ޔޫރަޕަށް ދަތުރުކުރަން ނަގާ ވިސާ، ސެންޒެން ވިސާގެ ކަންކަން ހަރުކަށި ކޮށްފައި ވަނީ ރާއްޖެއަށް އެކަނި ނޫން ކަމަށް ފޮރިން ސެކްރެޓަރީ ޑރ. އަލީ ނަސީރު މިއަދު ވިދާޅުވި އެވެ.
ދައުލަތުގެ އެންމެ އިސްވެރިން ވެސް ސެންޒެން ވިސާ ނަގަން މިހާރު ޖެހެނީ ސްރީލަންކާގެ ކޮލަމްބޯއަށް ދަތުރު ކުރާށެވެ. މީގެ ކުރިން ހަމަޖެހިފައި އޮންނަ އުސޫލުގެ ދަށުން ފުރަތަމަ ފަހަރަށް ސެންޒެން ވިސާ ނަގައިފި ނަމަ، އެ ވިސާއަށް ފަސް މަސް ހަމަވަންދެން ދެން އިތުރަށް ކޮލަމްބޯއަށް ނުގޮސް ވެސް އެ ވިސާ އައީ ޖަހައިދެމުންނެވެ.
އެ ބަދަލާ ގުޅޭ ގޮތުން ފޮރިން ސެކްރެޓަރީ މިއަދު ވިދާޅުވީ ޔޫރަޕަށް ދަތުރު ކުރުމަށް މިހާރު ވިސާ ޖަހާ ކޮންމެ ފަހަރަކު އިނގިލީގެ ނިޝާން ނަގާ ގޮތަށް ހަމަޖައްސާފައިވާ ކަމަށެވެ. އަދި އެގޮތަށް ހަމަޖެއްސީ ފްރާންސްގެ ވެރިރަށް ޕެރިހަށް ދިން ބޮމުގެ ހަމަލާތަކާ ގުޅިގެން ސަލާމަތީ ފިޔަވަޅެއްގެ ގޮތުން ކަމަށެވެ. އަދި ވިސާ ނަގައިގެން ޔޫރަޕަށް ދަތުރު ކުރަން ޖެހޭ ކޮންމެ ގައުމަކަށް ވެސް އެ އުސޫލުން އަމަލު ކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.
"މިއީ މުޅި ވިސާ ޕޮލިސީ އަށް އައިސްގެން އުޅޭ ބަދަލެއް. ވަކި ރާއްޖެއަށް އައި އުސޫލެއް ނޫން މިއީކީ. ކޮންމެ ފަހަރަކު ވެސް މުޅިން އަލަށް ފިންގަޕްރިންޓް މި ނަގަން ޖެހެނީ. މީގެ ކުރިން ފަސް މަސް ނުވަންޔާ ފިންގަޕްރިންޓް ނުނަގާ ވިސާ ދޭ. އެކަމަކު މިހާރު ކޮންމެ ބޭފުޅަކު ވެސް ވިސާ ނަންގަވަން އެބަ ޖެހޭ ސްރީލަންކާއަށް ވަޑައިގަންނަވަން،" ފޮރިން ސެކްރެޓަރީ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ރާއްޖެއިން ޔޫރަޕްގެ ގައުމުތަކަށް އެންމެ ގިނައިން ދަތުރު ކުރަނީ ވިޔަފާރިވެރިން ކަމަށެވެ. އަދި ކޮންމެ ފަހަރަކު ލަންކާއަށް ދާން ޖެހޭތީ އެކަމުގެ ސަބަބުން ދަތިތަކެއް ހުންނާނެ ކަމަށެވެ. އެ ވިސާ ފަސޭހައިން ލިބޭނެ ގޮތްތަކެއް ހަމަޖެހޭތޯ ވަކިވަކި ގައުމުތަކާ އެކު މަޝްވަރާ ކުރައްވާނެ ކަމަށް ވެސް ވިދާޅުވި އެވެ.