ދިވެހި ރާއްޖެއާ ޗައިނާގެ ގުޅުން

ރާއްޖެއަށް އެންމެ ބޭނުންވާ ކަންކަމުގައި އެހީވާނަން: ޗައިނާ ސަފީރު

ރާއްޖެއަށް މިވަގުތަށް އެންމެ ބޭނުންވާ ކަންކަން ކޮށްދިނުމަށް ޗައިނާއަށް ދެވެން އޮތް އެހީތެރިކަމަކާއި އެއްބާރުލުމެއް ދޭނެ ކަމަށް ޗައިނާ ސަރުކާރުން ބުނެފި އެެވެ.

ޗައިނާ ސަރުކާރުގެ ފަރާތުން މި ޔަގީންކަން ދެއްވީ އެ ގައުމުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ވަން ލިޒިން، ރައީސް ޑރ. މުހައްމަދު މުއިއްޒުއާ މިއަދު ބައްދަލުކުރައްވާ ދެއްކެވި ވާހަަކަފުޅު ގައެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ހެނދުނު ކުރިއަށް ދިޔަ މި ބައްދަލުކުރެއްވުމުގައި ރައީސް މުއިއްޒު އާއި ޗައިނާ ސަފީރު ވަނީ ރައީސް މުއިއްޒު ޗައިނާއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅުގައި ދެ ގައުމުގެ ލީޑަރުން މަޝްވަރާކުރެއްވި ކަންކަމާއި، އެއްބަސްވެވަޑައިގެންފައިވާ ކަންކަން ތަންފީޒުކޮށް ހަލުވި ދުވެލީގައި ކުރިއަށް ގެންދިއުމަށް ކުރެއްވެން ހުރި ކަންކަމާއި ގުޅޭގޮތުން ހިޔާލު ބަދަލުކުރައްވާފަ އެވެ.

މި ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން ޗައިނާ ސަފީރު ވަނީ ރާއްޖޭން މިވަގުތަށް އެންމެ ބޭނުންވާނެ ކަންކަން ރައީސުލްޖުމްހޫރިއްޔާގެ ފަރާތްޕުޅުން އޮޅުންފިލުއްވާފަ އެވެ. އަދި އެކަންކަން ކޮށްދިނުމަށް ޗައިނާ ސަރުކާރަށް ވެވެން އޮތް އެހީތެރިކަމަކާއި، އެއްބާރުލުމެއް ދެއްވާނެ ކަމުގެ ޔަގީންކަން ދެއްވެވި އެވެ.

ދިވެހިރާއްޖެއާ ޗައިނާއާ ދެމެދު އޮންނަ ގާތްގުޅުމުގެ މައްޗަށް ބައްލަވާލައްވަމުން ޗައިނާ ސަފީރު ވަނީ އެ ގައުމުގެ ރައީސް ރާއްޖެއާ މެދު ބަހައްޓަވާ ހާއްސަ ގާތްކަމާއި ދެއްވާ އަހަންމިއްޔަތުކަން ފާހަގަކުރައްވާފަ އެވެ. އެގޮތުން ރާއްޖޭގެ ފަތުރުވެރިކަން ކުރިއެރުވުމަށް ދެ ގައުމު ގުޅިގެން ކުރެވެން ހުރި ކަންކަމާ ގުޅޭގޮތުންވެސް މިބައްދަލުކުރެއްވުމުގައި ދެ ބޭފުޅުން މަޝްވާރާކުރެއްވި އެވެ.

މި ބައްދަލުކުރެއްވުމުގައި ދެ ބޭފުޅުންވެސް ވަނީ ދެ ގައުމުގެ ގުޅުން އިތުރަށް ހަރުދަނާކޮށް ވަރުގަދަކުރުމަށް އެއްބާރުލުން ދެއްވާނެކަމުގެ ޔަގީންކަންވެސް ދެއްވާފަ އެވެ.

ރައީސް އޮފީހުން ބުނީ މިސަރުކާރުގެ ހާރިޖީ ސިޔާސަތަކީ ހުރިހާ ގައުމަކާ ގުޅިގެން، ވަޒަން ހަމަކޮށް ހަލުވި، ބާރުމިނުގައި ގައުމު ތަރައްގީކުރުމަށް މަސައްކަތް ކުރުން ކަމަށެވެ.