ހަބަރު

މާލީ އެހީތެރިކަން ހޯދަން ވަޒީރުންގެ ވަފުދެއް މެދުއިރު މައްޗަށް

ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ ވެރިކަމުގައި ރާއްޖޭގެ އިގުތިސާދު ވެއްޓިފައިވާ ވަޅުގަނޑުން ނަގާ، ކޮޅަށް ޖެހުމަށް ބޭރުގެ ދީލަތި އެހީތެރިކަން ހޯދުމަށް ވަޒީރުންގެ ވަފުދެއް މެދު އިރުމައްޗަށް ދަތުރުފުޅެއް ކުރުމަށް ހަމަޖެހިފައިވާކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.

މިއަދު ފޮރިން މިނިސްޓްރީގައި "އަވަސް" އަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި، މިނިސްޓަރު ޝާހިދު ވިދާޅުވީ ކުރީގެ ސަރުކާރު ނިމުމަކަށް އައިރު ދިވެހި ދައުލަތުގެ ހަޒާނާ ފޫސްގޮސްފައިވާއިރު، އިގުތިސާދު ވަނީ ފުނޑުފުނޑުވެފައިވާ ކަމަށެވެ.

"އެހެންވީމަ އެބަޖެހޭ ފޫ ބެއްދޭނެ ގޮތެއް ހޯދަން، އެފަދަ މަސައްކަތުގެ އެހީތެރިކަން ހޯދަން އަޅުގަނޑު މަސައްކަތް ކުރާނަން،" ޝާހިދު ވިދާޅުވި އެވެ.

އަންނަ ހަފްތާގައި ފައްޓަވާ ދަތުރުފުޅުގައި އެންމެ ފުރަތަމަ ވަޑައިގަންނަވާނީ އަވަށްޓެރި އިންޑިއާއަށް ކަމަށާއި، އެއަށްފަހު މެދު އިރުމަތީގެ ދެ ގައުމަކަށް ވަޑައިގަންނަވާނެކަމަށް މިނިސްޓަރު ހާމަކުރެއްވި އެވެ.

"ހާއްސަ ގޮތެއްގައި ސައުދީ އަރަބިއްޔާ އަށާއި ޔޫއޭއީ އަށް ކުރާ ދަތުރުތަކުގެ ބޭނުމަކީ ވެސް، ރާއްޖޭގެ އިގުތިސާދު މިހާރު އޮތް ހާލަތުންއަރައިގަތުމަށްޓަކައި ބޭނުންވާ އެހީތައް ހޯދުން، ބޭރުގެ ދީލަތި އެހީތަކެއް ލިބިގެން ނޫނިއްޔާ ރާއްޖެ ހިންދެމިނުލެވޭނެ ފަދަ ނިކަމެތި ހާލަތަކަށް ރާއްޖޭގެ އިގުތިސާދު އައިއްސަފައި އޮތީ،" ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މަގާމުގެ ހުވާ ކުރެއްވި ތަގުރީރުގައި އެ މަސައްކަތް ކުރައްވާނެކަމަށް ވިދާޅުވި ވިދާޅުވުމަށް އިޝާރަތް ކުރައްވަމުން މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވި ގޮތުގައި، އެ ދަތުރުފުޅުތަކުގެ ތެރެއިން، ދިވެހިންނަށް އިންޑިއާ އަދި ޔުނައިޓެޑް އެރެބް އެމިރޭޓްސް (ޔޫއޭއީ) އަށް ދަތުރު ކުރުމަށް ބޭނުންވާ ވިސާއަށް ލުއިތަކެއް ހޯދުމަށްވެސް ހާއްސަ މަސައްކަތްތަކެއް ކުރައްވާނެ އެވެ.

އެ ދަތުރުފުޅުގައި، ޝާހިދުގެ އިތުރުން، އިކޮނޮމިކް މިނިސްޓަރާއި، ފައިނޭންސް މިނިސްޓަރު ބައިވެރިވެވަޑައިގަންނަވާނެ ކަމަށާއި، އެންމެ ފަހު ގައުމަކަށް ވަޑައިގަންނަވާނީ ޗައިނާއަށް ކަމަށް ވެސް އެމަނިކުފާނު ހާމަކުރެއްވި އެވެ.

"ޗައިނާއަށް ވަޑައިގެން ރާއްޖޭގައި ހިންގާފައިވާ މަޝްރޫއުތަކަށް ދީފައިވާ ހިލޭ އެހީ އާއި ލޯނުތައް ބައްދަލުވާ ހިސާބާއި ނުބައްދަލުވާ ހިސާބު ސާފުކުރަން އެބަޖެހޭ، އެވާހަކަތައް ދައްކާ އެ ލޯނުތަކުގެ ބުރަ ރާއްޖެއަށް އޮތް މިންވަރު ވަޒަންކޮށް ރާއްޖެއަށް ހިންދެމިލެވޭނެ ގޮތަކަށް ލޯނުތައް ބައްޓަންކުރުން އެއީ އަޅުގަނޑުމެން ކުރަންޖެހޭ ކަމެއް." ޝާހިދު ވިދާޅުވި އެވެ.