ހަބަރު

ޗައިނާގެ ސިލްކް ރޯޑް މަޝްރޫއުތައް ކުރިއަށްދާނެ: ޝާހިދު

Dec 29, 2018
8

ވިޔަފާރީގެ ރޮނގުން މުޅި ދުނިޔެއާއި ޗައިނާ ގުޅުވައިލުމަށް ހިންގާ ބިޔަ މަޝްރޫއެއް ކަމަށްވާ "ދަ ސިލްކް ރޯޑް އިކޮނޮމިކް ބެލްޓް އެންޑް ދަ ޓުވެންޓީ ފަސްޓް ސެންޗުރީ މެރިޓައިމް ސިލްކް ރޯޑް" ގެ ދަށުން ރާއްޖޭގައި ހިންގުމަށް ހަމަޖެހިފައިވާ މަޝްރޫއުތައް ކުރިއަށް ގެންދާނެކަމަށް، ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.

ޗައިނާގެ ޒިންހުއާ ނޫހަށް ދެއްވި އިންޓަވިއުއެއްގައި ޝާހިދު ވަނީ ޗައިނާ އާއި ރާއްޖެއާ ދެމެދު އޮތް ގުޅުން، ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި އިތުރަށް ފުޅާކުރައްވާނެކަމަށް ވިދާޅުވެފަ އެވެ.

"ޗައިނާގެ އިގުތިސޯދަކީ ދުނިޔޭގައި އެންމެ ބާރަށް ކުރިއަރަމުން އަންނަ އިގުތިސޯދު، އަޅުގަނޑުމެންގެ އަވަށްޓެރި ހުރިހާ ގައުމުތަކަކުން އެދަނީ ޗައިނާ އާއެކު ގުޅިގެން މަސައްކަތް ކުރަމުން، އަދި ދުނިޔޭގެ އެންމެ ބޮޑެތި އިގުތިސޯދުތައް ވެސް ޗައިނާއާއެކު މަސައްކަތް ކުރާތަން އެބަ ފެނޭ، އެހެންވީމަ އަޅުގަނޑުމެން [ރާއްޖެ] ވެސް އެކަމުގައި ބާކިވެފައި ނޯންނާނެ،" ޝާހިދު ވިދާޅުވި އެވެ.

ސިލްކް ރޯޑު މަޝްރޫއު އާއި ގުޅޭގޮތުން ޝާހިދު މިގޮތަށް ވިދާޅުވެފައިވަނީ، ނިމިގެން ދިޔަ ސަރުކާރުން ވެފައިވާ ބޮޑު އެއްބަސްވުމެއްގެ ތަފްސީލްތައް މި ސަރުކާރަށް އަދި ލިބިފައިނުވާ ކަމަށް ރައީސް ސޯލިހު ވިދާޅުވެފައިވަނިކޮށެވެ.

އޭގެ ތަފްސީލްތަކެއް އަޅުގަނޑުމެންނަކަށް ނޭނގެ، އެ އެގްރިމެންޓް މި ހޯދަނީ، އަޅުގަނޑު ގަބޫލު ކުރާ ހިތެއް ނުވޭ ރާއްޖޭގެ މިނިވަންކަމަށް ބުރޫ އަރާފަދަ ކަމެއް ރައީސް ޔާމީންގެ ސަރުކާރުން ވެސް ކޮށްފައި އޮންނާނެ ކަމަކަށް،" އިންޑިއާއަށް ކުރެއްވި ދަތުރުފުޅަށްފަހު ނޫސްވެރިންގެ ސުވާލުތަކަށް ޖަވާބު ދެއްވުމަށް ރައީސް ސޯލިހު ޑިސެމްބަރު 19 ވަނަ ދުވަހު ވިދާޅުވެފައިވެ އެވެ.

ރައީސް ސޯލިހު ވެރިކަމަށް ވަޑައިގެންނެވުމާއެކު، އަވަށްޓެރި އިންޑިއާ އާއެކު ގުޅުން މިހާރު ރަނގަޅުވެފައިވާއިރު، ޗައިނާ އާއެކު ކުރީގެ ސަރުކާރުން ވެފައިވާ އެއްބަސްވުންތައް މުރާޖައާކުރާނެކަމުގެ އަޑުތައް ވަނީ ގަދަވެފަ އެވެ.

ނަމަވެސް، ޗައިނާގެ އެންމެ ބިޔަ ސިލްކް ރޯޑު މަޝްރޫއުއަށް ރާއްޖޭން އެއްބާރުލުންދޭނެ ކަމަށް ޝާހިދު ވިދާޅުވުމުން، ޗައިނާ ސަރުކާރުން ވެސް ވަނީ އެކަމަށް މަރުހަބާ ކިޔައިފަ އެވެ.

އިއްޔެ ޗައިނާ ސަރުކާރުގެ ތަރުޖަމާނު އެގައުމުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން ޝާހިދުގެ ވާހަކަފުޅާއި ގުޅިގެން ކުރެވުނު ސުވާލަކަށް ޖަވާބު ދެއްވަމުން ވިދާޅުވީ ރާއްޖޭގެ އިގުތިސޯދަށް އިންގިލާބީ ބަދަލެއް ގެނައުމުގައި ޗައިނާގެ ދައުރު ވަރަށް ބޮޑު ކަމަށެވެ.

"ރާއްޖޭގެ އާ ސަރުކަރާއެކު ގުޅިގެން މަސައްކަތްކޮށް، ރަހުމަތްތެރި ގުޅުން އިތުރަށް ބަދަހިކޮށް، ދެ ގައުމަށް ވެސް ހަމަހަމަކަމާއެކު ފައިދާވާ ގޮތަށް ސިލްކް ރޯޑް މަޝްރޫއުގެ ދަށުން ދެގައުމުގެ ތަރައްގީގެ މަޝްރޫއުތައް ކުރިއަށް ގެންދަން ޗައިނާ ސަރުކާރުން އޮތީ ތައްޔާރަށް،" ހުއާ ޗުންޔިންގް ވިދާޅުވި އެވެ.

ޗައިނާއިން ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ގިނަ ލޯނުތަކެއް ނަގާފައިވާއިރު އެ ގައުމަށް އޮތް ދަރަނީގެ އަދަދު 1.4 ބިލިއަން ޑޮލަރަށް ވަނީ އަރާފަ އެވެ. އެ ލޯނުތަކަކީ އިންޓްރެސްޓް ރޭޓް ބޮޑު ލޯނުތަކެވެ.