަދި ރިކްލެމޭޝަން ފަދަ އިންފްރާސްޓްރަކްޗާ މަޝްރޫއުތަކުގެ ތަޖުރިބާ ލިބިފައިވާ ދުނިޔޭގެ ފެންވަރުގެ އިންޖިނިއަރިން ކޮންޓްރެކްޓަރެކެވެ. ދުނިޔޭގައި ދެވަނައަށް އެންމެ ބޮޑު ބިން ހިއްކުމުގެ ކުންފުންޏެއްގެ ގޮތުގައި ބަލައިގަނެ، އޭޝިއާ، އެފްރިކާ އަދި ޔޫރަޕްގެ އެކި ހިސާބުތަކުގައި މަޝްރޫއުތައް ހިންގާފައިވާ ކުންފުންޏެކެވެ.