ޗައިނާގެ ހާރިޖީ ވަޒީރު ވާންގް ޔީ ކުއްލި ދަތުރުފުޅެއްގައި ރާއްޖެ ވަޑައިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުއާ ބައްދަލުކުރައްވައިފި އެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ހަވީރު އޮތް މި ބައްދަލުކުރެއްވުމުގައި ރައީސް މުއިއްޒު ވަނީ ވަޒީރު ވާންގް ޔީއަށް މަރުޙަބާ ވިދާޅުވެ، ރާއްޖޭގައި ހޭދަކުރައްވާ ވަގުތުތަކަކީ އުފާވެރި ވަގުތުތަކަކަށްވުމަށް އެދިވަޑައިގެންނެވި އެވެ. އަދި ދެ ގައުމުގެ މެދުގައި އޮތް ގާތްގުޅުން ފާހަގަކުރައްވައި ޗައިނާއިން ރާއްޖެއަށް ދެއްވަމުން ގެންދަވާ އެހީތެރިކަމާއި އެއްބާރުލުން ޝުކުރުވެރިކަމާއެކު ރައީސް ފާހަގަކުރެއްވި އެވެ. އަދި ނިމިދިޔަ އަހަރުގެ ޖެނުއަރީ މަހު އެމަނިކުފާނު ޗައިނާއަށް ކުރެއްވި ރަސްމީ ދަތުުރުފުޅަކީ މި ގުޅުން އިތުރަށް ބަދަހިވެގެންދިޔަ ދަތުރުފުޅެއް ކަމުގައި ވިދާޅުވި އެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސް މުއިއްޒު ވަނީ ހިނގަމުންދާ މަޝްރޫއުތަކާއި ދެ ގައުމުގެ މެދުގައި އެއްބަސްވެފައިވާ ތަރައްގީގެ މަޝްރޫއުތައް އަވަސްކުރުމާ ގުޅޭގޮތުން ވާހަކަދައްކަވާފަ އެވެ. އަދި ގެދޮރުވެރިކަމާއި މަގުހެދުމުގެ މަޝްރޫއުތަކަކީ ދިވެހި ރައްޔިތުންނަށް އެންމެ މުހިއްމު މަޝްރޫއުތައް ކަމަށާއި، އެ މަޝްރޫއުތަކަށް އިސްކަންދިނުމަށް އެދިވަޑައިގެންނެވި އެވެ. ސަރުކާރުގެ އަމާޒަކީ މަސްވެރިކަމާއި ދަނޑުވެރިކަމުގެ ސިނާއަތް އިތުރަށް ކުރިއަރުވައި އިގްތިސާދު ސިންދަފާތު ކުރުން ކަމަށާއި، އެހެންކަމުން މިދާއިރާތަކުން ޗައިނާގެ އިތުރު އެހީތެރިކަމަށް ރައީސް އެދިވަޑައިގެންނެވި އެވެ.
ހާރިޖީ ވަޒީރު ވާންގް ޔީގެ ވާހަކަފުޅުގައި ދެ ގައުމުގެ ގުޅުން ބަދަހިކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ އަހަންމިއްޔަތު ކަމަށް ތައުރީފް ކުރެއްވި އެވެ. އަދި ރައީސް މުއިއްޒު އަކީ ޗައިނާގެ ގާތް ރަހުމަތްތެރިއެއް ކަމަށާއި ޗައިނާއަށް އިތުބާރުކުރެވޭ ބައިވެރިއެއް ކަމުގައިވެސް ވިދާޅުވި އެވެ. ވަޒީރު ވާންގް ޔީ ވަނީ ރާއްޖޭގެ ތަރައްގީއަށް ރައީސް މުއިއްޒު ދެއްވާ އަހަންމިއްޔަތު ކަމަށް ވަރަށް ބޮޑަށް ތައުރީފް ކުރައްވާފަ އެވެ. އަދި ރާއްޖޭގެ ދެމެހެއްޓެނިވި ތަރައްގީއަށް ޗައިނާގެ އެހީތެރިކަން ލިބޭނެކަމުގެ ޔަގީންކަން ވާންގް ޔީ ވަނީ ދެއްވާފަ އެވެ.
މީގެއިތުރުން ހާރިޖީ ވަޒީރު ވަނީ ޗައިނާގެ ކުންފުނިތަކުން ރާއްޖޭގައި ހިންގަމުންދާ މަޝްރޫއުތައް އަވަސްކުރުމަށް ބާރުއަޅުއްވާނެ ކަމަށްވެސް ވިދާޅުވެފަ އެވެ. އަދި ރާއްޖެއިން "ވަން ޗައިނާ" ޕޮލިސީއަށް ދެމުންދާ އިސްކަން ފާހަގަކުރައްވަމުން ރާއްޖެ- ޗައިނާ ގުޅުމަކީ ގައުމުތަކުގެ ކުޑަ ބޮޑު މިނަށް ބެލުމެއްނެތި ގުޅިގެން ތަރައްގީއާއި ފުދުންތެރިކަން ހޯދޭނެކަމުގެ އަލިގަދަ ހެއްކެއް ކަމުގައިވެސް ވިދާޅުވި އެވެ.
މި ބައްދަލުކުރެއްވުން ނިންމަވާލައްވަމުން ދެ ބޭފުޅުންވެސް ވަނީ ރައީސް މުއިއްޒު ޗައިނާއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި އެއްބަސްވެވުނު "ޗައިނާ މޯލްޑިވަސް ކޮމްޕްރިހެންސިވް ސްޓްރެޓީޖިކް ކޯޕަރޭޓިވް ޕާޓްނަޝިޕް" އެއްބަސްވުން ތަންފީޒުކުރުމަށާއި މަލްޓިލޭޓަރަލް މަންސަތަކުގައި ދެ ގައުމުގެ އެއްބާރުލުން އިތުރަށް ހަރުދަނާކުރުމަށް އެއްބަސްވެވަޑައިގެންފަ އެވެ.