ގުޅީފަޅުގެ މަގު ހެދުމާއި މުނިސިޕަލް އިންފްރާސްޓްރަކްޗާ ގާއިމުކުރުމުގެ މަސައްކަތް ޗައިނާގެ ކުންފުންޏަކާއި ހަވާލުކޮށް އެއްބަސްވުމުގައި ސޮއިކޮށްފި އެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި މަޝްރޫއުގެ އެއްބަސްވުމުގައި ސޮއިކުރެއްވީ ކޮންސްޓްރަކްޝަން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް އެވެ. ޗައިނާ މެޝިނަރީ އިންޖިނިއަރިން ކޮމްޕެނީ (ސީއެމްއީސީ) ގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ރީޖަނަލް ޖެނެރަލް މެނޭޖަރު ކިއަން ހައޮޖުންއެވެ.
މި މަޝްރޫއުގެ އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތުގައި މިނިސްޓަރު މުއްތަލިބް ވިދާޅުވި ގޮތުގައި މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ޗައިނާއަށް ކުރެއްވި ދަތުރުފުޅުގައި ސީއެމްއީސީ އާއި ހައުސިން މިނިސްޓްރީއާއެކު ކުރެވުނު އެމްއޯޔޫއެއްގެ ދަށުން ކުރެވުނު މަސައްކަތްތަކެއްގެ ނަތީޖާ އެވެ.
އެގޮތުން މިނިސްޓްރީ އާއި ސީއެމްއީސީއާ ދެމެދު ޓެކްނިކަލް ފެންވަރުގައި ގިނަ މަސައްކަތްތަކެއް ކުރެވުނު ކަމަށް މުއްތަލިބް ވިދާޅުވި އެވެ.
"ޕްރޮޖެކްޓް ސްކޯޕިން ތައްޔާރުކުރުމާއި ޓެކްނިކަލް ސްޕެސިފިކޭޝަން ތައްޔާރުކުރުމާއި ކޮންސެޕްޓް ލެވަލްގެ ޑިޒައިން މަސައްކަތްތަކެއް ވަނީ ކުރެވިފަ. މި ހުރިހާ މަސައްކަތްތަކަށްފަހު ކޮންޓެކްޓާ ފައިނޭންސް ހަމަޖައްސާ ގޮތަށް ސީއެމްއީސީ އިން ހުށަހެޅި ޕްރޮޕޯސަލް އިވެލުއޭޓްކޮށް އެއާމެދު ކުރެވުނު މަޝްވަރާތަކަށްފަހު ކޮންޓެކްޓަކާ ހަމައަށް މި ވަނީ އާދެވިފަ،" މުއްތަލިބް ވިދާޅުވި އެވެ.
ޕްރޮޖެކްޓްގެ ތެރެއިން ކުރެވޭ މައިގަނޑު މަސައްކަތްތައް
- ކަރަންޓު ޑިސްޓްރިބިއުޝަން ނެޓްވޯކް ގާއިމުކުރުން
- ފެނާއި ނަރުދަމާގެ ނިޒާމުގެ ގާއިމުކުރުން
- ޑީވޯޓަރިން ސިސްޓަމް ގާއިމުކުރުން
- މަގުތައް ޒަމާނީ ފެންވަރަށް ހެދުން
- ޖީޕޮން ޑަކްޓިން ސިސްޓަމް ގާއިމުކުރުން
- ގޭސް ސްޓޯރޭޖާއި ޑިސްޓްރިބިއުޝަން ސިސްޓަމް ގާއިމުކުރުން
މި އެއްބަސްވުމުގައި ސޮއިކުރުމާއެކު ސާވޭ އަދި ތަފުސީލު ކުރެހުމުގެ މަސައްކަތް ކޮންޓްރެކްޓާ ފަށާނެ ކަމަށް މުއްތަލިބް ވިދާޅުވި އެވެ.
ތިލަމާލެ ބްރިޖު މަޝްރޫއަށް ގުޅީފަޅުން ބޮޑު ބިމެއް ނަގާފައިވާތީ މަސައްކަތަށް ދަތިތަކެއް ހުރި ނަމަވެސް ބައިތަކަށް ބަހާލައިގެން މަސައްކަތް ކުރިއަށް ގެންދަން އެއްބަސްވެފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.