ހަބަރު

ޔޫއޭއީއިން ރާއްޖެއަށް 771 މިލިއަން ރުފިޔާގެ ހިލޭ އެހީ ދީފި

Mar 9, 2020
އަބޫދާބީގައި އޮތް ރަސްމިއްޔާތެއްގައި އެހީގެ އެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު އަބްދުﷲ ޝާހިދެވެ. -- ފޮޓޯ: ފޮރިން މިނިސްޓްރީ
0%
0%
0%

ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ)އިން ހިލޭ އެހީގެ ގޮތުގައި ރާއްޖެއަށް 771 މިލިއަން ރުފިޔާ ދިނުމުގެ އެއްބަސްވުމުގައި މިއަދު ސޮއިކޮށްފި އެވެ.

ފޮރިން މިނިސްޓްރީން ބުނީ ޔޫއޭއީގެ ވެރިރަށް އަބޫދާބީގައި އޮތް ރަސްމިއްޔާތެއްގައި އެހީގެ އެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު އަބްދުﷲ ޝާހިދެވެ. އަބޫދާބީ ފަންޑް ފޮ ޑިވެލޮޕްމަންޓްގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ފަންޑްގެ ޑިރެކްޓަރު ޖެނެރަލް މުހައްމަދު ސައިފް އަލްސުވައިދީ އެވެ.

އަބޫދާބީ ސަރުކާރުން ރާއްޖެއަށް 385 މިލިއަން ރުފިޔާގެ އެހީ ދިނުމަށް ނިންމާފައިވަނިކޮށް، އެ އެހީ ދެގުނަ ބޮޑުކޮށް، 771 މިލިއަން ރުފިޔާއަށް އިތުރުކޮށްފައިވާކަން އަބޫދާބީ ސަރުކާރުން އެގީ މިދިޔަ އަހަރު ނޮވެމްބަރު މެހެވެ.

އަދި ހަމަ އެދުވަހުގެ ރޭ ބޭއްވި ޖުމްހޫރީ ދުވަހުގެ ރަސްމީ ޖަލްސާގައި ރައީސް އިބްރާހިމް މުހައްމަދު ސާލިހު ވަނީ އެކަން އިއުލާންކުރައްވާފަ އެވެ.

"އަދި މިއަދު އިރުއޮއްސެމުން ދަނިކޮށް، އަޅުގަނޑަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ގުޅުއްވާފައި ވިދާޅުވި، އަބޫދާބީން މި އަހަރު ދިނުމަށް ނިންމާފައި އޮތް 25 މިލިއަން ޑޮލަރު، 50 މިލިއަން ޑޮލަރަށް ހިލޭ އެހީގެ ގޮތުގައި ބަދަލުކޮށްދެއްވި ވާހަކަ،" ރައީސް އެރޭ ވިދާޅުވި އެވެ.

މި ސަރުކާރު ވެރިކަމަށް އައުމާއެކު ޔޫއޭއީ އާއެކު އޮންނަ ގުޅުން ވަރަށް ބޮޑަށް ބަދަހިވެފައިވާއިރު، ރައީސް ސާލިހު ވަނީ ޔޫއޭއީއަށް ރަސްމީ ދެ ދަތުރުފުޅެއް މިހާތަނަށް ކުރައްވާފަ އެވެ. އެމަނިކުފާނު އެންމެ ފަހުން އެގައުމަށް ވަޑައިގެންފައިވަނީ މިދިޔަ ނޮވެމްބަރު މަހެވެ.

ފޮރިން މިނިސްޓަރު ޝާހިދު ޔޫއޭއީއަށް ކުރެއްވި ފުރަތަމަ ދަތުރުފުޅުގައި ކުރެވުނު މަޝްވަރާތަކާއެކު ދިވެހިންނަށް ކުރިން ވިސާ ނެގުމަކާ ނުލައި އެގައުއުމަށް ދެވޭ ގޮތް ހަމަޖެހިގެން ދިޔަ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910