އެސްޓީއޯ

އިހަވަންދިއްޕޮޅުގައި ބަންކަރިން ފެސިލިޓީ ހަދަން ގަތަރުގެ އާބަކޮންއާ އެކު އެސްޓީއޯ އިން ސޮއިކޮށްފި

އިހަވަންދިއްޕޮޅުގައި ބަންކަރިން ފެސިލިޓީއެއް ގާއިމުކުރުމަށް ގަތަރުގެ އާބަކޮން ޓްރޭޑިން އެންޑް ކޮންޓްރެކްޓިން އާއި އެކު އެސްޓީއޯ އިން އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.

އިހަވަންދިއްޕޮޅުގައި ޕްލޭންކޮށްފައިވާ ޕޯޓް ސިޓީ ޑިވެލޮޕްމަންޓް ޕްރޮޖެކްޓްގައި ބަންކަރިން ފެސިލިޓީ ގާއިމުކުރުމަށް އެސްޓީއޯ އާއި އެކު ސޮއިކުރި އާބަކޮން އަކީ މެދުއިރުމަތީގެ އެންމެ ބޮޑު އެއް ވިޔަފާރި ކުންފުންޏެވެ.

ޕޯޓް ސިޓީގެ އެންމެ މުހިއްމު އެއް ބަޔަކީ ތެލުގެ ގައުމީ ސްޓްރެޓެޖިކް ރިޒާވްއެއް ހެދުމާއި އިންޓަނޭޝަނަލް ބަންކަރިންގެ ހިދުމަތް ފެށުމެވެ.

މިގޮތުން މިރޭ ސޮއި ކުރި އެއްބަސްވުމަކީ އެސްޓީއޯއާއި އާބަކޮން ގުޅިގެން ބަންކަރިން އަދި ގައުމީ ތެލުގެ ރިޒާވް ތަރައްގީކުރުމަށް ބޭނުންވާ ފީސިބިލިޓީ ސްޓްޑީޒްތައް ހަދައި މިޕްރޮޖެކްޓް ކުރިއަށް ގެންދިއުމަށް ވެވުނު އެއްބަސްވުމެކެވެ.

ގުދުރަތީ ގޮތުން ވަކި އަތޮޅެއް ކަމަށްވާ އިހަވަންދިއްޕޮޅު އަތޮޅު އޮންނަނީ އިންޑިއާ ކަނޑުގެ މާލީ މުއާމަލާތްތައް ހިނގާ ޝިޕިންގެ އިރުމައްޗަށް އަދި ހުޅަނގަށް ދަތުރުކުރާ މއި ލޭނު ގައެވެ.

މިސަރަހައްދުން ދުވާލަކު 300 އަށް ވުރެ ގިނަ ބޮޑެތި އާގު ބޯޓު ހުރަސް ކުރެ އެވެ. ދުނިޔޭގެ ބަންކަރިން އިންޑަސްޓްރީއަކީ 150 ބިލިއަން ޑޮލަރުގެ ވިޔަފާރި އެކެވެ.

އެސްޓީއޯ އިން ބުނީ މިސަރަހައްދުގައި ބަންކަންރިންގެ ހިދުމަތް ފަށައި އޭގެ ނަފާ މުޅި ގައުމަށާއި އެ ކުންފުންޏަށް ހޯދައިދިނުމަކީ މިޕްރޮޖެކްޓުގެ އެންމެ މުހިއްމު އެއް އަމާޒު ކަމަށެވެ. މީގެ ސަބަބުން ރާއްޖޭގެ މެރިޓައިމް ސިނާއަތަށާއި، ގުޅުންހުރި ވިޔަފާރިތަކަށްވެސް ބޮޑެތި ކުރިއެރުންތަކެއް ލިބިގެން ދާނެ ކަަމަށް އެސްޓީއޯ އިން ބުނެ އެވެ. މީގެތެރޭގައި ޝިޕިން އެޖެންސީ، ކްރޫ ޗޭންޖް، ޝިޕް ޗޭންޑްލިންގް، ޝިޕް ރިޕެއަ އަދި ސްޕެއާ ޕާޓްސް ފޯރުކޮށްދިނުން ހިމެނެ އެވެ.

މީގެ އިތުރުން ބަންކަރިންގެ ހިދުމަތް ފެށުމަށް އިދާރީ އޮނިގަނޑު އެކުލަވާލުމަށްޓަކައި ބޭރުގެ ފަންނީ ކޮންސަލްޓަންސީ ހޯދައި ގަވައިދުތަކުގެ ޑްރާފްޓްތއް ހަދާ ނިމިފައިވާ ކަމަށްވެސް އެސްޓީއޯ އިން ބުނެ އެވެ.

މިޕްރޮޖެކްޓް ހިންގުމުގައި ރާއްޖޭގެ ނާޒުކު ތިމާވެއްޓަށް ރައްކާތެރިވުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް ދިރާސާކޮށް، ހޯދަންޖެހޭ އާލާތްތައް، އެމްއެންޑީއެފްގެ ލަފާގެ މަތިން މިހާރު ވަނީ ހޯދާފަ އެވެ.

އިހަވަންދިއްޕޮޅުގައި "އައިހެވަން"ގެ ނަމުގައި ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ވެސް ބޮޑު މަޝްރޫއެއް ހިންގަން މަސައްކަތް ކުރި އެވެ. އެތައް ބިލިއަން ޑޮލަރެއްގެ މި މަޝްރޫއުގައި ވެސް ބަންކަރިން އާއި ޓޫރިޒަމްގެ ފެސިލިޓީ އަދި ޑިއުޓީ ފްރީ ޒޯން ފަދަ ޒަމާނީ ހިދުމަތްތައް ދޭން ރޭވި އެވެ. އެކަމަކު ދައުރު ނިމިގެން ދިޔައިރު އަމަލީ އެއްވެސް މަސައްކަތެއް ކުރެވިފައެއް ނުވެ އެވެ.