ޑރ. މުހައްމަދު މުއިއްޒު

ޔޫއޭއީއާއި ޗައިނާ އިން ލޯން ދެއްކުން ފަސް އަހަރަށް ފަސްކޮށްދީފި

ރާއްޖެއިން ޗައިނާ އަދި ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ)އިން ނަގާފައިވާ ލޯންތަކަށް ދައްކަންޖެހިފައިވާ ފައިސާ ދެއްކުން ފަސް އަހަރަށް ފަސްކޮށްދީފި އެވެ.

ސަރުކާރުގެ ފަރާތުން މިކަން އިއުލާންކުރެއްވީ މިއަދު ފާހަގަކުރާ ރާއްޖޭގެ މިނިވަން ދުވަހުގެ މުނާސަބަތުގައި މިރޭ ސޯޝަލް ސެންޓަރުގައި ބޭއްވި ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އެވެ.

ރައީސް ވިދާޅުވީ އެންމެ ގިނަ ލޯން ނަގާފައިވަނީ ޗައިނާއާއި އިންޑިއާ އިން ކަމަށާއި އެ ދެ ގައުމުން ރާއްޖެއަށް އަބަދުވެސް އެހީތެރިކަން ފޯރުކޮށްދޭ ކަމަށެވެ. އަދި ލޯން ދެއްކުމަށް ރާއްޖެއަށް މިއަދު ދަތިތަކެއް ކުރިމަތިވެފައިވާތީ މި ދެ ގައުމުން ރާއްޖެއަށް އެކަމުގައިވެސް ލުއިތައް ދެމުންދާ ކަމުގައި ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ޗައިނާ އާއި އިންޑިއާ އިން ނެގި ލޯންތަކުގެ ތެރެއިން ޗައިނާ އިން ނަގާފައިވާ ލޯންތަކާއި އިންޓަރެސްޓް ފައިސާ ދެއްކުން ފަސް އަހަރަށް ފަސްކޮށްދޭން އެ ގައުމުން ނިންމާފައިވާ ކަމަށެވެ. ޔޫއޭއީ އިން ނަގާފައިވާ ލޯންތަކުގެ ފައިސާ ދެއްކުންވެސް ފަސް އަހަރަށް ފަސްކޮށްދެއްވާފައިވާ ކަމުގައި ވިދާޅުވި އެވެ.

"ފަންނީ މަސައްކަތްތައް އެކަމުގައި ކުރިއަށް މިހާރު އެދަނީ،" ރައީސް ވިދާޅުވި އެވެ.

އިންޑިއާ އިން ރާއްޖެއަށް ދެމުންދާ ލުއިތަކާ ގުޅޭގޮތުން ރައީސް ވިދާޅުވީ ރާއްޖެއިން އިންޑިއާއަށް ދައްކަންޖެހިފައިވާ 50 މިލިއަން ޑޮލަރު އިންޑިއާ އިން ރޯލްއޯވާ ކޮށްދީފައިވާ ކަމަށެވެ. އަދި ރާއްޖެއަށް ބޭނުންވާ އަސާސީ މުދާ ކުރިއަށް އޮތް ދެ އަހަރުގެ ތެރޭގައި ފަސޭހައިން ލިބޭނެ ގޮތް އިންޑިއާ އިން ހަމަޖައްސައިދީފައިވާ ކަމަށްވެސް ވިދާޅުވި އެވެ. އަދި އިންޑިއާ އިން ރާއްޖެއަށް ހަމަޖައްސައިދީފައިވާ ލައިން އޮފް ކްރެޑިޓް ވެސް ބޭނުންކުރެވޭ ގޮތް މިހާރު އެ ގައުމުން ހަމަޖައްސައިދީފައިވާ ކަމަށްވެސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ އެއްވެސް ލޯނަކަށް ފައިސާ ދައްކަންޖެހޭ މުއްދަތުގައި ފައިސާ ނުދައްކާ ނޯންނާނެ ކަމަށެވެ. އެގޮތުން މިސަރުކާރުގައި މިހާތަނަށް 3.8 ބިލިއަން ރުފިޔާ ލޯނަށް ދައްކާފައިވާ ކަމަށްވެސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ގައުމެއްގެ މިނިވަންކަން ޔަގީންކުރުމަށްޓަކައި އެންމެ މުހިއްމު އެއް ކަމަކީ އިގްތިސާދީ މިނިވަންކަން ކަށަވަރުކުރުން ކަމަށެވެ. އެކަމަކު އެމަނިކުފާނު ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިރު ރާއްޖޭގެ އިގްތިސާދު އޮތީ މިނިވަންކަން ކަށަވަރުވާ ހިސާބުގައި ނޫން ކަމަށާއި ސަރުކާރުގެ ގިނަ ކުންފުނިތައް ވެސް ހުރީ ބަނގުރޫޓްވާ ހިސާބުގައި ކަމަށް ވިދާޅުވި އެވެ.

ދައުލަތުގެ އާމްދަނީއާއި ހަރަދުގެ ތަފްސީލް ހިއްސާކުރައްވަމުން ރައީސް ވިދާޅުވީ މިދިޔަ ޖޫން މަހުގެ ނިޔަލަށް މިއަހަރު ދައުލަތަށް 18.6 ބިލިއަން ރުފިޔާ ލިބުނު ކަމަށާއި މިމުއްދަތުގައި ދައުލަތުން ހަރަދުކޮށްފައިވަނީ 16.8 ބިލިއަން ރުފިޔާ ކަމަށެވެ.

"ލިބޭ އާމްދަނީގެ ބޮޑު އަދަދެއް ހަރަދުކޮށްފައި މިވަނީ ދައުލަތަށް ލިބޭ އެއްޗަކުން. ފައިސާ ޗާޕެއް ނުކުރަން،" އެމަނިކުފާނު ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ލޯނަށް ފައިސާ ދެއްކޭނެކަން ކަށަވަރުކުރުމަށް ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ހަދާފައިވާ ސޮވެރިން ޑިވެލޮޕްމަންޓް ފަންޑު (އެސްޑީއެފް)ގައި އެމަނިކުފާނު ވެރިކަމަށް ވަޑައިގެންނެވިއިރު ހުރީ ދެ މިލިއަން ޑޮލަރު ކަމަށެވެ. ނަމަވެސް މިއަދުގެ ނިޔަލަށް އެސްޑީއެފްގައި 65 މިލިއަން ޑޮލަރު އެބަހުރި ކަމުގައިވެސް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ ނިމިދިޔަ ސަރުކާރުން އެކިއެކި ފަރާތްތަކަށް ބަދަލުގެ ގޮތުގައި 2.4 ބިލިއަން ރުފިޔާ ދޫކޮށްފައިވާ ކަމަށެވެ. އެކަން ކޮށްފައިވަނީ ހަމައެއްގެ ތެރެއިން ނޫންކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ މިސަރުކާރުގައި ބަދަލުގެ ގޮތުގައި މިހާތަނަށް ދޫކޮށްފައިވަނީ 119.7 މިލިއަން ރުފިޔާ ކަމަށާއި އެއީވެސް ކުރީގެ ސަރުކާރުގެ ކަމަކުން ދޭންޖެހިފައިވާ ފައިސާއެއް ކަމަށްވެސް ވިދާޅުވި އެވެ. ބަދަލުގެ ގޮތުގައި ދެން ފައިސާ ދޫކުރާނީ ކޯޓު އަމުރެއް ނުވަތަ ހުކުމަކާ އެކު ކަމަށްވެސް ވިދާޅުވި އެވެ.

"ސިޔާސީ ބޭނުމެއްގައި އަޅުގަނޑުމެން އެކަމެއް ނުކުރާނެ އެގޮތަކަށް،" ރައީސް ވިދާޅުވި އެވެ.