އެސްޓީއޯ

އިހަވަންދިއްޕޮޅު ބަންކަރިން މަޝްރޫއު ފެށުމަށް އެއްބަސްވުމެއްގައި ސޮއިކޮށްފި

މޯލްޑިވްސް އިކޮނޮމިކް ގޭޓްވޭ ޕްރޮޖެކްޓްގެ ދަށުން އިހަވަންދިއްޕޮޅުގައި ހަދާ ބައިނަލްއަގުވާމީ ބަންކަރިން މަޝްރޫއު ފެށުމުގެ ގޮތުން އެސްޓީއޯ އާއި ވިޓޯލް ގްރޫޕްއާދެމެދު އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފި އެވެ.

މި އެއްބަސްވުމުގައި އެސްޓީއޯގެ ފަރާތުން ސޮއިކުރެއްވީ ކުންފުނީގެ އެމްޑީ ޝިމާދު އިބްރާހިމް އެވެ. ވިޓޯލްގެ ފަރާތުން ސޮއިކުރެއްވީ ވިޓޯލް ގުރޫޕުގެ ޑިރެކްޓަރު ޖޭ އެވެ.

މި ރަސްމިއްޔާތު ޝަރަފުވެރިކޮށް ދެއްވީ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު އެވެ.

މި އެއްބަސްވުމަކީ މޯލްޑިވްސް އިކޮނޮމިކް ގޭޓްވޭގައި ބައިނަލްއަގުވާމީ ބަންކަރިން ވިޔަފާރި ފެށުމަށްޓަކައި ފުރިހަމަ ކުރަންޖެހޭ ކަންކަން ކަނޑައަޅައި އެކަންކަން ދެފަރާތުން އެއްބަސްވާ މުއްދަތެއްގައި ފުރިހަމަކޮށް ނިންމުމަށް އެއްބަސްވުމެއްގައި ސޮއި ކުރުމުގެ ކުރިން ސޮއި ކުރެވޭ ޓާމް ޝީޓްއެ އެކެވެ.

އެސްޓީއޯ އާއި ވިޓޯލްއަކީ ވިޔަފާރީގެ ގޮތުން ވަރަށް ތާރީހީ ގުޅުންތަކެއް އޮންނަ ދެ ކުންފުންޏެވެ.

ވިޓޯލްއަކީ ހަކަތައިގެ ވިޔަފާރީގައި ދުނިޔޭގައި އެންމެ ބޮޑު ކުންފުންޏެވެ. ވީޓޯލްގެ އޮފީސްތައް ދުނިޔޭގެ 40 ގައުމެއްގައި ހުންނައިރު މި ކުންފުނިން އަހަރަކު 12 މިލިއަން ޓަނު ތެޔޮ ބަންކާ ފިއުލްގެ ގޮތުގައި ވިއްކަ އެވެ.

މީގެ އިތުރުން ވިޓޯލްއަކީ މެދު އިރުމަތީގައި އެންމެ ބޮޑު ފިޒިކަލް ބަންކާ ސަޕްލަޔާ އަދި ސިންގަޕޫރުގެ އެންމެ ބޮޑު އެއް ބަޔޯ މެރީން ފިއުލް ސަޕްލަޔަރެވެ.

މި އެއްބަސްވުމުގެ ތެރެއިން ވިޓޯލްގެ މައިގަނޑު ޒިންމާއަކީ ބަންކަރިންގެ ހިދުމަތް ދިނުމަށް ބޭނުންވާ ތެޔޮ އިހަންވަދިއްފޮޅުގައި އޮންނަ ބާޖަށް ސަޕްލައި ކުރުމާއި ވިޓޯލްގެ ބޮޑު ނެޓްވޯކްގެ ތެރެއިން ބައިންލްއަގުވާމީ ބަންކަރިން ހަބްއެއްގެ ގޮތުގައި ދިވެހި ރާއްޖެ އިސްތިހާރު ކުރުމެވެ.

މީގެ ތެރެއިން ބޯޓުތަކަށް ބޭނުންވާ ހެވީ ފިއުލް އޮއިލް މެރިން ގޭސް އޮއިލް ލިބެން ހުންނާނެ އެވެ. އަދި ޑިމާންޑް އޮތް ކަމުގައި ވާނަމަ ކުރިއަށް އޮތް ތަނުގައި އެލް.އެން.ޖީ. އަދި ބަޔޯ ފިއުލް ވެސް ވިއްކުމުގެ އިންތިޒާމު ހަމަޖެހިގެންދާނެ އެވެ.

މި ޓާމް ޝީޓް އާއި ގުޅިގެން ހެދޭ އެއްބަސްވުމުގައި އެސްޓީއޯ ވާނީ މޯލްޑިވްސް އިކޮނޮމިކް ގޭޓްވޭގައި ފިޒިކަލް ބަންކާ ސަޕްލަޔަރަށެވެ.