ހަބަރު

ޗައިނާއާއެކު ގުޅިގެން މަސައްކަތް ކުރުމުގައި ރާއްޖެ ބާކީނުވާނެ: ޝާހިދު

Dec 29, 2018
3

ޗައިނާގެ އިގުތިސޯދަކީ ދުނިޔޭގައި އެންމެ ބާރަށް ކުރިއަރަމުން އަންނަ އިގުދިސޯދުކަމަށާއި، އަވަށްޓެރި ހުރިހާ ގައުމުތަކުން ޗައިނާއާއެކު ގުޅިގެން މަސައްކަތް ކުރަމުން އަންނަ އިރު، އެކަމުގައި ރާއްޖެ ބާކީނުވާނެކަމަށް، ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެރިކަމަށް ވަޑައިގެންނެވުމާއެކު، އަވަށްޓެރި އިންޑިއާ އާ އޮންނަ ގުޅުން ރަނގަޅުވުމުން، ޗައިނާ އާއި ދުރަށް ޖެހިދާނެކަމުގެ އަޑުތައް ގަދަވެފައިވާ ދަނޑިވަޅެއްގައި، ޗައިނާގެ ޒިންހުއާ ނޫހަށް ދެއްވި އިންޓަވިއުއެއްގައި ޝާހިދު ވަނީ އެކަމަށް ވަރަށް ސާފު ރައްދެއް ދެއްވައިފަ އެވެ.

"ޗައިނާގެ އިގުތިސޯދަކީ ދުނިޔޭގައި އެންމެ ބާރަށް ކުރިއަރަމުން އަންނަ އިގުތިސޯދު، އަޅުގަނޑުމެންގެ އަވަށްޓެރި ހުރިހާ ގައުމުތަކަކުން އެދަނީ ޗައިނާ އާއެކު ގުޅިގެން މަސައްކަތް ކުރަމުން، އަދި ދުނިޔޭގެ އެންމެ ބޮޑެތި އިގުތިސޯދުތައް ވެސް ޗައިނާއާއެކު މަސައްކަތް ކުރާތަން އެބަ ފެނޭ، އެހެންވީމަ އަޅުގަނޑުމެން [ރާއްޖެ] ވެސް އެކަމުގައި ބާކިވެފައި ނޯންނާނެ،" ޝާހިދު ވިދާޅުވި އެވެ.

ޝާހިދު އިތުރަށް ވިދާޅުވި ގޮތުގައި، ޗައިނާގެ ޔުނިވާސިޓީތަކުގައި ދިވެހި ޒުވާނުން ތައުލީމު ހާސިލްކުރަމުންދާކަމީ، ރާއްޖެއަށް ބޮޑެތި ފައިދާތަކެއް ކުރާނެ ކަމަށެވެ.

"ދިވެހި ޒުވާން ޖީލު ޗައިނާގެ އިންސްޓިޓިއުޓުތަކުގައި ތަމްރީން ލިބުމަކީ ވަރަށް މުހިންމު ކަމެއް، އެއީ ޗައިނާގައި ފެންނަމުންދާ އިގުތިސޯދީ އަދި ޓެކްނޮލިޖީގެ ކުރިއެރުންތަކުގެ ސަބަބުން، އަޅުގަނޑަށް ގަބޫލުކުރެވޭ ގޮތުގައި، ޗައިނާއަކީ ރާއްޖެއަށް ބޮޑެތި ފައިދާތަކެއް ހޯދިދާނެ ގައުމެއް،" ޝާހިދު ވިދާޅުވި އެވެ.

ޗައިނާ އާއެކު ކުރީގެ ސަރުކާރުން ވެފައިވާ އެއްބަސްވުންތައް އުވާލައި، މަޝްރޫއުތައް ހުއްޓާ ނުލާނެކަމުގެ ޔަގީންކަންވެސް ޝާހިދު ވަނީ އަރުވައިފަ އެވެ.

މިގޮތުން، ވިޔަފާރީގެ ރޮނގުން މުޅި ދުނިޔެއާއި ޗައިނާ ގުޅުވައިލުމަށް ހިންގާ ބިޔަ މަޝްރޫއެއް ކަމަށްވާ "ދަ ސިލްކް ރޯޑް އިކޮނޮމިކް ބެލްޓް އެންޑް ދަ ޓުވެންޓީ ފަސްޓް ސެންޗުރީ މެރިޓައިމް ސިލްކް ރޯޑް" ގެ ދަށުން ރާއްޖޭގައި ހިންގުމަށް ހަމަޖެހިފައިވާ މަޝްރޫއުތައް ކުރިއަށް ގެންދާނެކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފަ އެވެ.

ސިލްކް ރޯޑު މަޝްރޫއު އާއި ގުޅޭގޮތުން ޝާހިދު މިގޮތަށް ވިދާޅުވެފައިވަނީ، ނިމިގެން ދިޔަ ސަރުކާރުން ވެފައިވާ ބޮޑު އެއްބަސްވުމެއްގެ ތަފްސީލްތައް މި ސަރުކާރަށް އަދި ލިބިފައިނުވާ ކަމަށް ރައީސް ސޯލިހު ވިދާޅުވެފައިވަނިކޮށެވެ.